ދިރިއުޅުމުގެ އާދައަކަށް ކުޅިވަރާއި ކަސްރަތު ހަދަންޖެހޭ: ތައުލީމީ ވަޒީރު

ދިރިއުޅުމުގެ އާދައަކަށް ކުޅިވަރާއި ކަސްރަތު ހަދަންޖެހޭ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ފާހަގަ ކުރެވޭ ދަރިވަރުންނަށް ދެމުން އަންނަ " ކަލާސް އެވޯޑް " ދިނުމަށް ރޭ ހުރަވީ ސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވީ ފިކުރީ ގޮތުން ދުޅަހެޔޮ ވިޔަސް ކޮންމެ ކުއްޖަކު ސިއްޙީގޮތުން ވެސް ދުޅަހެޔޮ ވާންޖެހޭ ކަމަށެވެ. ކުޅިވަރަކީ މުޅި ހަޔާތުގެ ހުރިހާ ދުވަސްވަރަކު ކުރާ ކަމަކަށް ވާންޖެހޭ ކަމަށާއި، އެއީ ހަށިގަނޑަށް ދޭން ޖެހޭ ހައްގެއްކަމަށެވެ. އަދި އެއީ ދިރިއުޅުމުގެ އާދައަކަށް ހަދައިގެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޅިވަރު ނުކުޅޭނަމަ ނުވަތަ ހަރަކާތްތެރިވެ ނޫޅޭނަމަ ތަފާތު ބަލިތައް ޖެހުން އަވަސްވާ ކަމަށާއި މަސައްކަތަށް ސަލާން ބުނުން އިތުރުވެ، މަސައްކަތް ކުރަން ދަތިވެ އުފެއްދުންތެރިކަން ދަށްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ކަމުގެ ނަތީޖާ ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން އާސަންދަ ފަދަ ތަންތަނުން ކުރަންޖެހޭ ޚަރަދު ބޮޑުވެ، ގައުމުގެ ތަރައްގީގެ ދުވެލި މަޑުޖެހޭކަމަށެވެ.

"ލިވާއާއި ކިޑްނީ ބަލިތައް ގިނަވާކަން، ކެންސަރުޖެހުމާއި ކަށީގެ ބަލިތައް އިތުރުވާކަން. މި ކަންކަމުން ދުރުވާން އެންމެން ކަސްރާތާއި ކުޅިވަރުގައި ބައިވެރިވާން ޖެހޭ. ކުޅިވަރާއި ކަސްރަތަކީ ދިރިއުޅުމުގެ އާދައަކަށް ހަދަންޖެހޭ" ވަޒީރު ވިދާޅުވިއެވެ. " މުސްކުޅި އުމުރުގައި ކަސްރަތުކޮށް އުޅެވޭނީ ކުޅިވަރު ކުޅެވޭނީ މަދަރުސާ ދައުރުގައި ކުޅިވަރު ކުޅޭނަމަ"

ތައުލީމީ ވަޒީރު ވިދާޅުވީ ސިއްޙީ ގޮތުން ބަލާއިރު ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށާއި، ޚާއްޞަކޮށް ރާޢްޖޭގައި ފަލަ މީހުންގެ ނިސްބަތް މަތިވެ ހަރަކާތްތރިވެ އުޅެން އުނދަގޫވާ ބަޔަކު އުޅެމުން އަންނަ ކަމަށެވެ. މިހެންވެ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަދަރުސީ ދައުރުގައި ހަރަކާތްތެރިވެ އުޅުމުގެ އާދަކާދަ ހަރުލައްވަން ޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރުން ގިނަ ކަންތައްތަކެއް ދަސްވާ ކަމަށެވެ. މިކަމަށް ހެކި ދައްކަވަމުން ވަޒީރު ވިދާޅުވީ އެހެން މީހުންނާ މުއާމަލާތުކުރަން ދަސްވުމާއި ޖެހޭ މައްސަލަތައް ހައްލުކުރުމާއި ކާމިޔާބުގެ ވަގުތުގައި އުފާކުރަން ދަސްވުމާއި ނާކާމިޔާބީއަށް ކެތްތެރިވާން ދަސްވެ ތަފާތު މީހުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްވާކަމަށެވެ. އަދި ދަރިވަރުން ސްކްރީނަށް ބަލާ ވަގުތު މަދުވުމާއި، ޑްރަގުގެ ވަބާއިން ދަރިވަރުން ސަލާމަތްވުމަކީ އެންމެ މުހިންމު ފައިދާކަމަށެވެ.

ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި ހަފްލާގައި ތައުލީމީ ވަޒީރު ވިދާޅުވީ ކޮންމެ ޓީޗަރަކު ވެސް މަސައްކަތް ކުރަންވީ ކޮންމެ ކުއްޖެއްގެ ކިބައިގައި ހުރި ޠަބީއީ ގާބިލްކަން ކުރިއަރުވައި ފުރިހަމަ ކުރުމަށެވެ. އޭގެ ބަދަލުގައި ނަރުގިސް ގަހެއްގައި ކަރަންކާ މަލެއް އަޅުއްވަން އުޅެފިނަމަ އެ ކުރެވެނީ ބޭކާރުކަމެއް ކަމަށެވެ. ކުލާހަކީ މާ ބަގީޗާއެއް ގޮތުގައި ސިފަކުރައްވައި ވަޒީރު ވިދާޅުވީ އެ ބަގީޗާ ފުރިހަމަ ވަނީ އެކި ވައްތަރުގެ މާތައް އެ ތަނުގައި ހުރުމުން ކަމަށެވެ.
" އެކި މާމަލުގެ ފިޔަ ތަފާތުވާ ފަދައިން ކޮންމެ ދަރިވަރަކީ ވެސް ތަފާތު ނަފުސެއް. އެކި ކުދިން ތަބައީގޮތުން މޮޅުވަނީ އެކި ކަންކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *