އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުމާ ގުޅުވައިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އަލިމަސް ޕެރޭޑް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭ ގައެވެ.
މި ހަރަކާތުގައި އަމީނިއްޔާ ސްކޫލްގެ އިހުގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުން އަދި ޓީޗަރުން ބައިވެރިވާނެއެވެ.
އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްލީން ވާފިރު، ދަރިވަރު ނޫހަށް ވިދާޅުވީ މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕްރޭޑް ކަމަށާއި، މި ޕްރޭޑްގައި 2000 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. މިހާރު ވެސް މި ޕްރޭޑްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ބައިވެރިވާ މީހުން ބޭނުންކުރާނެ ހެދުމުގެ ކުލައެއް ކަމުގައި ކަނޑައަޅާފައި ވަނީ ފެހި ކުލައެވެ.
ނާޒްލީން ވިދާޅުވީ މި ޕެރޭޑްގައި ސްކޫލްގައި މިހާރު ކިޔަވަމުންދާ ކުދިން ބައިވެރިވެފައި ވަނީ ބެލެނިވެރިންގެ ރުހުމާއެކުގައި ކަމަށާއި، މި ޕެރޭޑް ކުރިއަށް ދާނީ މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތައް ހުށަހަޅައިދޭ ގޮތަށެވެ. ކުޅިވަރުތަކާއި ޕެރޭޑުގެ ހަރަކާތްތަކަށް ފަރިތަކުރުމުގެ މަސައްކަތް އަމީނިއްޔާއިން ވަނީ ދުރާލާ ފަށާފައެވެ. މި ހަރަކާތުގައި އެ ސްކޫލްގެ ޔުނިފޯމް ހަރަކާތްތައް ކަމަށްވާ ބޭންޑް، ކެޑޭޓް، ސްކައުޓް، ގާލްގައިޑުން ބައިވެރިވާނެއެވެ.
" މިއީ ވަރަށް އުފާވެރި ވަރަށް މުހިންމު ވަގުތަކަށް ވާނެ. އަމީނިއްޔާއަށް ނިސްބަތްވާ ކޮންމެ ކޮންކުއްޖެއް، ކޮންމެ މީހަކު ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް" ނާޒްލީން ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ހަވީރު، ހުޅުމާލެ ރެހެންދި ސްކޫލް ކުރިމަތިން މި ޕެރޭޑް ފަށާއިރު، ނިންމާނީ ސެންޓްރަލް ޕާކަށެވެ. މި ހަރަކާތް ޝަރަފުވެރިކޮށް ދެއްވާނީ ރައީސުލްޖުމުހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމެވެ.
advertisment
ހިޔާލު