ދިރާސީ އަހަރު ނިމިގެންދިޔައީ ކަނޑައެޅި ލަނޑުދަނޑިއަށް ވާސިލްވެގެން: ތައުލީމާބެހޭ ވަޒީރު

ދިރާސީ އަހަރު ނިމިގެން ދިޔައީ ތައުލީމީ ސިޔާސަތު ތަކާ އެއްގޮތަށް ކަނޑައެޅި ލަނޑުދަނޑިއަށް ވާޞިލްވެގެން ކަމަށް ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން އެކަމަނާ ދެއްވި ޚާއްޞަ މެސެޖްގައި ވިދާޅުވެފައި ވަނީ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ހުރިހާ ސްކޫލެއްގައި ތަންފީޒު ކުރެވި އޭގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އައިސްފައިވާ ވަދަލު ފާހަގަކުރާ ކަމަށެވެ. ތައުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވާލެވުނު ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒު ކުރެވި އޭގެ ހެޔޮ ބަދަލު ސްކޫލް މާހައުލުން ފެންނަން ފަށައިފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ހުރިހާ ކުދިން ޝާމިލު ކޮށްގެން ކިޔަވާ ދިނުމުގެ ސިޔާސަތުގެ ދަށުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމުގެ ނިޒާމުގެ ތެރެއިން ފަހި ފުރުޞަތުތައް ހޯދާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ފާހަގަ ކުރެވޭ ފަދަ ކާމިޔާބީތަކެއް ޙާޞިލް ކުރެވިފައިވާ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހުރިހާ ސްކޫލްތަކަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން 22 ސްކޫލެއް އެންދަންފަޅިއަށް ބަދަލުކުރެވި އޭގެ ނަތީޖާ ހަމައަށް އާދެވިފައިވާ ކަމަށް ތައުލީމާބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ. އާ މަންހަޖަށް ކިޔަވައި ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައް ޙައްލުކުރުމަށް ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމުގައި ވިދާޅުވެފައި ވެއެވެ.

މި އހަރުގެ ތެރޭގައި ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ބޮޑު ޚަރަދެއް ކޮށްފައިވާކަމަށާއި، މުވައްޒަފުންގެ ހުނަރު ތަރައްގީ ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވިކަން ފާހަގަކުރައްވާފައި ވެއެވެ.

" ދިރާސީ އަހަރު ނިންމާ ދަރިވަރުންނަށް ލިބޭ ޗުއްޓީ ތެރޭގައި ދަރިވަރުންނަށް ސްކޫލުން ދަސްވެފައިވާ ކޮންމެވެސް ހުނަރެއް އިތުރަށް ތަރައްގީކުރުމަށް ފުރުޞަތު ފަހިކުރުމަކީ މުހިންމު ކަމެއް" ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ. " ދީނީ ވާޖިބުތައް އަދާކުރުމަށް ދަރިވަރުންނަށް ބާރުއަޅާ، އާއިލީ ގުޅުން ބަދަހި ކުރުމާއި ޗުއްޓީ ހޭދަކޮށްލަން ރަށުން ބޭރަށް ދިއުމާއި އެކުވެރި މަޖާ މާހައުލެއްގައި ކުޅިވަރު ކުޅުންފަދަ ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަންކަމުގައި ކުދިން ޝާމިލުކުރުމަށް އިސްކަންދެއްވުން އެދެން"
ތައުލީމާބެހޭ ވަޒީރު ވަނީ މި މެސެޖްގައި ސްކޫލްތަކުގެ ހިންގުންތެރި ވެރިންނާއި މުދައްރިސުންނާއި މުވައްޒަފުން. އަދި ސްކޫލްބޯޑާއި ޕީޓީއޭއާއި ބެލެނިވެރިންނަށް ޝުކުރު އަދާކުރައްވާ ފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *