ޒާރާގެ ޢަޒުމް: ކާފައާއި މާމަގެ ފިޔަވަޅުމަތިން މަންމަގެ ހުވަފެނުގައި ކުލަ ޖެއްސުން

ދިރާސީ އަހަރެއްނިމި، އެ އަހަރުގެ އެންމެ މޮޅު ދަރިވަރުން ސްޓޭޖްމަތިން ތައްޓާއި އިނާމް ހިފައިގެންދާ މަންޒަރު ބަލަން އިދެވެނީ އެފަދަ ޝަރަފަކާއި އެވޯޑްތަކެއް ހޯދަން ހިތުގައި ބިންވަޅު ނެގިފައި އޮތުމުންނެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތް ބުރެވެފައި އުނދަގޫ ނަމަވެސް އެއީ ނުކުރެވޭވަރުގެ ކަމެއް ނޫންކަން އަބަދުވެސް ނަފުސަށް ހަނދާންކޮށްދެއެވެ. އެ އަޒުމުގައި މަސައްކަތް ކުރި އެއް ދަރިވަރަކީ ގއ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ފާއިތުވި އަހަރު ހޮވި އައިޝަތު  ޒާރާ ބިންތު ޒާހިރެވެ. ގުރޭޑް އެކަކުން ފެށިގެން ގުރޭޑް ދިހައެއް ނިންމާލިއިރު، އެންމެ ކާމިޔާބު އެއް ދަރިވަރުގެ ގޮތުގައި ހިމެނުނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެޅި އެތައް ފިޔަވަޅުތަކެއްގެ ނަތީޖާއިންނެވެ.

" އަބަދު ވެސް ކިޔަވަން އިސްކަންދިނިން، އެންމެ މޮޅު ދަރިވަރަށް ވާނަމޭ ހިތުގައި އޮވޭ" ޒާރާ މަސައްކަތް ކުރީ ޢަޒުމެއް އޮވެގެންނެވެ.

ވަރަށް ޅައުމުރުގައި ޒާރާގެ މަންމަ ވަނީ ނިޔާވެފައެވެ. ހުރިހާ ޒިންމާތަކާ ހަވާލުވީ މަންމަ ފަރާތު ކާފައާއި މާމައެވެ. ޒާރާގެ ބަހުންނަމަ " ތިންތި މަންމައާއި ތިއްތި ބައްޕަ"އެވެ.

" އަޅުގަނޑަށް ދަތިވާނެ އެއްވެސް ކަމެއް ނެތި، މައިވަންތަ ލޯތްބަށް އުނިކަމެއް ނުގެނެސް ހަރުދަނާ ދަރިއަކަށް ހަދައިދިނުމުގައި، އެ ދެމީހުންނަކީ އަޅުގަނޑުގެ ކާމިޔާބީގެ ޙަޤީޤީ މޭސްތިރިން"

ޒާރާ ބުނީ، ކިޔަވަން އެންމެ ފަސޭހަވީ ރޭނގަނޑުގެ ހަމަހިމޭން ވަގުތުގައެވެ. ފިލާވަޅުތަކަށް ދޭ ސަމާލުކަން އިތުރުވެ ކިޔަވާހިތުން ކިޔަވަން އިދެވެނީ މީހުންގެ ހިލަމެއް ނުވާ ރޭގަނޑުގެ ހަމަހިމޭން ވަގުތުތަކުގައެވެ.

ސްކޫލް ކެޕްޓަންގެ ޒިންމާ އަދާކުރަމުން، އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން، ކިޔެވުމަށް ދޭންޖެހޭ ސަމާލުކަމަށް ހުރަހެއް ކުރިމައްޗެއް ނުވެއެވެ. އޯލެވެލްއާ ކުރިމަތިލީ ވެސް އެ އަޒުމުގައެވެ. ސްކޫލްގައި ހޯދަމުންދިޔަ ކާމިޔާބަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައެވެ. ނަމަވެސް އޯލެވެލް އިމްތިޙާނާ ކުރިމަތިލިއިރު، ވަރަށް ބޮޑަށް ބަލިވިއެވެ. އޭގެ އަސަރު އޯލެވެލް އިމްތިޙާނަށް ކުރިއެވެ.

" ޓޮޕްޓެންއަށް ދެވޭނެ ކަމަށް އުއްމީދު ކުރިން. އެކަމަކު އެންމެ ފަހުވަގުތު ބަލިވެ އުޅެން ޖެހުމުން އިމްތިޙާނަށް ތައްޔާރުވުމާއި ދޭންޖެހޭ ސަމާލުކަމެއް ނުދެވުނު. ކުރެވުނު މަސައްކަތާ އަޅަބަލާއިރު ނަތީޖާއާ މެދު ހިތްހަމެޖެހޭ"

ސާނަވީ މަރުހަލާއަށްފަހު، މަތީ ސާނަވީއަށް ޒާރާ ކިޔަވަމުން ދަނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުންނެވެ. ޒާރާގެ މިހާރުގެ އަމާޒަކީ އޯލެވެލްއަށް އުއްމީދު ކުރި ނަތީޖާ، އޭލެވެލްގައި ހޯދުމެއެވެ.

ޒާރާ ބުނީ، ތައުލީމީ މަރުޙަލާގައި އެންމެ ދެރަވީ، ނަތީޖާއާމެދު އެކުއްޖަކު އަނެއްކުއްޖަކާ އަޅާ ކިޔާތީއެވެ. ކޮންމެ ކުއްޖަކީ ވެސް އެކުއްޖެއްގެ ނިސްބަތުން ކިޔެވުމަށް މަސައްކަތް ކުރާ ކުއްޖަކަށްވާއިރު، އެކި ކުދިންނަށް ކާމިޔާބު ހޯދޭނީ އެކި މިންވަރަށެވެ. ކޮންމެ ޓެސްޓަކުން ލިބޭ ނަތީޖާއަށް ބަލާ އެކުއްޖަކަށް ބަދު ބަސްބުނުމަކީ އެއީ ކުރިއަށްދިއުމަށް އެޅޭ ހުރަހެއް ކަމަށެވެ.

" އެއްވެސް ކުއްޖަކަށް ހުރިހާ ޓެސްޓަކުން ރަނގަޅު ނަތީޖާއެއް ނުހޯދިދާނެ. ނަތީޖާ ދަށްވާ ކޮންމެ ފަހަރަކު ނޭދެވޭ ބަސްތައް ބުނެ އަނެއް ކުއްޖަކާ އަޅާ ކިޔުމަކީ މުޖްތަމަޢުގައި އޮންނަ ވަރަށް ނުރަނގަޅު އާދައެއް"

ޒާރާ ބުނީ، ކުދިންގެ އިތުރުން ބެލެނިވެރިންގެ މެދުގައި ވެސް އެއްކުއްޖަކު އަނެއްކުއްޖަކާ މެދު ޒާތީ ހަސަދަވެރިކަން ބޮޑުކަމަށާއި އެކަމުގެ ސަބަބުން ކިޔެވުމުމާއި އިތުރު ހަރަކާތްތަކުގައި ކުރިއަށް ދިއުމަށް ހުރަސްއެޅޭ ކަމަށެވެ.

" ސްކޫލްގެ ޕޯސްޓަކަށް ހޮވުނަސް ބައެއް ބެލެނިވެރިންގެ ފަރާތުން އަންނާނެ ނުރުހުމުގެ ބަސްތައް. މިވެނި ކުއްޖަކަށް ނުދީ މިވެނި ކުއްޖަކަށް ދީފިއޭ. އޭނައަށް މިވެނި ޓެސްޓަކުން ލިބުނީ މާ މަދުންނޭ. މިއީ ބެލެނިވެރިންނަށް ނޭނގި ނަމަވެސް ކުރެވޭ ވަރަށް ގޯސް ކަމެއް"

ޒާރާ ބުނީ، ކުދިކުދި އާބާދީ ތަކުގައި މިފަދަ ވާހަކަތައް މުޅި ރަށަށް ފެތުރިގެންދަނީ ދާދި އަވަހަށް ކަމަށާއި އޭގެ ސަބަބުން ބައެއް ކުދިން ނަފުސާނީ މައްސަލަތަކެއްގެ ތެރެއަށް ވެއްޓޭ ކަމަށެވެ. އެކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ކާމިޔާބު ދަރިވަރަކަށް ވުމަށް މީހުން ކިޔާއެއްޗަކާއި ދައްކާ ވާހަކައަށް ސަމާލުކަން ނުދިނުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

މަތީ ސާނަވީ މަރުހަލާއަށްފަހު، ޒާރާ ބޭނުންވަނީ ސިއްޙީ ދާއިރާއިން ކުރިއަށް ދާށެވެ. ޒާރާގެ މަންމައަކީ ސިއްޙީ ދާއިރާގައި ނަމޫނާ ދެއްކި ހިތްވަރުގަދަ ކަނބަލެކެވެ. އޭނާ ބޭނުންވަނީ މަންމަ ކުރިއަށް ދިޔަ މަގުން ސިއްޙީ ދާޢިރާއަށް ޑޮކްޓަރެއްގެ ގޮތުގައި ޚިދުމަތް ކުރުމެވެ.

" މަންމަ ވެސް ދެކުނު ހުވަފެނަކީ ކޮންމެވެސް ހިސާބަކުން ޑޮކްޓަރަކަށްވުން، އަޅުގަނޑު މަސައްކަތް މި ކުރަނީ އެ ހުވެފެނުގައި ދަރިއެއްގެ ހައިސިއްޔަތުން ކުލަޖައްސަން"   

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *