ބ.ކިހާދޫ ސްކޫލާއި އޮސްޓްރޭލިއާގެ ރޮޒްބަރ ރައިޒް ޕްރައިމަރީ ސްކޫލް ގުޅިގެން ސްކައިޕް މެދުވެރިކޮށް ކިޔަވައި ދިނުމުގެ ޕްރޮގްރާމެއް ހިންގަން ފަށައިފިއެވެ.
މިޕްރޮގްރާމުގެ ފުރަތަމަ ސެޝަން ދެ ސްކޫލުގެ ދެމެދުގައި އިއްޔެވަނީ ކުރިއަށް ގެންގޮސްފައެވެ. ކިހާދޫ ސްކޫލުގައި އިއްޔެ ފެށުނު މި ސެޝަން ކުރިއަށް ގެންދިޔައީ އޮސްޓްރޭލިއާގެ ވެލްބަރން ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމުގައިވާ ޑރ.ރޮންޑާ ޑި ބިއާސް ގެ ބެލުމުގެ ދަށުންނެވެ.
ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ވިދާޅުވީ މިޕްރޮގްރާމް ބޮޑަށް އަމާޒުކޮށްފައިވަނީ އާމަންހަޖުގައި ހިމެނޭ "ދެމެހެއްޓެނެވި ތަރައްޤީއަށް އަމަލުކުރުން" ދަރިވަރުންގެ ކިބައިގައި އަށަ ގެންނެވުމުގެ ބަޔަށެވެ. މިގޮތުން ރޮޒްބަރ ސްކޫލުގައި ކުރިއަށް ގެންދެވޭ ތައުލީމީ އެކިއެކި ޕްރޮގްރާމްތަކުގެ މައުލޫމާތު ކިހާދޫ ސްކޫލުގެ ދަރިވަރުންނާއި ހިއްސާކުރެވޭނެ ކަމަށާއި ސިޓީ، އީމެއިލް އަދި ސްކައިޕް މެދުވެރިކޮށް ދެ ސްކޫލުގެ ދަރިވަރުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެން ދާނެއެވެ.
މިޕްރޮގްރާމުގެ ސަބަބުން ދަރިވަރުންގެ އިގިރޭސި ބަހާއި އާއްމު މައުލޫމާތުގެ އިތުރުން ހާއްސަކޮށް އޮސްޓްރޭލިއާގެ ރޮޒްބަރ ރައިޒް ޕްރައިމަރީ ސްކޫލްގައި ހިންގޭ ތިމާވެށީގެ ވަރަށް ގިނަ މައުލޫމާތު ދަރިވަރުންނާ ހިއްސާކުރެވޭނެ ކަމުގައި ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ވިދާޅުވިއެވެ.
ކިހާދޫ ސްކޫލާއި އޮސްޓްރޭލިއާގެ ރޮޒްބަރ ސްކޫލްގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދެވުނު ފުރަތަމަ ސެޝަންގައި ކިހާދޫ ސްކޫލްގެ ގުރޭޑް 4 އަދި 5 ގެ ދަރިވަރުން ބައިވެރިވެފައިވާއިރު ރޮޒްބަރ ރައިޒް ޕްރައިމަރީ ސްކޫލުންވެސް ބައިވެރިވެފައިވަނީ އެގުރޭޑުތަކުގެ ދަރިވަރުންނެވެ.
advertisment
ހިޔާލު