މުދައްރިސުންނާއި ޕައިލެޓުންނެވެ. ފުލުހުންނާއި ސިފައިންނެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. ޝެފުންނާއި ފަޔަރ ފައިޓަރުންނެވެ. ތަފާތު ވައްތަރުގެ ކުޅިވަރު ކުޅުންތެރިންނެވެ. މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ ދަރިވަރަކުވެސް ހެދުން އަޅައިގެން ހުރީ މުސްތަގުބަލުގައި އެ ދަރިވަރަކު ކުރިއަށްދާން ބޭނުންވާ ދާއިރާއާ ގުޅޭ ހެދުމެއްގައެވެ. މިއީ ޖަމާލުއްދީން ސްކޫލަށް 35 އަހަރު ފުރުނު ޚާއްޞަ ހަފްލާއިން ފެނުނު އެންމެ ހިތްގައިމު މަންޒަރެވެ.

ޖަމާލުއްދީން ސްކޫލްގެ އަހަރީ ދުވަހުގެ ތީމަކީ " ޑްރީމް ޕްރޮފެޝަން" އެވެ. މުސްތަގުބަލުގައި އެކުއްޖަކު ކުރިއަށް ދާނެ ދާއިރާ ކަނޑައެޅުން އޮތީ އެކުއްޖަކަށް ދޫކޮށްލާފައެވެ. ކޮންމެ ކުއްޖަކުވެސް އެ ދުވަހު ސްކޫލަށް ދިޔައީ އެ ކުއްޖަކު ލާން އެންމެ ބޭނުންވާ ޔުނީފޯމްގައެވެ.
ސްކޫލްގެ ތިރީގައި އޮތް ޓާފް ދަނޑުގެ ވަށައިގެންނާއި މަތީ ފަންގިފިލާތަކުގެ ކޮރިޑޯގައި ކުދިން ތިބިއިރު، އެކުދިންގެ މޫނުމަތިން ފެނިގެން ދިތައީ އުފާވެރިކަމުގެ އިހުސާސެވެ.

ޖަމާލުއްދީން ސްކޫލްގެ ލީޑިންގ ޓީޗަރު، ހައްވާ ޝަރުމީލާ ވިދާޅުވީ އަހަރީ ދުވަސް ފާހަގަ ކުރަން އެ ސްކޫލުން ދުރާލާ ތައްޔާރުވި ކަމަށެވެ. ބެލެނިވެރިންނާ ބައްދަލުކޮށް ސްކޫލުން ކަނޑައެޅި ތީމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ.
" ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު އަޅުގަނޑުމެން ބެލެނިވެރިންނާ ބައްދަލުކޮށް، އަހަރީ ދުވަހުގެ ހަރަކާތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރިން. އަޅުގަނޑުމެން ބޭނުންވީ މިފަހަރުގެ ތީމެއްގެ ގޮތުގައި ދަރިވަރުންގެ މުސްތަގުބަލުގައި ކުރިއަށްދާނެ ދާއިރާތަކަށް އަމާޒު ކުރުން " ޝަރުމީލާ ވިދާޅުވިއެވެ.
ޝަރުމީލާ ވިދާޅުވީ އަހަރީ ދުވަހަށް ކަނޑައެޅީ ތީމާ މެދު ދަރިވަރުން ހިތްހަމަޖެހުނު ކަމަށާއި، އެކުދިން ވަރަށް ޝަޢުޤުވެރިކަމަށެވެ.

" އަޅުގަނޑުމެންނަށް ފާހަގަވީ ދަށް ގްރޭޑް ތަކުގެ ދަރިވަރުންނާއި މަތީ ގްރޭޑް ތަކުގެ ދަރިވަރުން ކުރިއަށް ދާނެ ދާއިރާ ކަނޑައެޅުމުގައި ތަފާތު ތަކެއް ހުރިކަން" ޝަރުމީލާ ވިދާޅުވިއެވެ. " ގިނަ ދަރިވަރުންގެ ޝަޢުޤު މެޑިސިންއާއި ޕައިލެޓަކަށް ވުމަށް ހުރިކަން ފާހަގަ ކުރެވޭ"
އަހަރީ ދުވަހުގެ ހަރަކާތުގެ ތެރެއިން، އެ ސްކޫލްގެ އަމުރުވެރި ދަރިވަރުން ވަނީ މަގާމުގެ ހުވާކޮށް، އިގުރާރުގައި ސޮއިކޮށްފައެވެ.

ޖަމާލުއްދީނުގެ އަހަރީ ޚާއްޞަ ބައްދަލުވުން ބޭއްވީ އާދީއްތަ ދުވަހު ހެނދުނު އެ ސްކޫލްގައެވެ. ޖަމާލުއްދީން ސްކޫލް ނިސްބަތް ވަނީ އައްޝައިޙް މުޙަންމަދު ޖަލާލުއްދީނަށެވެ. އެ ސްކޫލް ހުޅުވީ 16 ފެބުރުއަރީ 1985ގައެވެ.
ޖަމާލުއްދީން ސްކޫލުގެ މާޒީވި ތާރީޚުގައި ވަނީ ގިނަ ގުނަ ދާއިރާތަކަށް ކުދިން ޝަޢުޤު އުފައްދާފައެވެ. އަހަރީ ދުވަހު ފެނުނީ އޭގެ އެއް މިސާލެވެ.
advertisment
ހިޔާލު