އަންނަ އަހަރަށް ކަނޑައެޅި ބަޖެޓްގައި މުދައްރިސުން ތަމްރީނު ކުރުމަށް ހަ މިލިއަން ރުފިޔާ ހިމަނައިފިއެވެ. އަންނަ އަހަރަށް ކަނޑައެޅި ބަޖެޓް ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ ފާސްކޮށްފައެވެ.
އަންނަ އަހަރު ހިންގާނެ އައު ޕޮރޮގްރާމްތަކުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިހަ ކަމެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މުދައްރިސުން ތަމްރީނު ކުރުމަށް ހިންގަން ކަނޑައަޅަފައިވާ ކަންތައްތަކެވެ.
އަންނަ އަހަރު، ދިވެހި ޓީޗަރުން ތަމްރީނު ކުރުމާއި، ޤުރުޢާން މުދައްރިސުން ބިނާކުރުމާއި، ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނު ކުރަން ނިންމާފައިވާކަން ބަޖެޓް ފޮތުގައި ބުނެފައިވެއެވެ. މި އިން ކޮންމެ ކަމަކަށް ދެ މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސާފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުގަންނައިދޭ އެކްސްޕާޓް ޓީޗަރ ޓްރޭނިންގތައް ހިންގުމާއި، ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ މުދައްރިސުން ތަމްރީނު ކުރުމަށް 2.5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އަންނަ އަހަރު ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، ކުދިން ކިޔަވާނެ އިންޓަރެކްޓިވް ޑިޖިޓަލް ފޮތް ތައްޔާރު ކުރުން ހިމެނެއެވެ. މިކަމަށް އަށް މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. ހެލްތު އޮފިސަރުން އަދި ކައުންސެލަރުން އެންޓި ބުލީއާއި ހެލްތް ސިޔާސަތަށް އަހުލުވެރި ކުރުވުމާއި، ސްކޫލް ދަރިވަރުންގެ ސިއްޙަތު ބެލޭނެ ނިޒާމެއް ގާއިމްކުރަން ވެސް ބަޖެޓްގައި ވަނީ ހިމަނާފައެވެ. މި ކަންތައްތަކަށް ނުވަ ލައްކަ ރުފިޔާ ކަނޑައަޅާފައި ވެއެވެ.
advertisment
ހިޔާލު