އަހުމަދު ޙާމީ
ސުކޫލު ދައުރަކީ އެކި ކުދިންނަށް ތަފާތު ތަޖުރިބާ ކުރެވޭ ދަތުރެކެވެ. ބައެއް ކުދިންނަށް ކިޔެވުން މަތިން ފޫހިވެ ނުކިޔެވޭ ވަރުގެ ދަތި އުނދަގޫ ތަހައްމަލް ކުރަން ޖެހެއެވެ. ހިތާމައާ އެތަކެއް ވޭނެއްގެ ތެރެއިން ކިޔެވުން ފުރިހަމަ ކުރުމަށް މަސައްކަތް ކުރާ ކުދިންވެސް މަދެއް ނޫނެވެ. އަދި ވަރަށް ފަސޭހަ ކަމާއެކު ކިޔެވުމުގެ މަރުހަލާ ނިންމާލުމުގެ ނަސީބު ލިބޭ ކުދިންވެސް ތިބެއެވެ.
އިހަވަންދޫ ސްކޫލުގެ ފާއިތުވި އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ލިބުނު، ޢާއިޝަތު އަފާ އަޝްރަފަށް ލިބުނު އެންމެ ބޮޑު އުފަލަކީ އެކުގައި ކިޔެވި ކުދިންގެ ރަނގަޅު ގުޅުމާއި ހިތްހެޔޮ ކަމެވެ. ސްކޫލުގެ ކޮންމެ ކަމެއްގައި ވެސް އެކުވެރި ކަމާއެކު މަސައްކަތް ކުރިއެވެ. އިތުރު ހަރަކާތްތަކުން ފެށިގެން ކިޔެވުމުގެ ކަންތައްތަކުގައި ވެސްމެއެވެ.
އޯލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދުމަކީ އަފާ އެންމެ ކުޑައިރުއްސުރެން ދެކޭ ހުވަފެނެކެވެ. އަޒުމަކަށް ހެދީ ކުރެވެން އޮތް އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމެވެ. އެ އަޒުމުގައި މަސައްކަތް ކުރީ ފަހުން ރިގްރެޓް ނުވާނެގޮތަށް ކިތަންމެ ކުޑަކުޑަ ކަމެއް އޮތަސް އޭގައި ހިފައި ފިލާވަޅުތައް ދަސްކުރަމުންނެވެ.

"ރިގްރެޓް ނުވާވަރަށް މަސައްކަތް ކުރީ. ފަހުން މިގޮތަށް މަސައްކަތް ކުރެވުނު ނަމައޭ، މިތަންކޮޅު ދަސްކޮށްލެވުނު ނަމައޭ. އެގޮތަށް ހިތަށް ނާރާ ވަރަށް މަސައްކަތް ކުރީ. ފަހުން ޑިސްއެޕޮއިންޓް ނުވާނެގޮތަށް ވިސްނައިގެން މަސައްކަތް ކުރީ. ކިތަންމެ ކުޑަ ކަމެއްވެސް ދޫކޮށްނުލައި ވަގުތު ދިޔުމުގެ ކުރިން އެންމެ ރަނގަޅަށް ދަސްކުރެވޭތޯ ބެލީ"
ކޮންމެ ދުވަހެއްގެވެސް އެންމެ " ފްލެކްސިބަލް" ގަޑިއެއް ބަލައި، އެގަޑިއެއްގައި ކިޔެވުމުގެ މަސައްކަތް އާއްމުކޮށް ކުރިޔަށް ގެންދިޔަ އިރު، އިމްތިޙާން ބޯމަތިވުމުން ރޭގަނޑުގެ ދަންވަރު ހޭލައިގެން ވެސް ފިލާވަޅުތައް ކިޔައި ދަސްކުރުމުގައި ވަގުތުތައް ހޭދަކުރެއެވެ. ސްކޫލުގެ އަންހެން ޑެޕިއުޓީ ކެޕްޓަނުގެ މަގާމު ވެސް އަދާކުރި އަފާއަކީ އިތުރު ހަރަކާތްތަކުގައި ވެސް ފާހަގަކޮށްލެވޭ ހަރަކާތްތެރި ދަރިވަރެކެވެ.
ކިޔަވައި މޮޅުވުމުގެ ވާދަވެރިކަމެއްގެ ތެރެއިން ކިޔަވަމުން އައިއިރު އެއްކޮށް އުޅުނު ކުދިންގެ އެކުވެރި ކަމަކަށް އެއްވެސް ކަހަލަ ބުރުލެއް ނާރައެވެ. ވާދަވެރިކަން ހިތުގައި އޮވެމެ މަސައްކަތް ކުރަމުން އައީ އެއް މޭޒެއް ދޮށުގައި ތިބެގެންނެވެ. އެކަކަށް ނޭނގޭ އެއްޗެއް އަނެކަކު އޮޅުން ފިލުވައިދީ ކިޔައިދެމުންނެވެ. ކޮންމެ ކުއްޖެއްވެސް ދެކޭ ހުވަފެނުގައި ކުލަ ޖެއްސީ އެއްބައެއް ގޮތުގައި ތިބެގެންނެވެ.

"އެނގޭ ކޮމްޕެޓިޝަނެއްގެ ތެރޭގައިކަން މަސައްކަތް ކުރެވެނީ. އެކަމަކު އެއްވެސް ކުއްޖެއް އެކަމެއް ޝޯއެއް ނުކުރޭ. ވަރަށް ގުޅިގެން ހުރިހާ ކުދިންވެސް މަސައްކަތް ކުރީ. ގްރޫޕް ސްޓަޑީޒް ހަދާއިރުވެސް، އަޅުގަނޑަށް ނޭނގޭ އެއްޗެހިވެސް އެހެން ކުދިން ބުނެދޭ. އެހެން ކުދިންނަށް ނޭނގޭ އެއްޗެހި އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް ބުނެދީ ހެދިން. އަދި އެކަމާ މެދު އުފާވެސްވޭ. އެހެން ކުދިންނަށްވެސް އެހީތެރިވެ ގުޅިގެން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރެވުމުން"
އަފާއަކީ، 3 ކުދިން ހިމެނޭ އާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. މިއާއެކު، އަފާގެ މަންމަގެ އެދުމެއް އަބަދުވެސް އޮވެއެވެ. އަބަދުވެސް މަންމަ ތަކުރާރު ކުރާ ވާހަކައެއް އޮވެއެވެ. ކޮއްކޮމެންނަށް ނަމޫނާ ކުއްޖަކަށް ވުމަށެވެ. އަޚްލާގު ރަނގަޅު ކިޔެވުމަށް ރަނގަޅު ދަރިވަރަކަށް އަފާވުމެވެ. ބައްޕަގެ ނަސޭހަތަކީވެސް އެއީއެވެ. ކާމިޔާބު މޮޅު ދަރިވަރަކަށްވެ ކޮއްކޮމެންނަށް އެކަން ދެއްކުމެވެ.

މަންމައާ ބައްޕަގެ މި އާދޭހާ ނަސޭހަތާއި އެކު އޯލެވެލްގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ކިތަންމެހާވެސް ރަނގަޅެވެ. ރާއްޖޭގެ ގަދަ 10 ގެ އެއްވަނައިގައި ހިމެނިގެން ދިޔައީ ކިޔެވި ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބިގެންނެވެ. ހުރިހާ ގޮތަކުން ސްކޫލުގެ ފަޚުރުވެރި އެންމެ މޮޅު ދަރިވަރުގެ މަގާމުވެސް ލިބިގެންނެވެ. މިއީ އަފާ ދެކުނު ގޮތުގައި މަންމައާ ބައްޕައާ އަދި އެކުވެރި ކުދިންނާ ސްކޫލް ޓީޗަރުންގެވެސް މިންނަތް މަސައްކަތުން ހާސިލް ކުރެވުނު ކާމިޔާބެކެވެ. މިކަމަށްޓަކައި އެ އެންމެންނަށް އަފާގެ ހިތުން ޝުކުރު އަބަދުވެސް އޮހެއެވެ.
"ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް ވީ ވަރަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރާށޭ. ކިޔެވުމާ ވެގެން، އެކަމުގައި އުޅޭށޭ. ފަހަށް ކަންކަން ނުބަހައްޓައި ލިބޭ ވަގުތުގެ ބޭނުން ހިފާށޭ." މިއީ މިހާރު ކިޔަވަމުންދާ ކުދިންނަށް އަފާ ދޭން ބޭނުންވާ މެސެޖެވެ.
advertisment
ހިޔާލު