ހިރާ ސްކޫލުގެ ދަރިވަރުން، ޚިޔާލީ ދުނިޔެއިން ދައްކުވައިދިން ހުނަރުވެރިކަން

އައްޑޫ ސިޓީގައި ހިންގަމުން ގެންދާ ހިރާ ސްކޫލްގެ ދަރިވަރުންގެ ޚިޔާލީ ދުނިޔެއިން އެތައް ހުނަރެއް ދައްކުވައިދީފިއެވެ. އެ ސްކޫލުން ވަނީ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރަމުންދާ ގޮތުގެ ވީޑިއޯތަކެއް ދޫކޮށްލާފައެވެ.

އެއް ވީޑިއޯއިން ފެންނަނީ ރަށުގެ ވަކި ސަރަހައްދަކަށް ދަރިވަރުން މިސްރާބުޖަހާ މަންޒަރެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ވެސް ކޮންމެވެސް އެއްޗެއް އޮތެވެ. ބައެއް ދަރިވަރުން އަތުގައި އެ ކުދިން އިށީދެލާނެ ކުނަލެކެވެ. އަނެއްބައި ދަރިވަރުންގެ އަތުގައި ވަށިގަޑެކެވެ. މި ވަށިގަނޑުގައި ކައްކަން ބޭނުންކުރާ ބައެއް ސާމާނު ހުއްޓެވެ. އެ ކުދިންގެ އެ ހަރަކާތްތަކާއި އުޅުމުން ހަނދާން ވަނީ ބަތްކައްކާ ކުޅެން އުޅުނު ހަނދާނެވެ.

އުނދުން ހެދީ ތިން ގާ ބަހައްޓައިގެންނެވެ. އުނދުން މައްޗަށް އުދީ ނާއްޓެކެވެ. ހޮވައިގެން ގެނައި ދަރު އުނދުނުގައި ދަރު ޖައްސަން ދެ ކުއްޖަކު އުޅެއެވެ. އުނދުން ރޯކުރަން މާ ގަޔާވެފައި އުޅުނުއިރު، ދެން ފެންނަނީ ކެއްކުމަށް ބޭނުންވާ ސާމާނު ވަރަށް ފަރިތަކަމާއި ފަރުވާތެރިކަމާއެކު ކޮށާ މަންޒަރެކެވެ. އެކުދިން ކޮށަމުން ދިޔައީ ތަފާތު ވައްތަރުގެ ފަތެވެ. ބޭނުން ކުރީ ބްރެޑް ނައިފެކެވެ.

ކައްކަން ބޭނުން ކުރި ހުރިހާ އެއްޗެއް ހޯދީ ވަލުތެރެއިންނެވެ. އެކި ގަސްގަހުގެ ވައްކެވެ. ތަފާތު ވައްތަރުގެ ފަތެވެ. ކޮށި ހުރިހާ އެއްޗެއް ނާއްޓަށް އެޅުމަށްފަހު، އޭގެ ތެރެއަށް ފެންފޮދެއް ވެސް އަޅައެވެ. އަދި އިލޮއްޓަކުން ހަލަމުން ދިޔައެވެ. އުނދުން ނިވޭހެން ހީވާ ކޮންމެ ފަހަރަކު ހުޅުގަނޑު ބޮޑުކޮށްލަން ވެސް ކޮންމެވެސް ކުއްޖަކު އުޅޭތަން ފެނެއެވެ.
ކައްކައި ނިމިނުއިރު، ސުފުރުމަތީގައި އަތުރާލާފައި އޮތީ ތަށީގެ ބަދަލުގައި ފަތްތަކެވެ. ކޮންމެ ފަތަކަށް އެއްވަރަށް ބަހާލިއެވެ. އެންމެ ފަހުން އެކުދިން ކުރަމުން ގެންދިޔަ އެ މަސައްކަތް ބަލަން އިންނެވި މުދައްރިސަށް ވެސް އޭގެ ރަހަ ދައްކައެވެ. މުދައްރިސް ވެސް ރަހަބަލައި މަންޒަރު ދައްކައެވެ.
މި ހުރިހާ ކަމެއް ކުރިއިރު، އެކުދިންގެ ފަރާތުން ފެނުނީ ހުނަރުވެރިކަމެވެ. ޖެހިލުންނުވެ ފާޑުވެރިކަމާއެކު އެ މަސައްކަތް ކުރަމުންދިޔަ ތަނެވެ.

ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަސް ހިރާ ސްކޫލުން ޚާއްޞަ ކުރަނީ ދަރިވަރުންގެ ހުނަރު ތަރައްގީ ކުރުމަށެވެ. ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިން އެ ދުވަސް އެކީ ތަފާތު މަސައްކަތް ދަސްކުރުމުގައި ހޭދަކުރާއިރު، ގްރޭޑްތަކުގެ ދަރިވަރުނަށް ޚާއްޞަ ކުރަނީ ކޮންމެ ބުރާސްފައްޗެއްގެ އެންމެ ފަހުގެ ދެ ގަޑިއެވެ.
ހިރާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހައްވާ ޒަރީނާ ވިދާޅުވި ގޮތުގައި އެ ސްކޫލްގެ ދަރިވަރުންނަށް ހުނަރު ތަރައްގީކޮށް މަސައްކަތްތައް ދަސްކޮށްދިނުމަށް ދުރާލައި ރާވައިގެން ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. އެއީ އެ ކުދިންގެ އުމުރާ ގުޅޭ ގޮތަށް އެ ކުދިންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އިތުރު އެހެން ވީޑިއޯއެކެވެ. މިފަހަރު ފެންނަނީ ދަރިވަރުން ޖޫސް ގިރާތަނެވެ. މިއީވެސް އެ ދަރިވަރުން އަމިއްލައަށް ޖޫސް ގިރަން ދަސްކޮށްދޭން ހިންގި ހަރަކާތެކެވެ. ޖެހިގެން އައީ ވަރަށް ފަރިތަކަމާއެކު ހެދުން ފަތްޖަހާތަނެވެ. އެހާ ވެސް ފަރިތައެވެ. އަތްމަތި ހަލުވިއެވެ. ޓީޝާޓް ފަދަ ތަކެތި ފަތްޖެހުމަށްފަހު ފޮށިގަނޑެއްގައި ތަރުތީބުކުރަނީ ވެސް އެހައިމެ ފުރިހަމައަށެވެ. ޕޭސްޓްރީ ތައްޔާރު ކުރާތަން ވެސް މީގެތެރެއިން ފެނިގެން ދިޔައެވެ. ހުނަރުވެރި ފަންނުވެރިކަން ދައްކުވައިދޭން މަސައްކަތް ކުރިއެވެ.

ފައިސާގެ މުއާމަލާތަކީ ވެސް ކޮންމެހެން ވެސް ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމެކެވެ. ތަފާތު ވައްތަރުގެ ހެދިކާތައް ވިއްކަން ހުރި އިރު، ދަރިވަރުންނަށް އަމިއްލައަށް އެ ތަކެތި ގަނެ ވިޔަފާރީގެ މުއާމަލާތުން ވެސް ފެނުނީ އެ ދަރިވަރުންގެ ހުނަރެވެ. ހުޝިޔާރު ކަމެވެ.

އަދި މިވަރުން ނިންމާލެވޭކަށް ނެތެވެ. ތަފާތު އުމުރު ފުރައަކަށް ކަންތައްތައް ބަހާލާފައިވާ އިރު، މަތީ ގްރޭޑްތަކުގެ ދަރިވަރުން ދިޔައީ ކޫލާސްރޫމުގެ ދޮރުތަކާއި ބިންލޫރިތައް ސާފުކުރަމުންނެވެ. ބޭނުންވާ ހުރިހާ ސާމާނެއް ކައިރީގައި ފެންނަން ހުރިއިރު، ކޮނޑުގައި ފޮތިގަނޑެއް އަޅައިގެން ސާފުކުރަމުން ދިޔައިރު، ފެނުނީ އެ ދަރިވަރުން އެކަމަށް ގަޔާވި މަންޒަރެވެ. ދަސްކުރި ހުނަރުގެ ބޭނުން ހިފާ މިންވަރެވެ.

" ސާފު ކުރުމަކީވެސް ހުނަރެއް. ހަމަ ހުރެލާފައި ފޮތިކޮޅަކުން ސާފުކުރުމާއި، އެކަން ކުރަން އެނގިގެން ކުރުމާ ވަރަށް ތަފާތު. ފުރަތަމަ އެ ކުދިންނަށް ދަސްކޮށްދީނީ ސާފުކުރާއިރު ގެންގުޅެންޖެހޭ ހަމަތަކާއި އުޞޫލުތައް" ހައްވަ ވިދާޅުވިއެވެ.
ހައްވަ ވިދާޅުވި ގޮތުގައި ސްކޫލްގައި ދަސްކޮށްދޭ ދިރިއުޅުމުގެ ހުނަރުތައް ގޭގައި ކުރަމުންދާކަން ބެލެނިވެރިންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

" ބެލެނިވެރިން އެބަ ބުނޭ ގޭގައި ވެސް އެކުދިން މަންމަމެން ކުރާ މަސައްކަތުގައި ބައިވެރިވާކަމަށް. އަމިއްލައަށް ފެނިގެން ބައެއް ކަންތައްތައް ކުރާކަމަށް. މިއީ ކަންތައްތައް ދަސްކޮށްދިނުމުގެ ބޭނުމަކީ. އެކުދިން އަމިއްލައަށް އިސްނަގައިގެން ކަންތައްތައް ކުރުން" ހައްވަ ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *