ޒުވާން ޚަޠީބުން ބިނާކުރުމުގެ މަސައްކަތަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިޢާރު ފާޅުކުރާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް
ރާއްޖޭ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް މިއަދު ފަށައިފިއެވެ.
މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ މި މަހާސިންތާގައި ރާއްޖޭގެ އެކި އަތޮޅުތަކުން ޒުވާން 300 ޚަޠީބުން ބައިވެރިވެއެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް މިހާތަނަށް ފަސް ބުރެއް ހިންގާފައިވެއެވެ. މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކޮށް، އަމަލީ ގޮތުން މަސައްކަތް ކުރަމުން ގެންދެއެވެ.

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ދިފައިވަނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށެވެ.

ޒުވާން ޚަތީބުންގެ ޕްރޮގްރާމުގައި ބައިވެރިކުރަނީ، ގްރޭޑް 10ން 12ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނެވެ.
ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އިސްލާމީ އުއްމަތުގެ ބައެއްގެ ގޮތުގައި ދިވެހިން 9 ގަރުނު ދެމިއޮތީ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިޢާރު ފާޅުކުރުމުގައި ދެމިއޮތުމުގެ ސަބަބުން ކަމަށާއި، އެގޮތުން ޒުވާން ޚަޠީބުން ބިނާކުރުމަކީ ކުރިއަށް އޮތް 100 އަހަރަށް އިސްލާމީ ޝިޢާރު ފާޅުކުރާނެ ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އެމަނިކުފާނު ވަނީ، މުޖްތަމައުގެ ތެރޭގައި އުޅޭއިރު، ނަމޫނާ ބަޔަކަށް ޒުވާން ޚަޠީބުން ވުމަށް އެދިވަޑައިގެންފައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޒުވާން ޚަޠީބުންގެ ގޮތުގައި މިއަދު ފެންނަ ޒުވާނުން ކުރިއަށް އޮތް ދޭއް، ނޫނީ ތިން އަހަރު ފަހުން، ބޮޑެތި މީހުންނަށްވާނެ ކަމަށާއި މިއަދު މިސްކިތްތަކުގައި ޚުޠުބާ ކިޔުއްވާ ބޭފުޅުންނަށް ވުރެ އެ ކުދިންގެ މުސްތަޤުބަލު އުޖާލާވާނެ ކަމަށެވެ.
ސަބަބެއްކަމަށް ވަޒީރު ވިދާޅުވީ، ޒުވާން ޚަޠީބުންނަކީ ނިޒާމީ ތަޢުލީމުގެ ތެރެއިން ޒަމާނީ ތަޢުލީމާއި އިސްލާމީ ޢިލްމު ލިބިގެން ޤުރުޢާން ރީތިކޮށް ކިޔަވަން ދަސްކުރާ ދަރިވަރުންނަށް ވާތީއެވެ.
"ކުރީގެ ޖީލަށް ވުރެ ތިޔަ ކުދިން ހަރުދަނާ ވާނެ ކަމަށް ޤަބޫލުކުރަނީ" ޒުވާން ޚަޠީބުންނަށް ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.

ޒުވާން ޚަޠީބުންނަށް ވަޒީރު ވިދާޅުވީ، ދީނީ ކަންކަމުގައި ރަޢުޔު ދިނުމުގެ ކުރިން ޢިލްމު އުނގެނުމުގެ މުހިންމުކަމަށެވެ. އަދި މީސްމީޑިއާގެ އެކި ވަސީލަތްތަކާއި މުޖްތަމަޢު ތެރެއިން އެކުދިންނަށް ކުރިމަތިވާ ހަރުކަށި ފިކުރުގެ ވިސްނުންތަކާއި ދުރުހެލިވުމަށާއި ޢިލްމުވެރިންނަށް އިހްތިރާމު ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ޤުރުޢާން ރީތިކޮށް ކިޔެވިނަމަވެސް ޖަމާޢަތް ބޮޑުވާ ވަރަކަށް ކުރުކޮށް ކިޔެވުމަކީ ސުންނަތުން ފެންނަން އޮތް ގޮތް ކަމަށާއި ނަމާދު ކުރުމުގައި ރަށެއްގައި ޢަމަލުކުރާ ގޮތަކީ ސީދާ ދީނާ ސުންނަތާއި ޚިލާފުވާ ކަމެއް ނޫން ނަމަ އެގޮތުގައި އިމާމު ނަމާދު ކުރުމުގައި ޢަމަލުކުރަން ޖެހޭކަން ޑރ، ޝަހީމް ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު