ޖަމާލުއްދީން ސްކޫލުގެ ވާހަކަދެއްކުމުގެ ގުލްފާމުގެ ނަތީޖާ ފާޅުކޮށްފި

ޖަމާލުއްދީން ސްކޫލުން ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ވާހަކަދެއްކުމުގެ ގުލްފާމު 2019ގެ ނަތީޖާފާޅުކޮށްފިއެވެ.

އިއްޔެ ހަވީރު ޖަމާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ވާހަކަދެއްކުމުގެ ގުލްފާމުގެ ފައިނަލް ބުރަށް ފަހު އޮތް ނަތީޖާ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ސިވިލްސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މި އަހަރުގެ މުބާރާތުން ގްރޭޑް 3 ން 1 ވަނަ ހޯދީ ގްރޭޑް 3 ބީގެ ދަރިވަރު ފާޠިމަތު މިޝްކާ ޢަބްދުލްމަޖީދުއެވެ. ގްރޭޑް 2 ން 1 ވަނަ ހޯދީ ގްރޭޑް 2 އެޗްގެ ދަރިވަރު ޞާފިޔާ ސުނާނު ޝާކިރުއެވެ. އަދި ގްރޭޑް 1ން 1 ވަނަ ހޯދީ ގްރޭޑް 1 އޭގެ ދަރިވަރު ޢާއިޝަތު މަލިކާ ބިންތް މުޙައްމަދު ފައިޞަލްއެވެ. މީގެ އިތުރުން ކޮންމެ ގްރޭޑަކުން 2 ވަނަ އަދި 3 ވަނަ ދަރިވަރު ވެސް ހޮވައި އެ ދަރިވަރުންނަށް ވެސް އިނާމު ދީފައިވެއެވެ. ވަނަތަކަށް ދިޔަ ދަރިވަރުންނަށް ތަށްޓާއި އިނާމާއި ސެޓްފިކެޓް ބައްސަވާދެއްވީ ޝަރަފުވެރި މެހުމާން ޑރ. ޢަލީ ޝަމީމެވެ.

މި ޖަލްސާގައި ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި ޖަމާލުއްދީން ސްކޫލުން ހޯދާ ފަޚުރުވެރި ވަނަތަކަކީ ވަރަށް ބުރަ މަސައްކަތުން ހޯދާ ވަނަތަކެއްކަން ފާހަގަކުރައްވައި ދަރިވަރުންނަށްޓަކައި ސްކޫލުން ކޮށްދެއްވާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި ބަހަށް ލޯބި ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ވާހަކަދެއްކުމުގެ ފަންނު ދިރުވުމުގެ ބޭނުންތެރިކަމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. މި ޖަލްސާގައި ޑރ. އަލީ ޝަމީމު ވަނީ ދަރިވަރުން ކިޔާނެ ދިވެހި ވާހަކަތަކެއް ސްކޫލަށް ހަދިޔާ ކުރައްވާފައެވެ.

ޖަމާލުއްދީނު ސްކޫލުން ކުރިއަށް ގެންދާ މި މުބާރާތަކީ ވާހަކަދެއްކުމުގެ ފަންނަން ދަރިވަރުން ލޯހުޅުވައި ބަހަށް ލޯބި އުފެއްދުމަށް ކުރިއަށް ގެންދާ ޙަރަކާތެކެވެ. މި އަހަރުގެ މި މުބާރާތުގައި ގްރޭޑް 1ން 95 ދަރިވަރުން، ގްރޭޑް 2ން 85 ދަރިވަރުން އަދި ގްރޭޑް 3ން 88 ދަރިވަރުން ބައިވެރިވެފައިވާވެއެވެ.

ޖަމާލުއްދީން ސްކޫލަކީ އަދަބީ ކަންކަމުގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ސްކޫލެކެވެ. މި އަހަރު ބޭއްވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި އެ ސްކޫލުން ބައިވެރިވި 4 ޢުމުރު ފުރައިންވެސް 1 ވަނަ ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލެވެ.

ވަނަތައް ހޯދި އިތުރު ދަރިވަރުން:

ގްރޭޑް 1 ން 2 ވަނަ ދަރިވަރު އަޙްމަދު އަކިޔަލް ބިން ޙަނީފް، 1 އެފް
ގްރޭޑް 1 ން 3 ވަނަ ދަރިވަރު ޝައިމް ބިން އިބްރާހީމް ޝިޔާމް، 1 އޭ

ގްރޭޑް 2 ން 2 ވަނަ ދަރިވަރު ހައްވާ އަލްޔާ ބިންތި އިބްރާހިމް ޚަލީލް، 2 ޑީ
ގްރޭޑް 2 ން 3 ވަނަ ދަރިވަރު އަބްދުﷲ ކިޔާން ބިން ޝާޛް، 2 އެޗް

ގްރޭޑް 3 ން 2 ވަނަ ދަރިވަރު ޙައްވާ ރައިފާ ޢަލީ، 3 ބީ
ގްރޭޑް 3 ން 3 ވަނަ ދަރިވަރު މަރިޔަމް ބީނިސް މުހައްމަދު ރަމީޒް، 3 ސީ

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަހަރެންގެ ދަރިފުޅު ވެސް ވައްދަން ބޭނުންވަނީ ޖަމާލުއްދީނަށް. އެފުރުސަތު ނުލިބިގެން މި އުޅެނީ. ޖަމާލުއްދީން ވަރެއް ހަމަ ނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *