މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލު ޕޭ ކޮމިޝަނަށް ހުށަހަޅައިފި

މުދައްރިސުންގެ މުސާރައިގެ އޮނިގަނޑު ނިންމައި، ގެނައި ބަދަލު ޕޭކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

ރައްުޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޕޭކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެ ކޮމިޝަނުން ނިންމިހާ އަވަހަކަށް މުދައްރިސުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

" އަޅުގަނޑުމެން ނިންމައި ޕޭކޮމިޝަނަށް ހުށަހަޅާފައި ވާނީ، އެކަން ނިންމާނީ ޕޭ ކޮމިޝަނުން " ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވިއެވެ.
" މިކަން ވާނީ މިވެނި ތާރީޚެއްގައޭ ދަންނަވާކަށް ނޭނގެ. ހަމަގައިމު ވެސް މިކަން ވާނެ"

މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި، ރައީސުލްޖުމުހޫރިއްޔާ ވެސް އިސްކަމެއް ދެއްވައިގެން އެ ކަންތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ހޯއްދަވާ ކަމަށެވެ.

ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނައިރު، އޯވަ ޓައިމަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

" ޓްވެންޓީ ފޯ އަވާސް މަސައްކަތަކަށް ވާއިރު، ހަގީގަތުގައި އެކަށޭނަ އެއްޗެއް ނުދެވޭނެ. އެކަމަކު މުދައްރިސުންގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި މިހާރު އަޅުގަނޑުމެން ވިސްނުންތަކެއް ވިސްނަމުން އެބަދަން،" އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ ޓީޗަރުންގެ މުސާރައާއެކު ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *