ތޭރަ އަހަރަށްފަހު، ނޭޝަނަލް ސްކައުޓް ކުރާފްޓް ކޭމްޕް ފަށައިފި

ތޭރަ އަހަރަށްފަހު، ދެވަނަ ނެޝަނަލް ސްކައުޓް ކުރާފްޓް ކޭމްޕް ފަށައިފިއެވެ. މި ކޭމްޕް ފެށީ ހުޅުމާލޭ ފޭސް 2 ގައެވެ. މި އަހަރުގެ ކޭމްޕްގައި 405 ސްކައުޓުން ބައިވެރިވިއެވެ. މި ކޭމްޕްގައި 24 ސްކޫލަކުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 19 ސްކޫލަކާއި މާލޭގެ ފަސް ސްކޫލެވެ.

އާދީއްތަ ދުވަހު ފެށި މި ކޭމްޕް ކުރިއަށް ދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ކުދިންގެ ހުރި އެކި ހުނަރުތައް ދެއްކުމާއި ސްކައުޓް ހަރަކާތުގެ ތެރޭގައި ހިމެނޭ ކްރާފްޓްމަންޝިޕްގައި ހިމެނޭ ބައިތަކާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު މި ކޭމްޕްގެ ތެރޭގައި ފޯރުކޮށްދޭނެ ކަމަށް ސްކައުޓް އެސޯސީއޭޝަނުން ބުނެއެވެ.

ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން މި ކޭމްޕް ހުޅުއްވައި ދެއްވީ ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ކޭމްޕް ހުޅުވުމުގެގޮތުން ދިދަ ނެގުން އޮތެވެ. ގައުމީ ދިދަ ނަންގަވައިދެއްވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. ބައިވެރިވި ސްކޫލްތަކުގެ ދިދަ ނެގީ އެ ސްކޫލަކުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *