ހިރާ ސްކޫލް ދަރިވަރުން ދަސްވެނިވުމުގެ ރަސްމިއްޔާތަށް ގެންދިޔައީ ކެނޯއެއްގައި

އައްޑޫސިޓީ ނޭޗަރޕާކަށް ކުދިން ގެންދިޔައިރުވެސް ގެންދަނީ ކޮންތާކަށް ކަމެއް އެކުދިންނަކަށް ނޭނގެއެވެ. އެކުދިން ގޮވައިގެން ދިޔަ ބަގީ ހުއްޓާލަނީ ނޭޗަރޕާރކުގެ ކެނޯ ޕޮއިންޓާ ދިމާލަށެވެ. އޭރު ނޭޗަރޕާރކު ތެރޭގައި ކެނޯތައް ބާއްވާފައި އޮތީ އެ ކުދިންނަށް މަރުޙަބާ ކިޔަން މާމަލުންން ޒީނަތްތެރި ކޮށްފައެވެ. ކޮންމެ ކެނޯއަކަށްވެސް އެރީ މުދައްރިސަކާއެކު ދެ ދަރިވަރުންނެވެ. ދަސްވެނިވުމަށްލާ " ޚާއްސަ ހެދުމުގައި" އެރީތީ ނޭޗަރޕާކުގައި އެކުދިން ބުރުޖެހިއެވެ. ކޮންމެ ކުއްޖެއްގެ މޫނުމަތިން ފެނިގެން ދިޔައީ ހިތްހަމަ ޖެހުމެވެ. އުފާވެރި ކަމުގެ އިހުސާސެވެ.

މިއީ އައްޑޫސިޓީގައި އަމިއްލަ ފަރާތަކުން ހިންގާ ހިރާ ސްކޫލްގެ ކިންޑަގާރޑަންއިން ދަސްވެނިވި ކުދިންނަށް ދިން " ސަޕްރައިޒް" އެކެވެ.

ކެނޯގައި، ނޭޗަރޕާރކުގައި ބުރުޖެހުމަށްފަހު، އެކުދިން ގެންދިޔައީ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮތް ނޭޗަރޕާރކް ވިޒިޓާސް ސެންޓަރަށެވެ. އެކުދިންނަށް ސެޓްފިކެޓް ދިނުން އޮތީ އެތަނުގައެވެ. އެ ރަސްމިއްޔާތަށްފަހު ޚާއްޞަ ކެއުންވެސް އޮތީ އެތަނުގައެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތު ގެންދިޔަ ގޮތުން ގިނަ ބައެއްގެ ތައުރީފު ވަނީ އެ ސްކޫލަށް ލިބިފައެވެ. އެތައް ބަޔަކު ވަނީ ފޯޓޯތައް ޝެއަރކޮށްފައެވެ.

ކޮންމެ އަހަރަކުވެސް ދަސްވެނިވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ތަފާތު ކަމެއް ކުރުމަކީ އެ ސްކޫލުން ކުރަމުންދާ ކަމެކެވެ.
ހިރާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހައްވާ ޒަރީނާ ވިދާޅުވީ އެފަދަ މުހިންމު ކަމެއް ފާހަގަ ކުރާއިރު ބަލަނީ ތިމާވެއްޓާ ރައްޓެހި، ނުވަތަ އެ މާހައުލެއްގައި ހުންނަ ކޮންމެވެސް ތަނަކަށް ޒިޔާރަތްކޮށް އެތަނަކަށް ދަރިވަރުން ހޭނުއްވުމެވެ.
" ކޮންމެ އަހަރަކުވެސް ކޮންމެ ވެސް މިފަދަ ތަނެއްގައި ދަސްވެނިވުން ބާއްވަނީ. މީގެ ސަބަބުން ކުދިންގެ ހިތުގައި އެތަނަކާމެދު ޝައުގުވެރިކަން އުފެދި އެތަނަށް ހޭނުވޭ" ހައްވަ ވިދާޅުވިއެވެ.

ބޭބީ ނާސަރީން ފެށިގެން ގްރޭޑް އަށަކާ ހަމައަށް މިއަހަރު ކިޔަވައިދެމުން ދިޔަ ސްކޫލްގެ 55ކުއްޖަކު ވަނީ ދަސްވެނިވެފައެވެ.
ހިރާ ސްކޫލްގައި 490 ކުދިން މިހާރު ކިޔަވަމުންދާއިރު އަންނަ އަހަރު އެ ސްކޫލްގައި ގްރޭޑް ނުވައެއް ފަށާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *