ސަރުކާރުގެ ޚަރަދުގައި ޑިގްރީއަށް ކިޔަވާ ކުދިންގެ އަތަށް ކޯހުގެ ފީ ދޭ ގޮތަށް ކަނޑައަޅައި ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ އުޞޫލަށް ބަދަލުގެންފިއެވެ.
މި ބަދަލާއެކު އޮންލައިން އެޕްލިކޭޝަނުގައިވާ މައުލޫމާތު ފުރިހަމަ ވިޔަސް ނުވިޔަސް، ބަންދުނޫން ތިން ދުވަހުގެ ތެރޭގައި ދަރިވަރަށް އެކަން އަންގަންޖެހެއެވެ. އަދި ފަންޑް ރިކްއެސްޓް ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނަމަ ދިހަ ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ކަމާބެހޭ ލިޔުންތަކާއެކު ފިނޭންސް މިނިސްޓްރީއަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ފޮނުވަންޖެހެއެވެ.
ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމަށް އެކުލަވާލި އާ އުޞޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ. މި އުޞޫލުގައި ބުނާ ގޮތުން ސަރުކާރުން ޚަރަދުކޮށްގެން ފުރަތަމަ ޑިގްރީއަށް ކިޔަވައިދެވޭނީ ހިލޭ އެހީގެ ގޮތުގައި ކިޔެވޭނެ ގޮތެއް ހަމަޖެހިފައި ނުވުމާއި، އުމުރުން 50 އަހަރަށްވުރެ ހަގު، ފުލްޓައިމްކޮށް ކިޔަވާ ދަރިވަރުންނަށެވެ. އިތުރު ޝަރުޠު ތަކުގެ ތެރޭގައި ޑިގްރީއެއް، އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައި ނެތުމާއި، މަތީ ތައުލީމާއި ތަމްރީނުވުމަށް ލިބުނު ފުރުޞަތުގައި ވެވުނު އިގުރާރާ ޚިލާފު ވުމުން ފިޔަވަޅު އަޅާ ފަރާތަކަށް ނުވުން ހިމެނެއެވެ. އަދި ފުރަތަމަ ޑިގްރީއަށް ޝަރުޠު ހަމަވެ ކިޔަވަން ހުށަހަޅާ މަރުކަޒަކުން ޖާގަ ލިބިފައިވާ ދަރިވަރުންނަށް ވެސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ސަރުކާރުގެ ޚަރަދުގައި ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ކޯހުގެ ފީ އެކީ ދައްކައިދެނީ ސަރުކާރުން އުފައްދާ ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބިފައިވާ ތައުލީމު ދޭ ތަންތަނުން ކިޔަވާ ދަރިވަރުންނަށެވެ. އަމިއްލަ ފަރާތްތަކުން ހިންގާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޭން ކަނަޑައަޅާފައި ވަނީ އެކޯހުގެ ވަކި މިންވަރެކެވެ. އެގޮތުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ހިމެނެނީ އަހަރަކަށް 17،300ރ އާއި 27،360ރ ދެމެދެވެ. ކިޔަވާ ކޯހުގެ އެއްބައި ރާއްޖޭގައި ހަދާނަމަ މި އުޞޫލުގައި ބުނާ ގޮތުން ސަރުކާރުން ޚަރަދު ކުރާނީ ރާއްޖޭގައި ކިޔަވާ ބަޔަށް އެކަންޏެވެ.
ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން ކޯހުގެ ޓިއުޝަން ފީ ގެ އިތުރުން ހިނގާ އެއްވެސް ފީހެއް ނުދައްކާނެއެވެ. މި އުޞޫލުގައިވާ ގޮތުން ޑިގްރީއަށް ހިލޭ ކިޔަވާ ފަރާތުން ހަތަރު ހާލަތެއްގައި ފައިސާ އަނބުރާ ސަރުކާރަށް ދައްކަންޖެހެއެވެ. އެއީ ޑިގްރީ ކޯހަށް ވަނުމަށްފަހު މަގުބޫލު އުޒުރަކާ ނުލައި ކިޔެވުން ފުރިހަމަ ނުކޮށް ހުއްޓާލުމާއި، ދަރިވަރު ފެއިލްވުން ނުވަތަ މިނިސްޓްރީގެ ހުއްދައަކާ ނުލައި އެ ކޯހަކުން ވަކިވުމާއި، ޑިގްރީއަށް ކިޔެވުމަށްފަހު ޑިގްރީއަށްވުރެ ދަށް ސަނަދަކާއެކު އެ ދަރިވަރަކު ޕްރޮގްރާމުން ވަކިވުމާއި، ދޮގު މައުލޫމާތު ހިއްސާކުރުމެވެ.
އަނބުރާ ފައިސާ ދައްކަންޖެހޭ ދަރިވަރުން ފައިސާ ދައްކަން ކަނޑައަޅާފައި ވަނީ އެ ދަރިވަރަކު ކިޔަވަން ޚަރަދު ކުރި މިންވަރަށް ބަލައި، 30 މަހާއި 105 މަހާ ދެމެދުގައެވެ. ކޯހަށް ޚަރަދުކުރީ 300،000ރ އިން މަތިނަމަ އެ ފައިސާ ދައްކަން 150 މަސްދުވަސް އެ ދަރިވަރަކަށް ދެއެވެ.
advertisment
ހިޔާލު