ސަރުކާރުން ހިންގާ ސްކޫލްތަކަށް އަންނަ އަހަރު 233 ބިދޭސީ މުދައްރިސުން ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ އަންނަ އަހަރަށް ބޭނުންވާ ބިދޭސީ މުދައްރިސުން ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން ގެންދާކަމަށެވެ.
ނިމިގެންދިޔަ ދިރާސީ އަހަރު 1890 ބިދޭސީ ޓީޗަރުން 112 ސްކޫލެއްގައި ކިޔަވައިދެމުން ގެންދިޔަ ކަމަށާއި، އެ ބިދޭސީ މުދައްރިސުންގެ ކޮންޓްރެކްޓް ހަމަވެފައިވާތީ އެ މުދައްރިސުން ތިބި މަގާމްތަކަށް ދިވެހިން ހޯދަން އިއުލާންކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ދިވެހި ޓީޗަރުން ނުލިބިއްޖެ ހާލަތެއްގައި ކުރިން ތިބި ޓީޗަރުންގެ ކޮންޓްރެކްޓް އާ ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ދަށް ގުރޭޑް ތަކަށް ދިވެހި ޓީޗަރުން ލިބުން ދަތިވުމާ ގުޅިގެން ބިދޭސީ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާންވެސް ކޮށްފައެވެ. އެ މިނިސްޓްރީން ބުނީ ބިދޭސީ މުދައްރިސެއް ނަގާނީ ދިވެހި މުދައްރިސެއް ނުލިބިއްޖެ ހާލަތެއްގައެވެ.
މާލޭގައި އަންނަ އަހަރު އާ ސްކޫލެއްގެ ގޮތުގައި އިއްޒުއްދީން ސްކޫލްގައި ކިޔަވައިދޭން ފަށާއިރު އެ ސްކޫލަށްވެސް ގިނަ އަދަދެއްގެ މުދައްރިސުން ބޭނުންވާނެއެވެ. އެ ސްކޫލަކަށް ޕްރިންސިޕަލަކާއި ޑިޕިއުޓީ ޕްރިންސިޕަލެއް ހޯދަން ދާދި ފަހުން ވަނީ އިއުލާންކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވެފައިވާ ގޮތުގައި ތަމްރީނު ނެތް 636 ޓީޗަރުން މިއަހަރުވެސް ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދިޔައެވެ. އެއީ އެ މަގާމް ތަކަށް ބޭނުންވާ ޓީޗަރުން ނުލިބިގެންނެވެ.
advertisment
ހިޔާލު