ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ގާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެން:ނައިބު ރައީސް

ގައުމެއް ކުރިއަރާދާނީ އެކި ދާއިރާތަކުން ޤާބިލު ހުނަރުވެރި އުފެއްދުންތެރި ޖީލެއް އޮވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ތަޢާރަފުކުރި "ކޯޕަރޭޓް ސްކޮލަޝިޕް" އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ދޫކޮށްނުލާ ކޮންމެ މީހަކީވެސް ޤާބިލުމީހަކަށް ހެދުންކަމަށާއި އެގޮތުން ކޮންމެ ޤައުމަކުންވެސް އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މަސައްކަތްކުރަނީ މިސަބަބަށްޓަކައި ކަމުގައެވެ. ތަރައްޤީގެ ގިނަގުނަ ކަންތައްތަކެއް ރާއްޖޭގައި ކުރަމުން އަންނައިރު ބޭރުމީހުންގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްނުލައި ކަންކަން ރާވައި ހިންގަން މަސައްކަތްކުރަންޖެހޭ ކަމަށާއި ދިވެހިންނަކީ ހުނަރުވެރި، ފަސޭހައިން ކަންކަން ދަސްކުރާ ބައެއްކަމުގައެވެ. އެހެންކަމުން ސަރުކާރާއި އަދި އަމިއްލަ ކުންފުނިތަކުންވެސް ދިވެހީންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި މަސައްކަތުގެ މާހައުލުގައި ކަމަށްކަމޭހިތައިގެން ފަރުވާތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވުމަށް ދިވެހި ޒުވާނުންގެ ކިބައި އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަޒީފާގެ ވަގުތު ހެޔޮގޮތުގައި ބޭނުންކޮށް، މަސައްކަތަށް ކަމޭހިތައިގެން ހުނަރުވެރިކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިސްނަގައިގެން ތަޢާރަފުކުރި މި ސްކީމަކީ ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ކުންފުނިތަކުގެ ވަޒީފާތަކަށް ދާން ބޭނުންވާ ފަރާތްތަކަށް އެކިއެކި ދާއިރާތަކުން މަތީތަޢުލީމު ހާޞިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ލިބިދޭ ސްކީމެކެވެ. މި ސްކީމުގެ ދަށުން ކުންފުނިތަކަށް ބޭނުންވާ އެކިއެކި ދާއިރާތަކުން މަތީތަޢުލީމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ރާއްޖެއާ ރާއްޖެއިން ބޭރުން ފަހިކޮށްދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *