ބެލެނިވެރިންގެ ދައުރަކަށް ވާންވީ، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދިނުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުސްވި އަހަރު އޯލެވެލް ހެދި ކުދިންގެ ތެރެއިން ގަދަ ދިހައަކަށް ދިޔަ ކުދިންނަށް އެވޯޑް ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިޚްތިޔާރު ކުރުމުގައި ހަމައެކަނި ބަލަންވީ މަންމަ ނުވަތަ ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯ ނޫން ކަމަށާއި، ބަލަންވީ، ތިމާގެ ދަރިފުޅު ކުރާ އުންމީދުތަކަކީ ކޮބަލައި އެދަރިފުޅުގެ ޤާބިލުކަން ކުރީ ކޮން ދާއިރާއަކުން ކޮން ކަމަކަށްތޯ ބަލައި، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދޭން ކަމަށެވެ.
" އޭރުން އެ ކުދިންގެ ފަރާތުން ޢާއިލާއަށާއި ޤައުމަށް ލިބޭ ފައިދާ މާ ބޮޑުވާނެ. އެ ކުދިންގެ ކުރިމަގުވެސް މާ އުޖާލާވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރުތަކުގައި އުނގެނުނު ޢިލްމަކީ، ތަޢުލީމީ މަރުޙަލާގެ ބިންގާ ކަމަށާއި، ފުރިހަމަ މާނައިގެ ތަޢުލީމީ މަރުޙަލާއަކީ، ދެން އޮތް މަރުޙަލާތަކަކީ މަތީ ސާނަވީ އަދި އެއަށްފަހު ޔުނިވަރސިޓީ ތަޢުލީމު ކަމަށެވެ.
" އެއީ، ތިޔަ ކުދިން ޒިންމާދާރު މީހުންނަށް ހަދައިދޭ މަރުޙަލާތައް. އަދި މަސްއޫލިއްޔަތު އުފުލުމާއި ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް، ޢަމަލީގޮތުން ތަޖުރިބާކޮށް، އެކަންކަން ޙައްލުކުރަން ދަސްކުރާނެ މަރުޙަލާވެސްމެ. އެ ތަޖުރިބާތަކާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވަކި ޝަޚްޞިއްޔަތެއް އުފެދިގެންދާނެ" ރައީސް ވިދާޅުވިއެވެ.
" އެމަރުޙަލާގައި ކޮންމެ ކުއްޖަކުވެސް ވިސްނަންވީ، ތިމާގެ ކިބައިގައި ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުމަށް. ޤައުމު ތިމާގެ ޚިދުމަތަށް އެދި ގޮވާފަދަ، ބޭނުންތެރި ޝަޚްޞިއްޔަތަކަށް ވުމަށް. މުޖްތަމަޢަށް ފައިދާހުރި، މުޅި މުޖްތަމަޢު ތިމާއަށް ބޭނުންޖެހޭފަދަ ފަރުދަކަށް ވުމަށް. ޤައުމު ތިޔަ ކުދިންނާމެދު މިއަދު ކުރާ އުންމީދަކީ އެއީ"
ދަރުބާރުގޭގައި މިރޭ ބޭއްވި ޖައްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށް ކަމަށާއި، ވަކި މަރުޙަލާއެއް ތަފާތުނުކޮށް، ތަޢުލީމުގެ ހުރިހާ ފުރުޞަތުތަކެއް ފަހިކޮށްދެމުން މިއަންނަނީ، އުފެއްދުންތެރި ފަރުދުންތަކެއްގެ މުހިންމުކަން ބޮޑުކަމުން ކަމަށެވެ.
ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަމަށާއި، ވަކިން ޚާއްޞަކޮށް، ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމަށް، ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަން ޖެހޭއިރު،ޢުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
" އިމްތިޙާނުތަކުގައި ދަރިވަރުން ހޯދާ މަތީ ވަނަތަކުން ރަމްޒުކޮށްދޭ އެއް ކަމަކީ، އެކުދިންނަށް ކިޔަވައިދޭ އެދުރުންގެ ޢިލްމީ ފެންވަރާއި ބުރަ މަސައްކަތް. އެހެންކަމުން، ފެންވަރު ރަނގަޅު ތަޢުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު ޓީޗަރުން. މިއީވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައި އޮތް ކަމެއް. ވަކިން ޚާއްޞަކޮށް، ރާއްޖޭން ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް، އަވަސް ޙައްލެއް އެބަ ބޭނުންވ" ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރު 6600 އަށްވުރެ ގިނަ ދަރިވަރުން އޯ ލެވެލް އިމްތިޚާނު ހެދިއިރު އޭގެ ތެރެއިން 404 ދަރިވަރުން ވަނީ ގައުމީ ގަދަ ދިހެއްގައި ހިމެނިފަ އެވެ.
advertisment
ހިޔާލު