ހދ. ނޮޅިވަރަންފަރު ސްކޫލު ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.
މި ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސްކޫލު ކަރިކިއުލަމްގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް، އެ ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ފްލޯޓް ކުރާނެ ގޮތާއި، ކިކް ޖަހާނެ ގޮތާއި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެެ. އަދި މޫދުގައި އުޅޭއިރު ދިމާވާ ހާދިސާތަކުގައި އަމަލުކުރަންވީ ގޮތްތަކާއި މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދޭނެއެވެ.
މި ޕްރޮގްރާމުގައި އެ ސްކޫލުގެ ގްރޭޑް 4 އިން ގްރޭޑް 10 އަށް ތައުލީމް ހާސިލްކުރަމުންދާ 75 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުދިންނަށް ކުރާ އަނިޔާތަކާއި އަނިޔާ ލިބެމުންދާ ކުދިން ދެނެގަންނާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމާއި ކުދިންގެ އުޅުމަށާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަނެ ކުށުގެ ވެށިން ކުދިން ދުރުހެލިކޮށް ރައްކާތެރިކޮށް މަސައްކަތްކުރަންވީ ގޮތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމެޖެހިފައިވެއެވެ.
advertisment
ހިޔާލު