ކުންފުނިތަކުގެ އެހީގައި މަތީތައުލީމަށް ސްކޮލަރޝިޕް ލިބޭ ސްކީމެއް

ސަރުކާރު ހިއްސާވާ ކުންފުނިިތަކާއި އަމިއްލަ ކުންފުނިތަކުގެ އެހީގައި މަތީ ތައުލީމުގެ ފުރުސަތުތައް ހާޞިލުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކޮށްދިނުމަށް ކުންފުނިތަކާ ގުޅިގެން "ކޯޕަރޭޓް ސްކޮލަޝިޕް" ގެ ނަމުގައި އާ ސްކޮލަޝިޕް ސްކީމެއް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ތައާރަފުކޮށްފި އެވެ.

އާ ސްކޮލަޝިޕް ސްކީމް ތައާރަފު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަށް ބޭރުގެ ޔުނިވާސިޓީތަކާ މަޝްވަރާކޮށް، އެއްބަސްވުންތަކާ ހިސާބަށް އައިސްފައިވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައިވެރިވެވަޑައިގެންނެވި މިހަފްލާގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސްކީމް ގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި ބޭރުގެ ޔުނިވަރސިޓީތަކާއި ދެމެދު ވެފައިވާ ޕާޝަލް ސްކޮލަރޝިޕް ނުވަތަ ކޯސްފީގެ އެއްބައި ހިމެނޭ ފުރުޞަތުތަކުގައި، ކުންފުނިތަކާއި ގުޅިގެން ކުންފުނިތަކުން އެ ކޯސްފީގެ ބާކީބައި ދައްކާ އުސޫލެއް ގާއިމްކޮށްދިނުމެވެ. މި އެއްބަސްވުންތަކުގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާއި ހިސާބަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީހުން ބިނާކުރަން އަމިއްލަ ކުންފުނިތަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ބޭރުގެ ސްކޮލަޝިޕްތަކާ ގުޅިގެން ކުންފުނިތައް މަސައްކަތް ކުރަން ފެށުމުން، އިންސާނީ ވަސީލަތް ތަރައްގީ ކުރަން އެ ކުންފުނިތަކުން ކުރާ ހަރަދު ކުޑަވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ އަށް ފަހު، އެ ސްކޮލަޝިޕެއް ސްޕޮންސާ ކުރި ކުންފުންޏަކާއި އެ ދަރިވަރަކާ މެދު އެއްބަސްވުމެއް ގާއިމްކުރާނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމް ފޯރުކޮށްދިނުމަށް ތަފާތު އެކި އެއްބަސްވުންތައް ހަދާފައިވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 އެއްހާ ސްކޮލަޝިޕް ލިބޭނެ ކަމަށެވެ.

ކޯޕަރޭޓް ސްކޮލަޝިޕް ސްކީމްގައި ބައިވެރިވި ސަރުކާރުގެ ކުންފުނިތަކަކީ، އެޗްޑީސީ، ދިރާގު، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ، އެސްޓީއޯ އަދި އެމްއޭސީއެލް އެވެ. އަމިއްލަ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *