ފިޔޯރީ ސްކޫލުގެ އެންމެ މޮޅުދަރިވަރަކަށް އިސްމާޢީލް މިފްޒާލް ހޮވައިފި

މިދިޔައަހަރު ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް އިސްމާޢީލް މިފްޒާލް މުޙައްމަދު ހޮވައިފިއެވެ.
ފިޔޯރީ ސްކޫލުގައި ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އޭނާއަށް އިނާމް ޙަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން ރަތަފަންދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޢަބްދުﷲ އެވެ.
އިސްމާޢީލް މިފްޒާލް ވަނީ އޯލެވެލް އިމްތިހާނުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދި 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އޭނާއަށް ލިބިފައިވަނީ މުޅިރާއްޖެއިން 9 ވަނައެވެ.
މިއީ ފިޔޯރީ ސްކޫލްފަދަ ވަސީލްތައް މަދު ތަނަކުން ކިޔަވައިގެން ކުއްޖަކު ހޯދި ވަރަށް ރަނގަޅު ކާމިޔާބީއެކެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ސްކޫލުގައި ސައިންސް ލެބޯޓަރީއެއް އަޅަން ފަށައިފައެވެ. އެހެންނަމަވެސް އެތަން އަދި ނިމިފައެއް ނުވެއެވެ. އެސްކޫލުން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ވީހާވެސް އަވަހަކަށް އެތަން ނިމި ދަރިވަރުންނަށް އެތަން ބޭނުންކުރަން ލިބުމެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރަފުވެރި މެހުމާން މުޙައްމަދު ޢަބްދުﷲ ވިދާޅުވީ އެންމެ ކާމިޔާބު ދަރިވަރުންނަކީ ކިޔެވި އެއްޗެއްގެ ބޭނުން ޢަމަލީ މައިދާނުގައި ބޭނުންކުރާ މީހާ ކަމަށެވެ. ކާމިޔާބު ހޯދުމަށްޓަކައި ދީނީ ކަންކަމަށް ފަރުވާކުޑަ ނުކޮށް ނަމާދު ވެސް ވަގުތުން އަދާ ކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަދި ޤުރުއާން ކިޔަވައި ހެޔޮ ގޮތުގައި ހުރިހާ ދަރިވަރުން އުޅުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *