ކިޔުއޭއޭ އެކްރެޑިޓޭޝަންއާއެކު އެންމެ ބޮޑު އިސްކަމެއް އެމްއެންޔޫއިން ދިނީ ހުރިހާ ދާއިރާއަކުން ވެސް ފެންވަރު ހިފަހައްޓަން

"ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި، ކިޔަވައިދިނުމާއި، އުނގެނުމާއި، އަދި ދިރާސާކުރުމުގެ ހުރިހާ ދާއިރާއަކުންވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ހިފެހެއްޓުމަށް" އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށްދޭ މިނިވަން އިދާރާ، ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (ކިޔުއޭއޭ) އިން ދޭ "އިންޓަރނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން" (އައިކިޔުއޭ) ގެ މިޑް-ސައިކަލް ރިވިއުއިން ލިބުނު ނަތީޖާއަށް ބިނާކޮށް އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު ނޫސްވެރިންނަށް ވިދާޅުވިއެވެ.

އެމްއެންޔޫއިން ވަނީ ކިޔުއޭއޭ އެކްރެޑިޓޭޝަން ކުރިއަށް އޮތް ތިން އަހަރަށް ދަމަހައްޓާފައެވެ. އެކްރެޑިޓޭޝަންގެ މުއްދަތު މިހާރު ވަނީ އޮކްޓޫބަރު 2028 ގެ ނިޔަލަށެވެ.

ކިޔުއޭއޭ އެކްރެޑިޓޭޝަނަކީ ޔޫރަޕުގެ މަތީ ތަޢުލީމީ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ "ސްޓޭންޑަޑްސް އެންޑް ގައިޑްލައިންސް ފޯ ކޮލިޓީ އެޝުއަރެންސް އިން ދަ ޔޫރަޕިއަން ހަޔަރ އެޑިއުކޭޝަން އޭރިއާ" (އީއެސްޖީ) މިންގަނޑުތަކަށް ބިނާކޮށް ދެވޭ ދަރަޖައެކެވެ.

މި އެކްރެޑިޓޭޝަނަކީ ފަސް އަހަރުގެ މުއްދަތަށް ދެވޭ އެކްރެޑިޓޭޝަނެއް ނަމަވެސް، އެ މުއްދަތުގެ މެދުތެރެއިން ކުރިއަށްގެންދާ "މިޑް-ސައިކަލް ރިވިއު" އަކުން ފާސްވާންޖެހެއެވެ. ކިޔުއޭއޭގެ ރިވިއު ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު އެންމެ ފުރަތަމަ އެކްރެޑިޓޭޝަން ލިބުނު ފަހުން، އެމްއެންޔޫ އިން ވަނީ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ނޫސްވެރިންނަށް، ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ، ކިޔުއޭއޭ އިން ލިބުނު މި އެކްރެޑިޓޭޝަންއަކީ، އެމް. އެން.ޔޫގެ ސްޓްރެޓީޖިކް ޕްލޭން 2026-2030 ގައި ވެސް ކަނޑައަޅާފައިވާ ފަދައިން، ހަމައެކަނި ތަޢުލީމީ ގޮތުން ޤާބިލު ބައެއްގެ ބަދަލުގައި، މުޖުތަމަޢަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށާއި ޤައުމު ބިނާކުރުމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރާއި، އަގުތަކާއި، އަދި ސިފަތައް ލިބިފައިވާ "ފެންވަރު ރަނގަޅު މީހުން" ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ޔުނިވަރސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކަށްމެ، ފާޑުކިޔުމާއެކު ވިސްނުމާއި، އައު އީޖާދުތައް އުފެއްދުމާއި، އަޚްލާޤީ ޒިންމާދާރުކަމާއި، އިސްނެގުމާއި، އަދި ދުނިޔެއަށް ހޭލުންތެރިވުމަށް ބާރުއަޅާ އަޅުގަނޑުމެންގެ "ގްރެޖުއޭޓް އެޓްރިބިއުޓްސް" ނުވަތަ ދަސްވެނިންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ މައްޗަށް ބިނާވެފައިވާ، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ފެންވަރު ރަނގަޅު ތަޢުލީމެއް ލިބޭނެކަމުގެ ޔަޤީންކަން އޮންނާނެ ކަމަށެވެ. ޔުނިވަރސިޓީގެ ފެންވަރު ކަށަވަރުކުރާ ނިޒާމުތަކާއި ތަޢުލީމީ އުސޫލުތައް މެދުނުކެނޑި ހަރުދަނާކުރުމުގެ ސަބަބުން، އެމްއެންޔޫ އަކީ ތަޢުލީމީ ފެންވަރުގެ އެންމެ ކުރީ ސަފުގައި ދެމިއޮންނަ، އަދި ރާއްޖެއާއި މުޅި ދުނިޔެއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ޤާބިލުކަން ހުރި ދަސްވެނިން ބިނާކުރާ ތަނެއްކަން ކަށަވަރުކުރުމަށް އިސްކަމެއްދޭ ކަމަށް ވެސް ޑރ. ޝެހެނޒު ވިދާޅުވިއެވެ.

"ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މި ޝަރަފުވެރި އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު، ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ތަޢުލީމީ ފެންވަރުގެ ގޮތުން ކުރީ ސަފުގައި ހިމެނޭ ތައުލީމީ މުވައްސަސާއެއްގެ ގޮތުގައި އޮތް މަޤާމު އެމްއެންޔޫ އިން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ އަމާޒު" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *