ފާއިތުވި އަހަރު، އިރުޝާދިއްޔާ ސްކޫލުގެ އެންމެ މޮޅު ދަރިވަރު، އާމިނަތު ލުބާ ލިރާރު ދަށު ސާނަވީ މަރުޙަލާ، އައްޑޫ ސިޓީ މަރަދޫ ސްކޫލުން ނިންމާއިރު ވެސް އެއީ ކިޔެވުމަށާއި އިތުރު ހަރަކާތްތަކުގައި ފާހަގަ ކުރެވޭ މޮޅު ދަރިވަރެކެވެ. ކިޔެވީ ވެސް ކިޔަވާ ހިތުންނެވެ. އެއީ ޑޮކްޓަރަކަށް ވުމަށް އޮތް ޝަޢުޤެއްގެ ބޮޑުކަމާ އެކުގައިވެސް މެއެވެ.
މަރަދޫ ސްކޫލަށްފަހު، ސާނަވީއަށް ބަދަލުވީ އިރުޝާދިއްޔާ ސްކޫލަށެވެ. ލުބާގެ މަދަރުސީ ޙަޔާތުގެ ފަހުބައިގައި އޭނައަށް ނޭނގި ގޮސް ވެއްޓުނީ ޑިޕްރެޝަނާއި އެންޒައިޓީގެ މާ ސިންގާ ކަނޑަށެވެ. އެ ކަނޑުގައި އޭނާ ފަތަމުން ދިޔައިރު، އުނދަގޫ އެތައް މަރުޙަލާއަކާ ކުރިމަތިލާން ޖެހުނެވެ. ކިޔެވުމުގެ މަތިން ފޫހިވިއެވެ. އަބަދު އޮށޯވެ އޮންނަން ބޭނުންވިއެވެ. ކާހިތް ނުވާއިރު އެއްގޮތަކަށް ވެސް ކާ ހިތެއް ނުވެއެވެ. ކާހިތްވާ ފަހަރު މާ ގިނައިން ކެވެނީއެވެ. ނުނިދި ދެ އަތަށް ފޮރޮޅި ފޮރޮޅި އޮވެވެނީ ކިތައްރޭ ކަމެއް އޭނައަކަށް ވެސް ނޭނގެއެވެ. މީހުންނާ ވާހަކަ ދައްކާހިތް ނުވެ ސްކޫލަށް ނުދެވޭ ދުވަސްތައް އިތުރުވާން ފެށިއެވެ. ލުބާގެ ކުރިމަތީގައި މުޅި ދުނިޔެ ދިޔައީ ވަށައި އެނބުރެމުންނެވެ.

" ކިޔެވުން މަތިން ފޫހިވެގެން ކިޔަވެން ހުއްޓާލަން އެތައް ފަހަރު ހިތަށްއެރި. ދަތްއުނގުޅުމާއި އެނދުން ތެދުވުން ފަދަ ކުދިކުދި ކަންތައް ވެސް އެއީ ވަރަށް ބޮޑު ކަމަކަށްވި. ދިރިއުޅުން މަތިން ފޫހިވެ އެކަނިވާން ބޭނުންވި" ލުބާއަށް ކުރެވުނު އިހުސާސްތައް ކިޔައިދިނެވެ.
ލުބާ ބުނީ، އޭނަގެ އުޅުމަށް އަންނަން ފެށި ބަދަލު މަންމައަށް ފާހަގަކުރެވުނު ކަމަށެވެ. އެކަމުގައި އޭނައަށް އެންމެ ފުރަތަމަ ދިއްކޮށްލީ މަންމަގެ އެ އޯގާތެރި އަތެވެ. އެންޒައިޓީއާއި ޑިޕްރެޝަންގެ ބިޔަ ރާޅުތަކުގެ ތެރޭގައި ފަތަމުން ދަނިކޮށް ސަލާމަތުގެ އައްސޭރިއަށް ދެވުނީ މަންމަ ފެށި މަސައްކަތުންނެވެ. ކައުންސިލުން ހޯދަން ފެށިއެވެ. އެކަމުގައި ސްކޫލް ކައުންސިލުން އޭނާއަށް ވަރަށް މުހިންމުވިއެވެ. ސްކޫލާއި މުދައްރިސުންގެ އެހީތެރިކަން އެންމެ މަތީ ތަރަޖައަށް ލިބުނެވެ. އެކަން ލުބާ ފާހަގަކުރަނީ ޝުކުރުވެރިކަމާ އެކުގައެވެ.
" ސްކޫލްގެ ޓީޗަރުން އަޅުގަނޑަށްވުރެ ބޮޑަށް އަޅުގަނޑާމެދު އުއްމީދު ކުރޭ. އެމީހުންނަށް އެނގޭ ޕޮޓެންޝަލް ހުރި ކުއްޖެއްކަން. އެހެންވެ އެމީހުން ވަރަށް ނަސޭހަތްދޭނެ"
އެކަމުގެ ތެރޭގައި އުޅޭ ބައެއް ދުވަސްދުވަހު ހިތްވަރުކޮށްފައި ވެސް ސްކޫލަށްދާ ދެއެވެ. އެފަދަ ދުވަސް ދުވަހު، އެހެން މީހަކަށް އެކަން ނާންގަން ހިނުތުންވާން މަސައްކަތްކުރެއެވެ. ބައެއް ފަހަރު ސްކޫލްގެ ފާޚާނާ ތެރޭގައި އެކަނި އިނދެ އެތައް އިރެއް ވަންދެން ލުބާ ރުޔެއެވެ.
އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް ލުބާއަށް ލިބުނީ ވަރަށް ރަނގަޅު އެކުވެރިން ކޮޅެކެވެ. އެމީހުންގެ އެހީތެރިކަން އިންތިހާއަށް ލިބުނެވެ.
" ސްކޫލަށް ނުދެވޭ ދުވަސްދުވަހު ފިލާވަލުތައް ގެންނާނެ. ކިޔެވުމުގައި އެމީހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު"

ލުބާ ބުނީ، އޭނާއަށް ދިމާވި އެންމެ ދަތި އުނދަގޫ ވަގުތުގައި ކިޔެވުމާއިގެން ކުރިއަށް ދެވުނީ ކޮއްކޮގެ ހިތްވަރުންނެވެ. ފިލާވަޅުތައް ޕްރިންޓްކޮށްގެން އައިސް ކައިރީގައި އިނދެގެން ކިޔައިދެނީ ކޮއްކޮއެވެ. ކޮންމެ ފިލާވަޅެއްގައި ބުނާއެއްޗެއް ދަސްވަންދެން ފޫހިކަމެއް ނެތި ކިޔައިދެއެވެ.
" ކައިރީގައި އިނދެގެން ދަސްވަންދެން ކިޔައިދޭނެ" ކޮއްކޮގެ އެހީތެރިކަން ހެޔޮހިތުން ލުބާ ފާހަގަކުރިއެވެ.
" އެކްސްޓްރާ ކުލާސްތައް ނިންމާލާފައި ބައްޕަ ގެންދާނެ ދުއްވާލަން. އެއީ ވެސް ވަރަށް މުހިންމު ވަގުތުކޮޅެއް"
ލުބާ ބުނީ، ޑިޕްރެޝަންގެ ތެރޭގައި އުޅޭއިރު، މަންމައާ ވާހަކަ ދެއްކުމުން ވަރަށް ބޮޑުތަން ލުއިވެއެވެ. އެހެންވެ މަންމައާ ވަރަށް ގާތް ގުޅުމެއް ބޭއްވިއެވެ. "ބެސްޓް ފްރެންޑް" އަކަށް މަންމަވިއެވެ.
އޯލެވެލްގެ އިމްތިޙާނާ ކުރިމަތިލީ ވެސް މި އުނދަގޫ މަރުޙަލާގެ ތެރޭގައެވެ. ވެއްޓޭ ކޮންމެ ފަހަރަކު އަމިއްލަ ނަފުސަށް ހަނދާން ކޮށްދެނީ އޭނާ ދާންވީ މިސްރާބެވެ. އެކަނި އިނދެ އެތައް ފަހަރަކު އަމިއްލަ ނަފުސާ ވާހަކަ ދައްކައެވެ. ނަފުސާނީ މައްސަލަތަކުގެ ތެރޭގައި އަމިއްލައަށް ހިތްވަރު ހޯދިއެވެ. އިމްތިޙާނުގެ ހޯލަށް ވަނެވެ. އިމްތިޙާން ކަރުދާސް ނިންމިއެވެ.

ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ލުބާއަށް ލިބުނެވެ. އޭ ލިބުނީ ދިވެއްސާއި މެރިން ސައިންސް އިންނެވެ. އެހެން ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދިއެވެ. އެންމެ ފަހުން އިރުޝާދިއްޔާ ސްކޫލްގެ ފަޚުރިވެރި ދަރިވަރުގެ ރަން ތާޖު ވެސް ހޯދީއެވެ.
އޯލެވެލްއަށްފަހު އޭލެވެލްއަށް ވެސް ކިޔަވަން ދިޔައެވެ. އެކަމަކު ކުރިއަށް ދާގޮތެއް ނުވެ " ބްރޭކެއް" ނަގަން ޖެހުނީއެވެ.
" ހައި ސްކޫލަށް އެހެން ކުދިން ދާތަން ފެނުނީމާ ވަރަށް ދެރަވޭ، ރަނގަޅު ނަތީޖާއެއް ހޯދާފައި ކިޔަވަން ނުދެވޭތީ. ކުރިން ބޮޑެތި ފޮތްތައްވެސް ދަސްކޮށްލެވޭ، އެކަމަކު ފަހުން ފިލާވަޅެއްގެ އެންމެ ފޮޅުވަތެއް ވެސް ދަސްކޮށް ނުލެވެނީ. އެހެންވެ ކިޔެވުން މެދުކަނޑާލާފައި ބުރޭކެއް ނެގީ" ލުބާ ބުންޏެވެ.
"މިހާރު ވެސް މީހުން އަހާނެ ތިއީ ވަރަށް މޮޅު ކުއްޖެއް ނޫންހޭ ކީއްވެހޭ ކިޔެވުން ހުއްޓާލީ" އޭލެވެލްއިން މި ވަގުތަށް ބްރޭކެއް ނެގިޔަސް ކިޔެވުން ހުއްޓާލާކަށް ލުބާ ބޭނުމެއް ނުވެއެވެ. އޭލެވެލްގެ މާއްދާތައް ވަކިން ހަދައިން ނަމަވެސް ޑޮކްޓަރަކަށް ވުމުގެ ހުވަފެންތައް އޭނާ ދެކެއެވެ. ކިތަންމެ އުނދަގުލެއްގައި އުޅެން ޖެހުނަސް އެ ހުވެނުގައި ކުލަޖައްސަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ލުބާ ހުރީ ތައްޔާރަށެވެ.

އެންޒައިޓީއާއި ޑިޕްރެޝަންގައި އުޅޭ ކުދިންނަށް ލުބާ ދިން މެސަޖަކީ، ކޮންމެ ވެސް މީހަކާ ވާހަކަ ދެއްކުމަށެވެ. ރައްޓެއްސެއް ނޫނީ އޮންލައިންކޮށް ތެރަޕިސްޓކާ ވިޔަސް ވާހަކަ ދެއްކުމަށެވެ. އަމިއްލަ ނަފުސަށް ނުބަހައްޓާ، އެ ވާހަކަތައް ކޮންމެ ވެސް މީހަކާ ހިއްސާކުރުމަށެވެ.
" މީހަކު އަންނާނެ ކަމަށް ނުހުރެ އަމިއްލައަށް އިސްނަގަންވީ. އޭރުން އެހެން މީހުންގެ އެހީވެސް ލިބޭނީ. އަބަދުވެސް މީހުންނަށް ހެޔޮކޮން ހިތާ ވާހަކަ ދައްކުން މުހިންމު. ކޮންމެ ދުވަހަކު ވެސް ކުދިންނާ ވާހަކަދައްކާލާ އެކުދިންނަށް ބަދަލެއް އަންނަމަ އެކަން ދެނެގަތުމަކީ ބެލެނިވެރިން ވެސް ކުރަންޖެހޭ މުހިންމު ކަމެއް"
advertisment
ހިޔާލު