ލައިސަންސެއް ނެތި މުދައްރިސުންނަށް ސްކޫލްތަކުގައި ކިޔަވައި ނުދެވޭ ގޮތަށް ހެދުމަށް ތައުލީމާބެހޭ ބިލުގައި ހިމަނައިފިއެވެ. މި ބިލު ވަނީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައެވެ. " ތައުލީމުގެ ބިލް" މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު މުމްތާޒުއެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން ސްކޫލްގައި ކިޔަވައި ދިނުމަށް މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތައް މަސައްކަތް ކުރަންޖެހޭނީ ރަޖިސްޓްރީކޮށް ލައިސަންސް ހޯދައިގެންނެވެ. ލައިސަންސް ލިބިގެން މަސައްކަތް ކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ސްކޫލްތަކުގެ މުދައްރިސުންނާއި ތެރަޕިސްޓުންނާއި ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމެންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގައި ކިޔަވައިދޭ އެހެން މީހުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުން ހިމެނެއެވެ. ސްކޫލްތަކުގެ ޕްރިންސިޕަލުންނަށްވެސް މި ބިލުގައިވާ ގޮތުން ސްކޫލްތަކުގައި މަސައްކަތް ކުރެއްވޭނީ ލައިސަންސެއް ލިބިގެންނެވެ. ލައިސަންސް ނެތި މުދައްރިސްކަން ކިޔަވަމުންދާ ފަރާތްތަކަށް މި ބިލުގައިވާ ގޮތުން ކިޔަވައި ނުދެވޭނެއެވެ.
މި ބިލުގައިވާ ބުނެފައިވާ ގޮތުން ސަރުކާރު ސްކޫލެކޭ އެއްގޮތަށް އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކާއި ޓިއުޝަންދޭ ތަންތަނުގައިވެސް ކިޔަވައި ދެވޭނީ ލައިސަންސް އޮތް ޓީޗަރުންނަށެވެ.
މި ބިލުގައިވާ ގޮތުން މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ކަންތައް ބަލަހައްޓާނީ މުދައްރިސުން ރަޖިސްޓްރީ ކުރުމާބެހޭ ކައުންސިލުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން އުފައްދާ މި ކައުންސިލުން، މުދައްރިސުންނަށް ލައިސަންސް ދޭނެ އުޞޫލެއް ތިން މަސްދުވަހުގެ ތެރޭގައި ކަނޑައަޅަންޖެހެއެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން ރަޖިސްޓްރީ ނުކޮށް، ކިޔަވައިދޭ އެއްވެސް ތަނެއް ނުހިންގޭނެއެވެ. އަދި ލައިސަންސް ނެތް މުދައްރިސަކަށް ވަޒީފާ ހަމަޖައްސައި ދިނުންވެސް ވަނީ މަނާކޮށްފައެވެ.
ޕްރީސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައި ދޭނެ ނިޒާމެއް ގާއިމްކޮށް ކިޔަވައި ދިނުމަކީ ސަރުކާރުގެ ޒިއްމާއެއް ކަމަށް މި ބިލުގައި ކަނޑައަޅާފައިވާއިރު، ހަތަރު އަހަރާއި ސޯޅަ އަހަރާ ދެމެދުގެ ކުދިންނަށް ރަސްމީ ތައުލީމް ފޯރުކޮށް ދިނުމަކީ ދައުލަތާއި ބެލެނިވެރިންގެ ޒިއްމާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު މިހާރު އަމަލު ކުރަމުން ގެންދާ " ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު" އުވިގެންދާނެއެވެ.
advertisment
ހިޔާލު