ދެ ސްކޫލެއްގެ ޖާގަ އިތުރު ކުރުމުގެ ގޮތުން ކުލާސް ރޫމްތަކެއް އިތުރު ކުރަން ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
އެދެ ސްކޫލަކީ ގއ. ގެމަނަފުށީ ސްކޫލާއި ހދ. ނޮޅިވަރަމް ސްކޫލެވެ. ގެމަނަފުށީ ސްކޫލަށް އިތުރު ކުރަނީ 10 ކުލާސްރޫމް ހިމެނޭ ޢިމާރާތެކެވެ. ނޮޅިވަރަމް ސްކޫލަށް އިތުރު ކުރަނީ 6 ކުލާސްރޫމުގެ ޢީމާރާތެއް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.
މިއީ މިއަހަރަށް ކަނޑައަޅައިފައިވާ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ ދެ މަޝްރޫޢެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މިމަސައްކަތް ޙަވާލުކުރީ ސުފިފްޓް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑާއެވެ. އެފަރާތުން ގއ.ގެމަނަފުށި ސްކޫލް 10 ކްލާސްރޫމް އިމާރާތްކުރުމަށް ހުށަހަޅުއްވާ އަގަކީ، ނުވަ މިލިއަން ނުވަލައްކަ ނުވަސަތޭކަ އަށް ރުފިޔާ ހަތް ލާރި އެވެ. ހދ. ނޮޅިވަރަމް ސްކޫލް 06 ކްލާސްރޫމް އިމާރާތްކުރުމަށް ހުށަހަޅުއްވާފައިވާ އަގަކީ ހަތް މިލިއަން އެއްލައްކަ އަށްޑިހަ އެއް ހާސް ހަތްސަތޭކަ ތިރީސް ހަތަރު ރުފިޔާ ފަސްދޮޅަސް އެއް ލާރި އެވެ. މި ދެ މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށް އެކުންފުނިންވަނީ އެއްބަސްވެފައެވެ. މިމަސައްކަތް 2020 އަހަރު ޑިސެމްބަރު ގައިނިމޭނެ ކަމަށް އޭޑިޔުކޭޝަނުން އުންމީދު ކުރައްވައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ސުފިފްޓް އިންޖީނިއަރިންގް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީއެވެ.
advertisment
ހިޔާލު