ކުޅިވަރުގައި ދަރިވަރުން ހޯދާ ކާމިޔާބީގެ އަގު ވަޒަންކުރަން ދޭ " ކަލާސް އެވޯޑް" ގައި އެންމެ ކާމިޔާބު ސްކޫލަކަށް ތާޖުއްދީން ސްކޫލް ހޮވިއްޖެއެވެ. އެންމެ ކާމިޔާބު ސްކޫލަކަށް އެ ސްކޫލް ހޮވުނީ އަށް ކުޅިވަރަކުން 23 ކުއްޖަކަށް 27 އެވޯޑް ލިބިގެންނެވެ.
ދެވަނައަށް ދިޔައީ ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލެވެ. މިއިން ކޮންމެ ސްކޫލެއްގެ ވިހި އެވޯޑް ލިބުނެވެ. އިސްކަންދަރު ސްކޫލްގެ އައިޝަތު ރަފާ ނާޒިމަށް ވަނީ ތިން އެވޯޑެއް ލިބިފައެވެ. ޓޭބަލްޓެނިހުން ސްޕްޝަލް އެވޯޑްގެ އިތުރުން އޭނާ ވަނީ އެންމެ މޮޅު ތިން އެތްލިޓުންގެ ތެރޭގައި ހިމެނި، ސޯޅަ އަހަރުން ދަށުގެ ބައިން ޓޭބަލްޓެނިހުން ވިނަރސް އެވޯޑް ހޯދާފައެވެ. އިސްކަންދަރު ސްކޫލަށް ލިބުނު 20 އެވޯޑް ލިބުނީ 16 ދަރިވަރުންނެވެ. އެއީ އަށް ކުޅިވަރަކުން ނެވެ. ޖަމާލުއްދީން ސްކޫލްގެ 19 ދަރިވަރަކަށް 20 އެވޯޑް ލިބުނީ ނުވަ ކުޅިވަރަކުންނެވެ.
އެވޯޑްގެ ގޮތުން ތިން ވަނަ ލިބެނީ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލަށެވެ. އެ ސްކޫލްގެ 11 ދަރިވަރަކަށް ފަސް ކުޅިވަރަކުން 16 އެވޯޑް ލިބުނެވެ. ޣިޔާސުއްދީން ސްކޫލްގެ 13 ދަރިވަރަކަށްވެސް ހަ ކުޅިވަރަކުން 15 އެވޯޑް ލިބުނެވެ.
އަތޮޅު ތެރޭގެ ސްކޫލްތަކަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ބ. ގޮއިދޫ ސްކޫލްގެ ދަރިވަރުންނެވެ. އެ ސްކޫލްގެ އަށް ދަރިވަރަކު ވަނީ ވޮލީބޯޅައިން އެވޯޑް ހޯދާފައެވެ. ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ދަރިވަރަކު ވަނީ ދެ ކުޅިވަރަކުން އެވޯޑް ހޯދާފައެވެ.
ކަލާސް އެވޯޑްގެ ވިނަރ އަކަށް ހޮވުނު އައިޝަތު ހިމްނާ ހަސަން ބައިވެރިވި އައްޑޫ ހައި ސްކޫލަށް ލިބުނީ ހަތަރު އެވޯޑެކެވެ. އޭގެ ތެރެއިން ތިން އެވޯޑް ހޯދީ ހިމްނާއެވެ. ހިމްނާ ވަނީ އެތުލެޓިކްސްއިން އަށާރަ އަހަރުން ދަށުގެ ބައިން ވިނަރސް އެވޯޑްވެސް ހޯދާފައެވެ.
އެންމެ މޮޅު ތިން އެތުލީޓުންގެ ތެރޭގައި ހިމެނޭ އިމާދުއްދީން ސްކޫލްގެ ނިބާލް އަހުމަދު ވަނީ ބެޑްމިންޓަނުން ސޯޅަ އަހަރުން ދަށުގެ ބައިން ވިނަރސް އެވޯޑް ހޯދާފައެވެ. ކަލާސް އެވޯޑްގައި، ދެ ކުޅިވަރަކުން އިމާދުއްދީން ސްކޫލްގެ ހަ ދަރިވަރަކަށް އެވޯޑް ލިބުނެވެ.
ވަކިވަކި ކުޅިވަރު ތަކުން އެވޯޑް ލިބުނު ގޮތަށް ބަލާއިރު، އެންމެ ގިނަ ކުދިންނަށް އެވޯޑް ލިބުނީ ބާސްކެޓުންނެވެ. ބާސްކެޓުން 30 ދަރިވަރަކަށް އެވޯޑް ލިބުނެވެ. ހޭންޑް ބޯޅައިން 24 ދަރިވަރަކަށް އެވޯޑް ލިބުނުއިރު، އެތުލެޓިކްސްއިން އެވޯޑް ލިބުނީ 23 ދަރިވަރަކަށެވެ. އެންމެ މަދުން އެވޯޑް ލިބުނީ ރާޒުވާއާއި ޓެނިހުންނެވެ. ރާޒުވާއިން އަށް ދަރިވަރަކަށް އެވޯޑް ލިބުނުއިރު، ޓެނިހުން އެވޯޑް ލިބުނީ ނުވަ ދަރިވަރަކަށެވެ.
advertisment
ހިޔާލު