ދަރިވަރުންނަށް އަމާޒުކޮށް "ތިމާވެށީގެ ޤައުމީ މަހާސިންތާ" އަންނަ އަހަރު ބާއްވަނީ

"ސްކޫލް ދަރިވަރުންގެ ތިމާވެށީގެ ޤައުމީ މަހާސިންތާ" އަންނައަހަރު ބޭއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހަމަޖައްސައިފިއެވެ. މިއީ މި މަހާސިންތާ ބާއްވާ ތިންވަނަ ފަހަރެވެ. ތިމާވެއްޓާބެހޭ ވުޒާރާއާއި ތައުލީމީ ވުޒާރާއާ ގުޅިގެން މި މަހާސިންތާ ބާއްވަނީ ތިމާވެށްޓަށް މިއަދު ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ ޤާބިލުކަމާއި ހުނަރު ދަރިވަރުންގެ މެދުގައި އަށަގަތުމުގެ މަޤްސަދުގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ އެންވަޔަރަންމަންޓް އެނަލިސްޓް ފާޠިމަތު ޝަމްރާ، ދަރިވަރު ނޫހަށް ވިދާޅުވީ 2020 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ، ދަރިވަރުންގެ ތިންވަނަ ޤައުމީ ތިމާވެށީގެ މަހާސިންތާގެ ރިޔާސަތު ބެލެހެއްޓުމަށް ޝައުގުވެރިވާ ސްކޫލުތަކަށް އެފުރުޞަތު ހުޅުވާލައި (ލެޓަރ އޮފް އިންޓްރެސްޓް) 31 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ކުރިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އެންގުމަށް ސްކޫލުތަކަށް ދެންނެވިފައިވާ ކަމުގައެވެ. އަދި މި މަހާސިންތާގައި ބައިވެރިވާން ބޭނުންފުޅުވާ ސްކޫލުތަކުން 31 ޖަނަވަރީ 2020 ގެ ކުރިން މިނިސްޓްރީއަށް އެންގުމަށްވެސް ދެންނެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ސްކޫލު ދަރިވަރުންނަށް އަމާޒް ކުރެވިގެން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މިމަހާސިންތާއާއި ގުޅޭގޮތުން ފާޠިމަތު ޝަމްރާ ވިދާޅުވީ 2020 ވަނަ އަހަރުގެ މަހާސިންތާ ހާއްސަ ކުރެވިފައިވާނީ އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުން (ސިންގަލް ޔޫސް ޕްލާސްޓިކް) ތީމަށް ހާއްސަކޮށްގެނެވެ.

"އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ވަކި ތީމަކަށް ހާއްސަކޮށްގެން. ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް "ސިންގަލް ޔޫސް ޕްލާސްޓިކް" އެއާ ގުޅުވާލައިގެން އަޅުގަނޑުމެން މިނިސްޓްރީން ކުރިއަށް ގެންދިއުމަށް މިވިސްނަނީ. މި މަހާސިންތާ ނުވަތަ ސިމްޕޯޒިއަމަށް ހާޒިރުވާ ދަރިވަރުން ޖެހޭނީ މަހާސިންތާގައި ޕްރޮޕޯސަލް ތަކެއް ހަދަން. މަހާސިންތާގައި ތެރޭގައި ހާއްސަ ފަންނީ މާހިރުން އެހީތެރިވެދޭނެ. ދެން އޭގެތެރެއިން އެންމެ ރަނގަޅު 10 ޕްރްޕޯސަލަކަށް ފަންޑު ދޭގޮތަށް ހަމަޖެހިފައިވަނީ" އޭނާ ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި 2015 ވަނަ އަހަރު ބޭއްވުނު ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާގައި 250 ދަރިވަރުން ބައިވެރިވެފައިވާއިރު، މިއަދަދު 2020 ވަނަ އަހަރު ބާއްވާ މަހާސިންތާގައި އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށާއި ތިންވަނަ މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ސްކޫލަކަށް މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މިނިސްޓްރީން ގަސްދުކުރާކަމުގައެވެ.

ހިޔާލު

2 Responses

  1. ދަރިވަރުންގެ ހިތުގައި ތިމާވެއްޓަށް ލޯބިޖެއްސުން ވަރަށް މުހިންމު ޙާއްޞަކޮށް ޖަޒީރާ ރާއްޖެ ކޮންސެޕްޓަށް. މިކަމުގައި ސްކޫލުތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެ.

  2. ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަނާކުރަންފެނޭ. އަދި ޕްލާސްޓިކް ކޮތަޅުތަކުގައި ބަންދުކޮށްފަ ހުންނަ ތަކެތިން އިތުރުޓެކްސް ތިމާވެށީގެ ހިމާޔަތަށްނަގަން ފެނޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *