ތިން ގައުމެއްގައި ބާއްވާ ޤުރުޢާން މުބާރާތެއްގައި ރާއްޖެއިން ބައިވެރިވާނެ ފަރާތްތައް ހޯދަން ކީރިތި ޤުރުޢާނާބެހޭ ގައުމީ މައުކަޒުން އިއުލާންކޮށްފިއެވެ.
އެ މަރުކަޒުން އިއުލާން ކޮށްފައި ވަނީ މިސްރުގެ ގާހިރާގައި އަަންނަ އަހަރުގެ ފެބުރުއަރީ މަހުގެ އަށަކުން ތޭރައަށް ބާއްވާ " 27 ވަނަ އިންޓަރނޭޝަނަލް ކޮންޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުޢާން" މުބާރާތާއި، ދުބާއީގައި ބާއްވާ އިންޓަރނޭޝަނަލް ޤުރުއާން މުބާރާތާއި، މެލޭޝިޔާގައި އަންނަ އަހަރު ބާއްވާ އިންޓަރނޭޝަނަލް ޤުރުޢާން ރިސައިޓަރސް އެސެމްބްލީ" ގައި ބައިވެރިވާނެ ފަރާތްތައް ހޯދުމަށެވެ.
މިސްރުގައި ބާއްވާ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މީގެ ކުރިން އެ މުބާރާތުގެ ފައިނަލް ބުރުގައި ބައިވެރިވެފައި ނުވުމާއި، ބައިނަލް އަގުވާމީ މުބާރާތެއްގައި ބައިވެރިވި ކެޓަގަރީއަކުން އެއްވަނަ ހޯދާފައިވާ ފަރާތަކަށް ނުވުމާއި، އުމުރުން ފަންސަވީސް އަހަރު ފުރިފައި ނުވުމެވެ. އަދި ޤުރުޢާން ހިތުދަސް ގާރީއެއް ކަމުގައި ވުމާއި މަޝްހޫރު ގާރީއެއް ކަމުގައި ނުވުމެވެ. މި މުބާރާތުގައި ބައިވެރިވާން ހޮވޭ ފަރާތަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މިސްރު ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދުބާއީގައި ޤުރުޢާން މުބާރާތަކީ އަންނަ ރަމަޝާންމަހު 1ން 14ށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ތަޖުވީދުގެ މަގަށް ކިޔަވަން އެނގޭ ޤުރުޢާން ހިތުދަސް ފިރިހެނުންނަށެވެ. އަދި އުމުރަކީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހަށް ފަންސަވީސް އަހަރު ފުރިފައި ނުވުމެވެ.
މެލޭޝިޔާގައި ބާއްވާ މުބާރާތުގައި ބައިވެރިވެވެނީ އަށާރަ އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ތަޖުވީދުގެ މަގަށް ކިޔަވަން އެނގޭ ޤުރުޢާން ހިތުދަސް ފަރާތަކަށް ވުމާއި، މީގެ ކުރިން އެ މުބާރާތުގައި ބައިވެރިވެ ބައިވެރިވި ކެޓަގަރީން އެއްވަނަ ލިބިފައި ނުވުމެވެ.
މި މުބާރާތްތަކުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު މަހުގެ ތެރޭގައި ސިޓީއަކާއެކު ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހަޅަން ޖެހެއެވެ. މިސްރުގައި ބާއްވާ މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 26، ދުބާއީގައި ބާއްވާ މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 31، މެލޭޝިޔާގައި ބާއްވާ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހެއެވެ.
advertisment
ހިޔާލު