ރޭ އެކްސިޑެންޓްވެ ނިޔާވި އަންޖުމް ވަޅުލައިފި

ރޭ ހިނގައިދިޔަ އެކްސިޑެންޓްގައި ނިޔާވި ފާތިމަތު އަންޖުމް ޝަފީގު 13އ، މިއަދުގެ މެންދުރު ނަމާދަށްފަހު ވަޅުލައިފިއެވެ. ހުޅުމާލޭ ސަހަރާގައި ވަޅުލިއިރު، އަންޖުމްގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

އަންޖުމް ނިޔާވީ މަންމައާއެކު ސައިކަލްގައި ދަނިކޮށް ސައިކަލުހައި ބަހުން ޖެހި ހިނގި އެކްސިޓެންޓްގައެވެ. މި އެކްސިޑެންޓުގައި އަންޖުމް ނިޔާވީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. މި އެކްސިޑެންޓްގައި އަންޖުމްގެ މަންމަ އާމިނަތު އަލީއަށް މާބޮޑު އަނިޔާއެއް ނުވެއެވެ.

މަންޒަރުދުށް މީހުން ބުނާގޮތުގައި އެމްޓީސީސީގެ ބަހުން ސައިކަލުގައި ޖެހުމާއެކު ސައިކަލުގެ ފަހަތުގައި އިން އަންޖުމް ވިއްސައިގެންގޮސް ބޯޖެހުނީ ތާރުގަނޑުގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަންޖުމް އޮތީ ނިޔާވެފައެވެ.

އަންޖުމް އަކީ ގދ. ނަޑެއްލާ އާމިނިތު އަލީ އާއި ބައްޕަ ކ. ތުލުސްދޫ ޝަފީގުގެ ހަމައެކަނި ދަރިފުޅެވެ.
އަންޖުމް އަކީ ކިޔެވުމަށް މޮޅު، ޤުރުޢާން ހިތުދަސްކުރަމުން އައި ހުނަވެރި ކުއްޖެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *