އައްޑޫސިޓީ މަރަދޫ ސްކޫލް ޕްރީސްކޫލަށް ބަދަލުކުރުމަކީ ޙީލަތްތެރި ރޭވުމެއްގެ ދަށުން ކުރައްވާ ކަމެއް ނޫން ކަމަށް އެސްކޫލުގެ ޕްރިންސިޕަލް ޢަބްދުއްލަތީފް ޢަލީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެކަމަކީ ޙީލަތްތެރި ރޭވުމެއްގެ ދަށުން ކުރިއަށްގެންދާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާތީއެވެ.
އޭނާ ވިދާޅުވީ އޮކްޓޯބަރު 6 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން އޭނާގާތުން އޮޅުން ފިލުވީ މަރަދޫ ސްކޫލް ޕްރީސްކޫލަކަށް ބަދަލުކުރަން އުޅޭތީ އެކަން ހޫނުވެ ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އެބައޮތް ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ މަޢުލޫމާތެއް ޕްރިންސިޕަލަށް އެނގިފައިވޭތޯ އެޑިޔުކޭޝަނުން އޮޅުންފިލުއްވި ކަމަށެވެ. އޭގެ ޖަވާބުގައި އެފަދަ ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށް ދެންނެވި ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އެބުނެވުނީ މަރަދޫސްކޫލް ޕްރީސްކޫލަކަށް ބަދަލު ކުރުށް ރައްޔިތުންގެ އިއުތިރާޒެއް ނެތްތޯ؟" ކަމަށް ވިދާޅުވެ ވަނީ ސުވާލު ކުރައްވައިފައެވެ. އޮކްޓޯބަރ 6 ގައި އެކަން މިހިސާބަށް ގޮސްފައިވާ ކަމަށް އަދިވެސް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ކުރައްވާފައިވާ އެފްބީ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ގުޅުއްވުމުން އެވާހަކަ މަރަދު ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފަށް ވެސް ދެންނެވި ކަމަށެވެ. މެމްބަރުގެ ފަރާތުން ބައެއް މީހުންނަށް އެމަޢުލޫމާތު ލިބިގެން އެމީހުން ގުޅި ކަމަށް ވެސް ލަތީފް ވިދާޅުވެފައިވެއެވެ.
"މިއީ ޙީލަތްތެރި ރޭވުމެއްގެ ދަށުން ކުރިކަމެއްނޫން. އެޑިޔުކޭޝަން މިނިސްޓްރީން އަޅުގަނޑަށް ގުޅިވާހަކަ މެމްބަރ ޝަރީފަށް ދެންނެވީ އަޅުގަނޑު. ޝަރީފުގެ ފަރާތުން މަޢުލޫމާތު ލިބިގެން އާބިދު، ބަދުރު އަދި ހަބީބު ސުވާލުކުރުމުންވެސް އަޅުގަނޑު ދެންނެވީ މިހެން،" ލަތީފް ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު