ނަފީސާ މިސްގެ ޙަޔާތުން ފިލާވަޅެއް: ކިޔަވާ ވިދާޅުވީ ކިޔަވައި ދެއްވަމުން

ހަސަން އަލީ

އެންމެ ޅަފަތުގެ ދުވަސްވަރު، ބަލިއެނދުގައި އޮންނެވި އިރުވެސް އަޒުމަކަށްވީ، ކިޔަވައިގެން މޮޅު މީހަކަށްވުމާއި، ކުޑަކުދިންނަށް ކިޔަވައިދެއްވުވެ.

ނ. އަތޮޅު ތައުލީމީމަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަފީސާ އަބޫބަކުރު ވިދާޅުވީ " މުދައްރިސަކަށް ވުމަކީ އަޅުގަނޑުގެ ޗައިލްޑް ހޫޑް ޑްރީމެއް " ކަމަށެވެ.

ޞިއްޙީ ޙާލު ހުރިގޮތުން އެންމެ ފުރަތަމަ ވެސް މަދަރުސާއަކަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވީ އުމުރުން 10 އަހަރުގައި ނ. އަތޮޅު ތައުލީމީ މަރުކަޒުގެ ހާއްސަ ކުލާހުންނެވެ. އެތައް ތަކްލީފު ތަކަކާއެކު ކިޔަވާވިދާޅުވަމުން ގެންދެވިއިރު ވެސް ހިތްޕުޅުގައި އޮތީ ކިޔަވައިގެން މޮޅު މީހަކަށް ވުމުގެ އަޒުމެވެ. ހަމައެއާއެކު މޮޅު މުދައްރިސަކަށް ވުމުގެ ފޮނިއުއްމީދެވެ.

ތައުލީމަށް ފެންބޮވައިގެންފައިވާ ނަފީސާއަށް އޮތް ހުރަހަކީ ރަށު މަދަރުސާއިން އެޅި ތަޢުލީމުގެ ބިންގާ ފުޅާކުރަން، މާލެ ވަޑައިގެންނެވެން ނެތުމެވެ. އެއީ އޭރުގެ ޙާލަތެވެ. އެޙާލަތު ބަދަލުވީ، ޚާއްޞަ ކުލާހުގައި ކިޔަވަމުން ގެންދެވި ދުވަސްވަރު، ދަސްކުރާ މުދައްރިސް ކަމުގެ ކޯހުގައި ބައިވެރިވުމަށް ލިބިވަޑައިގެންނެވި ހަނި ފުރުޞަތުންނެވެ.

ވަރަށް ޅަޢުމުރުގައި ލިބުނު މި ރަނުގެފުރުޞަތުގެ ބޭނުން ކުރެއްވިއެވެ. ބަލިކުއްޖަކަށް ވުމާއެކު އެހާ ދިގުމުއްދަތުގައި މައިންވަފައިންނާ ދުރަށް ފޮނުއްވާކަށް އާއިލާއަކަށް އެއްބަހެއް ނުވެވުނެވެ. ނަމަވެސް ރަށުން ލިބެން ނެތް ފުރުޞަތެއް ލިބުމުން އެކަން ދޫކޮށްލައްވާކަށް ނަފީސާ ހުންނެވީ ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ.

" އެހާ ކުރާހިތްވާ ކަމަކަށް ވާތީ، މަންމަމެން އެންމެ ފަހުވަގުތު އެއްބަސްވީ"

ގާތް ތިމާގެމީހަކު މާލޭގައި ނެތުމާއެކު މާލޭގައި ހުންނެވީ، ބައްޕަގެ ރަޢްޓެހި ދެމަފިރިއެއްގެ ކައިރީގައެވެ. ސިޓީފިޔަވައި މުވާޞަލާތީ އެއްވެސް ވަޞީލަތެއް ޤާއިމްވެފައި ނެތް ދުވަސްވަރެއްގައި އެހާ ދިގުމުއްދަތެއްގައި މަންމައާއިދުރުގައި ހޭދަކުރެއްވުމަކީ ފަސޭހަ ދުވަސްތަކެއް ނޫނެވެ. ނަމަވެސް ބައްޕަގެ ރަޙްމަތްތެރި ދެމަފިރިންގެ އޯގާތެރިކަމާއި، ބައްޕަގެ ލޯތްބާއި އެހީތެރިކަމާއެކު ކިޔެވުމުގެދުވަސްތައް ނިންމާ، ކޯހުން ފާސްވި މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގެންނެވިއެވެ.

" ވަރަށް އުފާވި ދުވަހެއް އެއީ. މުދައްރިސެއްގެ ގޮތުގައި އެނބުރި އައިސް އަމިއްލަ ރަށަށް ޚިދުމަތް ކުރަން ލިބުން. އަޅުގަނޑުގެ މިކާމިޔާބީގެ ޙިއްސާދާރުންނަކީ ލޯބިވާމަންމައާއި ބައްޕަ އަދި ޢާއިލާގެމެމްބަރުން، ހަމައެއާއެކު އަޅުގަނޑުގެ ކިޔެވުމުގެދުވަސްތަކުގައި ކުރިމަތިވިގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިވެދެއްވި އަޅުގަނޑުގެ "ދެވަނަ މައިންބަފައިން"ގެ ގޮތުގައި ލޮއެއްބާއިއެކު އެހިތެރިވި ދެމަފިރިންގެ ނަން ޝުކުރުވެރިކަމާއެކު ފާހަގަކުރަން! " އެދުވަހަށްފަހު، ކިޔަވައިދެއްވުމާއި ނަފީސާއާ އޮތީ ހިތާހިތުގެ ގުޅުމެކެވެ. އެ ގުޅުން ދެމެހެއްޓެވީ ކިޔަވައިދެއްވަމުން ކިޔެވުމަށް ދެއްވި ޝަޢުޤުވެރި ކަމުންނެވެ.

ފުރަތަމަ ފެއްޓެވީ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއިންނެވެ. ދިރިއުޅުމުގައި ދިމާވި ދަތި އުނދަގޫތަކާއިއެކު ވެސް ފާއިތުވި 36 އަހަރު ހޭދަކުރެއްވީ ވަރަށް އިޚްލާޞްތެރިކަމާއި،އެހާމެ ޝަޢުޤުވެރިކަމާއެކު ކިޔަވައި ދެއްވުމުގައެވެ. ދުވަހަކު ވެސް ގަޑިއެއް ނުޖެހެއެވެ. ޚިދުމަތުގެ މި ދިގު މުއްދަތުގައި، މަދު ދުވަހެއް ފިޔަވައި ސަލާމެއް، ޗުއްޓީއެއް ނުނަންގަވައި، ގިނަ އަހަރުތަކެއްގައި ސްކޫލަށްހާޒިރުވެވަޑައިގެންނެވިއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން، އެފަދަ މުވައްޒަފުންނަށް ދޭ ސައްތައިން ސައްތައިގެ ހާޒިރީ އެވޯޑް ގިނަ އަހަރުތަކެއްގައި ނަފީސާ ޙާޞިލު ކުރެއްވިއެވެ.

ނަފީސާ ވިދާޅުވިގޮތުގައި، ދަސްކުރާ މުދައްރިސް ކަމުގެ ކޯހެއް ނިންމާލައިގެން ޓީޗަރެއްގެ ގޮތުގައި ކުރިއަށް ވަޑައިނުގެންނެވޭނެއެވެ. މުދައްރިސެއްގެ ގޮތުގައި ކުރިއަށް ވަޑައިގެންނެވުމަށް އިތުރަށް ކިޔަވަން ޖެހެއެވެ. އެކަމަކު އެ ފުރުޞަތު އަތޮޅުތެރޭގެ ސްކޫލްތަކަށް އޮތީ އެހާ ފަހިކޮށެއް ނޫނެވެ. ކުރިއަށް ދިއުމުގެ ފުރުޞަތު އޮތީ ބަންދުވެފައެވެ. ނަމަވެސް މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ދުރުންދޭ ތަޢުލީމުގެ ގޮތުގައި ކުރިއަށް ގެންދިޔަ ކުރު މުއްދަތުގެ ކޯސްތައް ދޫކޮށެއްނުލައްވާ ފުރިހަމަކުރެއްވިއެވެ.

ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް އަމާޒުކޮށް، އެ މުދައްރިސުންގެ ފެންވަރު މަތި ކުރުމަށް ޚާއްޞަ ފުރުޞަތުތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލެއްވިއެވެ. މި ފުރުޞަތުގެ ބޭނުން  ކުރައްވައި، މަތީ ތަޢުލީމުގެ ބިންގާ ނަފީސާ އެޅުއްވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ރަށުގައި ނެތުމާއެކު، ހަފްތާގެ ފަސް ދުވަހު ދަރިވަރުންނަށް ކިޔަވައި ދެއްވެވުމަށްފަހު، މަހަކު އެއްފަހަރު ނޫނީ ދެފަހަރު، ބްލޮކް މޯޑަށް ކިޔަވަން ވަޑައިގަންނަވަނީ އެއަތޮޅުގެ ކެނދިކުޅުދޫއަށެވެ. އެއީ ފަސޭހަ ދަތުރެއްނޫނެވެ. ދަރިފުޅާއި ޢާއިލާ ދޫކޮށްލާފައި އެ ދަތުރުތައް ކުރީ އިލްމް ހޯދަން ބޭނުންވިލެއް ބޮޑުކަމުންނެވެ.

" ކޮންމެ މަހަކު އެއްފަހަރުނޫނީ ދެފަހަރު އެފަދަ ދަތުރުތައް ކުރުމަކީ ފަސޭހަ ކަމެއްނޫން. އެކަމަކުވެސް ކިޔަވަން ބޭނުންފައި ހުރި ވަރުން ދޫކޮށްނުލައި ހިތްވަރާއިއެކު މަސައްކަތްކުރީ" އެގޮތުގައި ކުރިއަށް ވަޑައިގެންނެވުނީ ސްކޫލުން އެ ފުރުޞަތު ނަފީސާއާ އާއެކު އެހެން މުދައިރިސުންނަށް ފަހިކޮށް ދެއްވީތީއެވެ.

ނަފީސާ ވިދާޅުވިގޮތުގައި، ރަށުން ބޭރަށް ގޮސް ކިޔަވަން ޖެހުމުން ބައެއް މުދައްރިސުންގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން، ކޯސް ދޫކޮށްލައްވަން މަޖުބޫރުވެލެއްވި ކަމަށެވެ. އެކަމަކު ހިތްވަރު ކުރައްވާފައި ނަފީސާ ވަޑައިގެންނެވީ ކުރިއަށެވެ.

ޑިޕްލޮމާއަށްފަހު، ޚިދުމަތުގައި ތިއްބެވި މުދައްރިސުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވިއެވެ. މިލިބުނު ރަނުގެ ފުރުޞަތު ދޫކޮށްނުލައްވާ ފިސާރި ސާބިތުކަމާއެކު ކިޔެވުން ކުރިއަށް ގެންދެވިއެވެ. އެހެން ޓީޗަރުންނާއެކު ޑިގްރީ ކޯހަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ، ކުރީ ފަހަރެކޭ އެއްގޮތަށް ކަނޑު ހުރަސްކޮށްފައި ކޮންމެ މަހަކު ދެތިން ފަހަރު، ކެނދިކުޅުދޫއަށެވެ. ގިނަ ޓީޗަރުންތަކެއް ކޯހުގައި ބައިވެރިވެ ދަތުރުކުރަން ޖެހުމުން ކިޔަވައިދިނުން ކުރިއަށް ގެންދަން ދަތިވިއެވެ. އެންމެ ފަހުން ޖެހިވަޑައިގަތީ ކޯސް މެދުކަނޑާލައްވާށެވެ.

" މުދައްރިސުންގެ ދަތިކަން ވަރަށްބޮޑު. އެހެންވެ އޭރު ހުންނެވި ޕްރިންސިޕަލް ވެސް ވިދާޅުވީ، ރަށުގައި ތިބެގެން ކިޔެވޭނެ ގޮތެއް ފެނޭތޯ ބަލަންޖެހޭ ކަމަށް" ނަފީސާ މިސް ވިދާޅުވިއެވެ.

އޭގެ ފަހުން ވިލާކޮލެޖްގެ އައުޓްރީޗް ސެންޓަރެއް ވެލިދޫގައި ހުޅުވުމާއެކު އެތަނުގައި ބެޗްލާރސް ޑިގްރީ ކޯހެއް ކުރިއަށް ގެންދިޔައެވެ. ރަށުގައި ހުރެގެން ޑިގްރީއަށް ކިޔަވަން  ނަފީސާ ފެއްޓެވީ އުއްމީދާއެކުގައެވެ. ނަމަވެސް މިފަހަރު ވެސް އުއްމީދު ކުރެއްވި ގޮތަށް ކުރިއަކަށް ނުދިޔައެވެ. ކިޔެވުން ފަށައިގެން ކުރިއަށް ދަނިކޮށް، ބައެއް މުދައްރިސުން ކޯހުން ވަކިވުމާ ގުޅިގެން ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިއެވެ. ކޯސް ކުރިއަށް ގެންދެވޭ ވަރަށްވުރެ ދަރިވަރުން މަދުވުމުންނެވެ.

ނަފީސާ ވިދާޅުވި ގޮތުގައި، ރަށުގައި ހުރެގެން ޑިގްރީ ނިންމާލެވުނީ، ހޮޅުދޫގައި ހުރި އެމްއައި ކޮލެޖްގެ ކެމްޕަސްއާ، ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޭރުހުންނެވި ޕްރިންސިޕަލް ކުރެއްވި މަސައްކަތުން ހޯއްދަވައިދެއްވި ފުރުސަތެއްގައެވެ.

" ބާރަ ވަރަކަށް ކުދިންނާއިއެކު، ކިޔެވުން ކުރިއަށް ގެންދެވޭ ގޮތްވީ" އަމިއްލަ ރަށުގައި ހުންނަވައިގެން ކިޔަވައި ދެއްވަމުން، ޑިގްރީއަށް ކިޔަވާ ނިންމާލެވުމުގެ އިހުސާސް ނަފީސާއަށް ވަރަށް ތަފާތެވެ.

ނަފީސާ ވިދާޅުވި ގޮތުގައި ޑިގްރީ ނިންމާލެވުނުއިރު، ކިޔެވުމުގެ ޝަޢުޤުވެރިކަން މާ ބޮޑަށް އިތުރުވިއެވެ. އެހެންވެ  ފުވައްމުލަކުގައި ހިންގާ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން، ކޮވިޑްގެ ދުވަސްވަރުގެ ތެރޭގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ މާސްޓާސް އޮފް އެޑިއުކޭޝަން ފުރިހަމަ ކުރެއްވީއެވެ.

ކިޔަވައި ދިނުމުގައި މި ހޭދަކުރި 36 އަހަރުގެ ތެރޭގައި ބޮޑުބައެއް ހޭދަކުރެއްވީ، އުގެނުމާއިއެކު އުގަންނައިދިނުމުގައެވެ. އެގޮތުން މާސްޓާސް ނިމުމާއެކު ވެސް ކިޔެވުން ހުއްޓާނުލަށްވާ ކުރިއަށް ގެންދަވާނެ ވާހަކަ ނަފީސާ ވިދާޅުވިއެވެ.

ފުރުސަތުތައް ފަހިވާ މިންވަރުން ތަފާތު އެކި ޕްރޮފެސަނަލް ޑިވެލޮޕްމެންޓަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިއްޕަވާނެކަމަށް ނަފީސާ ވިދާޅުވިއެވެ. ކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުން ވެސް އުނގެނެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާކަން ނަފީސާ ވަނީ ސާބިތުކޮށްދެއްވާފައެވެ. ނަފީސާ އެ ކުރެއްވި މަސައްކަތްޕުޅަކީ މިއަދުގެ މުދައްރިސުންނަށް ކުރިއަށް ދިއުމަށް އޮތް ހިތްވަރެކެވެ.

ނަފީސާ ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، ދިގުމުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގެ އިނާމް ވަނީ ދެއްވާފައެވެ. ކުޑައިރު ބަލި އެންދުގައި އޮވެ ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށްވެ، ދިރިއުޅުމުގެ އަރުތަ ފުރިހަމައަށް ހަސިލްކުރެވިއްޖެކަމުގެ އުފާވެރި އިހުސާސާއެކު ނަފީސާ ވިދާޅުވީ " އަޅުގަނޑު ގަބޫލުކުރާގޮތުގައި މިއަދު އަޅުގަނޑަކީ ގާބިލް ޓީޗަރއެއް، އަދި ދިރިއުޅުމުގައި ކާމިޔާބު އަންހެނެއް" ކަމަށެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *