ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ ސިޔާސަތަށް އަމަލުކުރަން ފަށައިފި

ދަރިވަރުންނަށް ރައްކާތެރިކަން ލިބިދިނުމުގައި ޢަމަލުކުރާނެ ސިޔާސަތުތައް ބަޔާންކުރާ އުސޫލް ގެ ދަށުން ސްކޫލުތަކުން ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތްތައް އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލުތަކަށް ފޮނުވާފައިވާ ސާރކިޔުލަރ އެއްގައި ބުނެފައި ވަނީ މި އިޖުރާޢަތުގެ މަޤްޞަދަކީ ދަރިވަރުން އަމިއްލަ ނަފުސަށް އަނިޔާކުރާކަން، ފުރާނައަށް ގެއްލުންދިނުމުގެ ޚިޔާލު އަންނަކަން ނުވަތަ ފުރާނައަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާކަން ސްކޫލުގެ މުވައްޒަފެއްގެ ސަމާލުކަމަށް އައުމުން ދަރިވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަމަލުކުރާނެ ގޮތުގެ މަގުދައްކައި ދިނުމެވެ.

ސްކޫލުތަކުން އަމަލުކުރާނެ އިޖުރާއަތު ބަޔާންކުރާ މި އުސޫލުގައި ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލު މުވައްޒަފުންނާއި ސޯޝަލް މީޑިއާގެ ޒަރީއާއިން މައްސަލަ ރިޕޯޓް ކުރާނެގޮތްތައް ބަޔާންކޮށްފައިވާއިރު ދަރިވަރު ހުރީ ސްކޫލޫގައި ނުވަތަ ސްކޫލުން ރާވާ ހިންގާ ހަރަކާތެއްގައިނަމަ އަދި ދަރިވަރު ހުރީ ސްކޫލުން ބޭރުގައިނަމަވެސް އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އޭގެއިތުރުން ރިޕޯޓްކުރުމަށްފަހު ދަރިވަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތައް ވެސް ބަޔާންކޮށްފައި ވެއެވެ.

މިމަހުގެ 14 ވަނަ ދުވަހު މިނިސްޓްރީން ފޮނުވާފައިވާ މި ސާރކިޔުލަރ ގައި ބުނެފައިވަނީ " ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެޑިއުކޭޝަން މިނިސްޓްރީން އަދި އެންމެހާ ސްކޫލުތަކުން ޚާއްޞަ އަހައްމިއްޔަތު ދޭ އަދި އެކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންމުން އަންނަ ކަމެކެވެ. ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، ޖިންސީ އަދި ޞިއްޙީ ދުޅަހެޔޮކަމަކީ އެދަރިވަރެއްގެ އުނގެނުމާއި ތަޢުލީމި ގޮތުން ލިބޭ ކުރިއެރުމާ ގުޅިފައިވާ ކަންކަމަށް ވާތީވެ، ދަރިވަރުންނަށް ރައްކާތެރިކަމާއި ހިމާޔަތް ދިނުމަށް އިޖުރާއަތާ އެއްގޮތަށް ހުރިހާ ސްކޫލުތަކުން ވެސް ޢަމަލު ކުރެއްވުމަށް ދަންނަވަމެވެ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *