ޣާޒީ ސްކޫލް،ކާމިޔާބު ސްކޫލަކަށް ހަދަން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ޣާޒީ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
" ދަރިވަރު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މަރިޔަމް ވިދާޅުވީ އޯލެވެލްގެ ނަތީޖާއަށް ބަލާއިރިވެސް އެއް އަހަރުން އަނެއް އަހަރަށް ލިބެމުންދާ ކާމިޔާބު ފާހަގަ ކުރެއްވޭނެ ކަމަށެވެ. އަދި އެކަން ކުރިއާ އަޅާ ބަލާއިރު ބެލެނިވެރި ފާހަގަ ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޯލެވެލްގެ ނަތީޖާއަށް ބަލާއިރު، 2017 ވަނަ އަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނީ އެ ސްކޫލްގެ ހަތަރު ދަރިވަރެކެވެ. ނިމިގެން ދިޔަ އަހަރު ގައުމީ ދިހައެއްގައި ދިހަ ކުދިން ހިމެނުނެވެ. އަދި ފަސް މާއްދާއިން ފާސްވި ކުދިންގެ އަދަދު 72 އިންސައްތައިގައިވާއިރު، ތިން މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް އުޅެނީ 98 އިންސައްތައިގައެވެ.
މަރިޔަމް ވިދާޅުވި ގޮތުގައި ކާމިޔާބު ސްކޫލަކަށް ހެދުމަށް ކުރާ މަސައްކަތުގައި ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަކީ އެ ސްކޫލުގެ އެންމެ މުހިންމު އެއް ސިފައެވެ.
" ޓީޗަރުންވެސް އަދި އެހެނިހެން މުވައްޒަފުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ރަނގަޅު ކާމިޔާބީއަކާ ހަމައަށް ސްލޫލްގެ ގެންދަން. އޭގެ ނަތީޖާ މި ފެންނަމުން ދަނީ " މަރިޔަމް ވިދާޅުވިއެވެ.
މަރިޔަމް ވިދާޅުވީ ކިޔެވާ އެއްވަރަށް ކުޅިވަރުގައިވެސް އެކަށީގެންވާ ކާމިޔާބީތަކެއް ސްކޫލްތަކުގެ ފެންވަރުގައި ހޯދަމުންދާ ކަމަށެވެ. އެގޮތުން މި އަހަރަކީ ކުޅިވަރުގައި ގިނަ ކާމިޔާބީތަކެއް ލިބުނު އަހަރެކެވެ.
މަރިޔަމް ވިދާޅުވީ 2017 ވަނަ އަހަރު، އެ ސްކޫލްގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ފެށި ކެމްޕޭނުން އެ ސްކޫލާމެދު ކުރިން ދެކެމުންއައި ގޮތް ބަދަލުވަމުން އަންނަ ކަމަށެވެ. އެ ސްކޫލުން ވަނީ ތީމެއްގެ ގޮތުގައި " ލަވް،ރެސްޕެކްޓް، ސްމައިލް" ހަރަކާތެއް ފަށާފައެވެ. އެ ސްކޫލުން ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތަކުގައިވެސް މި ތީމް ދަނީ ބޭނުން ކުރަމުންނެވެ.
" ކޮންމެ ރަސްމިއްޔާތެއްގައިވެސް، އަޅުގަނޑުމެން ޚާއްޞަ އިސްކަމެއް ދީގެން މި ތީމް ދަނީ ބޭނުން ކުރަމުން. ކޮންމެ ދަރިވަރެއްގެ މޫނުމަތިން މި ހަރަކާތުގެ ހެޔޮ އަސަރު ފެނޭ" މަރިޔަމް ވިދާޅުވިއެވެ.
ގާޒި ސްކޫލަށް ދިމާވެފައިވާ އެންމެ މޮޑު މައްސަލައަކީ ކިޔަވަމުންދާ ކުދިންގެ އާބާދީއާ އަޅާބަލާއިރު، ޖާގައިގެ ދަތިކަމެވެ. ވޭތުވެފިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ސްކޫލްގެ އާބާދީ ދެގުނަ އިތުރުވެފައެވެ. މިހާރު އެ ސްކޫލްފައި 1700އެންހާ ކުދިން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު