ބްލޫމްސް ޓެކްސޮނޮމީ އާއި ތަޢުލީމީ ދާއިރާގައި މަތީ ފަންތީގެ ފިކުރީ ހުނަރުތައް ތަރައްޤީކުރުން

ޢަބްދުﷲ ނަޞީޙް

21 ވަނަ ޤަރުނުގެ ތަޢުލީމަކީ ހަމައެކަނި މަޢުލޫމާތުތަކެއް ހިތުދަސްކުރުމާއި އިމްތިޙާނުތަކުގައި އެ މަޢުލޫމާތުތައް އަލުން ބޭރުކޮށްލުމެއް ނޫނެވެ. ޒަމާނީ ތަޢުލީމުގެ އަމާޒަކީ ފާޑުކިޔައި މުތާލިއާކުރަން ދަންނަ، އުފެއްދުންތެރި ގޮތެއްގައި މައްސަލަ ހައްލުކުރާ، މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ އަދި އަމަލީ ދިރިއުޅުމުގައި ޢިލްމުގެ ބޭނުން ހިފަން ދަންނަ ދަރިވަރުންތަކެއް ބިނާކުރުމެވެ. މި މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި މުދައްރިސުންނަށް މަގުދައްކައިދޭ އެންމެ ނުފޫޒުގަދަ އެއް އޮނިގަނޑަކީ "ބްލޫމްސް ޓެކްސޮނޮމީ" އެވެ. ބެންޖަމިން ބްލޫމް އާއި އޭނާގެ ބައިވެރިން 1956 ވަނަ އަހަރު އެކުލަވައިލައި، ފަހުން 2001 ވަނަ އަހަރު އިޞްލާޙުކުރެވުނު މި އޮނިގަނޑަކީ ވިސްނުމާއި އުނގެނުމުގެ ތަފާތު ދަރަޖަތައް ދެނެގަތުމަށް އެހީތެރިވެދޭ އިންތިޒާމުވެފައިވާ މޮޑެލްއެކެވެ. މިއީ ފިލާވަޅުތަކާއި، ވަޒަންކުރުންތަކާއި، ކްލާސްރޫމް ހަރަކާތްތައް ފަރުމާކުރުމުގައި، އަސާސީ މަޢުލޫމާތުތަކުން ފެށިގެން މަތީ ފަންތީގެ ވިސްނުމާއި އުފެއްދުންތެރިކަމާ ހަމައަށް ދަރިވަރުން ގެންގޮސްދިނުމަށް މުދައްރިސުންނަށް އެހީތެރިވެދޭ ވަސީލަތެކެވެ.

ބްލޫމްސް ޓެކްސޮނޮމީ މަޤްބޫލުވެފައިވަނީ އުނގެނުމުގެ ފިކުރީ ހުނަރުތައް ތަރުތީބުވެފައިވާ ދަރަޖަތަކަކަށް ބަހާލައިފައިވާތީއެވެ. އަޞްލު އޮނިގަނޑުގައި ހިމެނެނީ ޢިލްމު (Knowledge)، ދޭހަވުން (Comprehension)، ބޭނުންކުރުން (Application)، ތަޙުލީލުކުރުން (Analysis)، އެކުލަވައިލުން (Synthesis) އަދި ވަޒަންކުރުން (Evaluation) އެވެ. ނަމަވެސް، އިޞްލާޙުކުރެވުނު އޮނިގަނޑުގައި މި ބައިތައް ވަނީ ހަނދާންކުރުން (Remembering)، ދޭހަވުން (Understanding)، އަމަލީގޮތުން ބޭނުންކުރުން (Applying) ، ތަޙުލީލުކުރުން (Analyzing)، ވަޒަންކުރުން (Evaluating) އަދި އުފެއްދުންތެރިކަން (Creating) އަށް ބަދަލުކޮށްފައެވެ. މި ދަރަޖަތަކުން ރަމްޒުކޮށްދެނީ އާދައިގެ ފިކުރީ ހުނަރުތަކުން ފެށިގެން މަތީ ފަންތީގެ ފިކުރީ ހުނަރުތަކަށް އުނގެނުން ތަރައްޤީވަމުންދާ ގޮތެވެ. މި މޮޑެލް ބާރުއަޅަނީ ހަމައެކަނި މަޢުލޫމާތު ހަނދާން ބެހެއްޓުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ދަރިވަރުންނަކީ މަޢުލޫމާތު މާނަކުރާ، އޭގެ ބޭނުން ހިފާ، ގޮތް ނިންމާ އަދި އައު ޚިޔާލުތައް އުފައްދާ ބަޔަކަށް ވާންޖެހެއެވެ.

ފުރަތަމަ ދަރަޖަ ކަމުގައިވާ "ހަނދާންކުރުން" ބިނާވެފައިވަނީ މަޢުލޫމާތާއި، ޙަޤީޤަތްތަކާއި، މާނަތަކާއި ތަޞައްވުރުތައް ހަނދާނަށް ގެނައުމުގެ މައްޗަށެވެ. މި މަރުޙަލާގައި ދަރިވަރުންގެ ފަރާތުން އުންމީދުކުރެވެނީ ކަންކަން ދެނެގަތުމާއި، ލިސްޓުކުރުމާއި، މާނަކުރުމާއި ނުވަތަ ހިތުދަސްކުރުމެވެ. މިއީ އުނގެނުމުގެ ބިންގަލެވެ. ސަބަބަކީ ކަމެއް ދޭހަވުމުގެ ނުވަތަ އަމަލީ ގޮތުން ބޭނުންކުރުމުގެ ކުރިން އެކަމާ ގުޅޭ މަޢުލޫމާތު ހޯދަންޖެހޭތީއެވެ. މި ދަރަޖައާ ގުޅުންހުރި ހަރަކާތްތަކުގެ ތެރޭގައި ކުުއިޒްތަކާއި، ފްލޭޝްކާޑު ބޭނުންކުރުމާއި، ކުރެހުންތަކުގައި ނަންޖެހުމާއި، ގުޅުވުމުގެ ފަރިތަކުރުންތައް ހިމެނެއެވެ. މިއީ އާދައިގެ ފިކުރީ ހުނަރަކަށް ވީނަމަވެސް، ވަރުގަދަ މަޢުލޫމާތުގެ ބިންގަލެއް ނެތި ފުން އުނގެނުމަކަށް ދިއުމަކީ މުސްތަޙީލު ކަމެކެވެ.

ދެވަނަ ދަރަޖަ ކަމުގައިވާ "ދޭހަވުން" އަމާޒުކުރަނީ ހަމައެކަނި ހަނދާން ބެހެއްޓުމުގެ ބަދަލުގައި، އަމިއްލަ އިބާރާތުން ކަންކަން ކިޔައިދިނުމަށެވެ. ދަރިވަރުން ކަންކަން ޚުލާޞާކޮށް، މާނަކޮށް، އަޅާކިޔައި ނުވަތަ ތަފްޞީލުކޮށްދިނުމުން އެކަމެއް ދޭހަވެއްޖެކަން ސާބިތުވެއެވެ. ގްރޫޕް މަޝްވަރާތަކާއި، ކޮންސެޕްޓް މެޕް ކުރެހުމާއި، ވާހަކަ ކިޔައިދިނުމާއި، ޕްރެޒެންޓޭޝަން ދިނުން ފަދަ ހަރަކާތްތަކުން މި ހުނަރު ތަރައްޤީކުރެވިދާނެއެވެ. މީގެ ސަބަބުން ވަކިވަކި މަޢުލޫމާތުތަކެއް ހިތުދަސްކުރުމުގެ ބަދަލުގައި، އެ އުނގެނޭ އެއްޗެއްގެ ފުން މާނަ ދަރިވަރުންނަށް ފަހުމްވެއެވެ. ތަޢުލީމީ ނަފްސާނީ ޢިލްމުގެ ދިރާސާތަކުން ދައްކާގޮތުގައި، މާނަވީ ގޮތެއްގައި ކަންކަން ދޭހަވުމަކީ މަޢުލޫމާތު ގިނަދުވަހަށް ހަނދާނުގައި ހުރުމަށާއި ތަޢުލީމީ ނަތީޖާ ރަނގަޅުވުމަށް އެހީތެރިވެދޭ ކަމެކެވެ.

ތިންވަނަ ދަރަޖަ ކަމުގައިވާ "އަމަލީގޮތުން ބޭނުންކުރުން" ހިމެނެނީ އުނގެނޭ ޢިލްމު ޢަމަލީ މައިދާނުގައި ބޭނުންކުރުމެވެ. މި މަރުޙަލާގައި ދަރިވަރުން މައްސަލަތައް ހައްލުކޮށް، އުސޫލުތައް ދައްކައިދީ، ފޯމިއުލާތައް ބޭނުންކޮށް، ތަޖުރިބާތައްކޮށް، އަދި ތިއަރީތައް ޙަޤީޤީ ދިރިއުޅުމާ ގުޅުވައިދެއެވެ. މިއީ ތިއަރީ ޢިލްމާއި ޢަމަލީ ތަޖުރިބާ ގުޅުވައިދޭ ފާލަމެއް ކަމުން މިކަން ވަރަށް މުހިންމެވެ. މިސާލަކަށް، ސައިންސް ކިޔަވާ ދަރިވަރުން ލެބޯޓްރީގައި ތަޖުރިބާކުރުމާއި، ހިސާބު ކިޔަވާ ދަރިވަރުން ދިރިއުޅުމުގެ މައްސަލަތައް ހިސާބުގެ އަލީގައި ހައްލުކުރުން ހިމެނެއެވެ. ބަސް އުނގެނުމުގައި ނަމަ، ގަވާއިދާއި ބަސްކޮށާރު ބޭނުންކޮށްގެން ވާހަކަދެއްކުމާއި ލިޔުމެވެ. މީގެ ސަބަބުން ދަރިވަރުންގެ ކިބައިގައި އަމިއްލަ އިތުބާރާއި، ހުނަރުވެރިކަން އަދި މުސްތަޤްބަލުގެ ވަޒީފާއަށް ބޭނުންވާ ޢަމަލީ ތަޖުރިބާ އަށަގަނެއެވެ.

ހަތަރުވަނަ ދަރަޖަ ކަމުގައިވާ "ތަޙުލީލުކުރުން" އަކީ މަތީ ފަންތީގެ ފިކުރީ ހުނަރެކެވެ. މީގައި ދަރިވަރުން ކަންކަމުގެ ގުޅުމާއި، ފާހަގަކުރެވޭ އުސޫލުތަކާއި، ސަބަބުތަކާއި އަދި އޮނިގަނޑުތައް ދިރާސާކުރެއެވެ. ދަރިވަރުން ޚިޔާލުތައް އަޅާކިޔައި، މަޤްޞަދުތައް ދެނެގަނެ، ހެކިތައް ހޯދައި، ޙަޤީޤަތާއި ޚިޔާލު ވަކިކޮށް، އަދި ކަންކަން ފުންކޮށް ދޭހަވުމަށްޓަކައި އެކި ބައިބަޔަށް ބަހާލައިގެން ދިރާސާކުރެއެވެ. މިއީ މައްސަލަ ހައްލުކުރުމާއި ގޮތް ނިންމުމަށް ކޮންމެހެން ބޭނުންތެރި ހުނަރެކެވެ. ބަހުސްކުރުމާއި، ކޭސް ސްޓަޑީޒް ހެދުމާއި، ތަފާސްހިސާބު މާނަކުރުމާއި، އަދަބީ ދިރާސާކުރުން ފަދަ ހަރަކާތްތަކުން މި ހުނަރު ތަރައްޤީކުރެވިދާނެއެވެ. ތަޙުލީލީ ވިސްނުން ހުންނަ ދަރިވަރުންނަށް އުނދަގޫ މައްސަލަތައް ދެނެގަތުމާއި ހަމަޖެހޭ ނިންމުންތައް ނިންމުމަށް ފަސޭހަވެއެވެ.

ފަސްވަނަ ދަރަޖަ ކަމުގައިވާ "ވަޒަންކުރުން" މަޖުބޫރުކުރަނީ ހެކިތަކާއި މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމަށެވެ. ދަރިވަރުން ޚިޔާލުތަކަށް ފާޑުކިޔައި، އަމިއްލަ ރައުޔު ދިފާޢުކޮށް، ހައްލުތައް ވަޒަންކޮށް، ނިންމުންތަކަށް އުޒުރު ދައްކައި އަދި ދަލީލުތައް މިނެކިރައެވެ. މީގެ ސަބަބުން ފާޑުކިޔައި މުތާލިއާކުރުމުގެ (Critical Thinking) ހުނަރު ކުރިއަރައެވެ. ސަބަބަކީ ނިންމުމެއް ނިންމުމުގެ ކުރިން ހެކިތައް ވަރަށް ފަރުވާތެރިކަމާއެކު ދިރާސާކުރަން ޖެހޭތީއެވެ. ޒަމާނީ ތަޢުލީމުގައި މި ހުނަރަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެވެއެވެ. ސަބަބަކީ މިނިވަންކަމާއެކު ވިސްނައި ޒިންމާދާރު ނިންމުންތައް ނިންމާ ފަރުދުން މުޖުތަމަޢަށް ބޭނުންވާތީއެވެ. އެކަކު އަނެކަކުގެ މަސައްކަތް ވަޒަންކުރުމާއި، ރިފްލެކްޓިވް އެސޭ ލިޔުމާއި، މަޝްވަރާކުރުމާއި، ޕްރެޒެންޓޭޝަން ދިނުން ފަދަ ކަންކަމުން މި ހުނަރު އަށަގެންނެވިދާނެއެވެ

ބްލޫމްސް ޓެކްސޮނޮމީގެ އެންމެ މަތީ ދަރަޖައަކީ "އުފެއްދުންތެރިކަން" (Creating) އެވެ. މި މަރުޙަލާގައި ދަރިވަރުން އައު ޚިޔާލުތައް އުފައްދައި، މަޝްރޫޢުތައް ފަރުމާކޮށް، މައްސަލަތަކަށް ހައްލު ހޯދައި، އަމިއްލަ އުފެއްދުންތައް ތައްޔާރުކޮށް، އަދި އައު އީޖާދުތައް ކުރިއަށް ނެރެއެވެ. އުފެއްދުންތެރިކަމަކީ މާނަވީ ތަޢުލީމެއްގެ އެންމެ ފަހުގެ މަޤްޞަދެވެ. ސަބަބަކީ އެއީ ދަރިވަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރު ބޭނުންކޮށްގެން އައު އެއްޗެއް އުފެއްދުމުގެ ފުރުޞަތު ފަހިކޮށްދޭ ކަމަކަށް ވާތީއެވެ. އުފެއްދުންތެރި އުނގެނުމުގެ ހަރަކާތްތަކުގެ ތެރޭގައި މޮޑެލްތައް ފަރުމާކުރުމާއި، ވީޑިއޯ ތައްޔާރުކުރުމާއި، ވާހަކަ ލިޔުމާއި، ދިރާސާކުރުމާއި، ވިޔަފާރީގެ ޚިޔާލުތައް ތަރައްޤީކުރުން ނުވަތަ ޓެކްނޮލޮޖީގެ އައު އީޖާދުތައް އުފެއްދުން ހިމެނެއެވެ. އުފެއްދުންތެރިކަމުގެ ސަބަބުން ތަޞައްވުރުކުރުމާއި، އަމިއްލަވަންތަކަމާއި، އީޖާދީ ވިސްނުން ކުރިއަރައެވެ. މިއީ މިޒަމާނުގެ ދުނިޔޭގައި ކޮންމެހެން ބޭނުންތެރި ހުނަރުތަކެކެވެ. ތަޢުލީމީ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އުފެއްދުންތެރިކަމަށް ބާރުއަޅާ އުނގެނުމުގެ މާޙައުލުތަކުގެ ސަބަބުން ދަރިވަރުންގެ ޝައުޤުވެރިކަމާއި، ހިތްވަރާއި، އަދި މުޅި އުމުރަށް އުނގެނުމުގެ ހުނަރު އިތުރުވެގެންދެއެވެ.

ބްލޫމްސް ޓެކްސޮނޮމީގެ އެންމެ ބޮޑު އެއް ފައިދާއަކީ ފިލާވަޅުތައް ރޭވުމުގައާއި މުޤައްރަރު ފަރުމާކުރުމުގައި އޭގެ ބޭނުންތެރިކަން ބޮޑުވުމެވެ. މުދައްރިސުންނަށް މި އޮނިގަނޑު ބޭނުންކޮށްގެން ވިސްނުމުގެ ތަފާތު ދަރަޖަތަކަށް އަމާޒުކޮށް އުނގެނުމުގެ ލަނޑުދަނޑިތައް ކަނޑައެޅިދާނެއެވެ. މިސާލަކަށް، މުދައްރިސަކަށް ފިލާވަޅު ފެށިދާނެ އޭ މުހިންމު ޙަޤީޤަތްތަކެއް ހަނދާންކޮށްދިނުމުންނެވެ. އެއަށްފަހު، އެ ކަންކަން ދޭހަކޮށްދީ، ހަރަކާތްތަކެއްގެ ތެރެއިން އެ ޢިލްމު ބޭނުންކޮށް، މަޢުލޫމާތު ތަޙުލީލުކޮށް، ވަޒަންކޮށް، އަދި އެންމެ ފަހުން އައު ހައްލުތަކެއް ނުވަތަ އުފެއްދުންތަކެއް އުފެއްދުމަށް ދަރިވަރުންނަށް މަގުދައްކައިދެވިދާނެއެވެ. މިގޮތަށް ތަރުތީބުވެފައިވާ ކުރިއެރުމުގެ ސަބަބުން، ދަރިވަރުންގެ ފިކުރީ ތަރައްޤީއަށް އެހީތެރިވެދޭ ހަމަހަމަ އުނގެނުމުގެ ތަޖުރިބާތަކެއް ކަށަވަރުވެއެވެ. މީގެ އިތުރުން، ހަމައެކަނި މަޢުލޫމާތު ދެނެގަތުމުގެ ބަދަލުގައި، ފާޑުކިޔައި މުތާލިއާކުރުމާއި އުފެއްދުންތެރި ވިސްނުމުގެ ހުނަރު ވަޒަންކުރާނެ ގޮތްތައް ފަރުމާކުރުމަށްވެސް މުދައްރިސުންނަށް މީގެއިން އެހީތެރިކަން ލިބެއެވެ.

މިއަދުގެ ތަޢުލީމީ މާޙައުލުގައި، ބްލޫމްސް ޓެކްސޮނޮމީ އާއި ދަރިވަރުންނަށް އިސްކަންދޭ އުނގެނުމުގެ އުސޫލުތަކާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ކުރީގެ ކްލާސްރޫމްތަކުގައި ބޮޑަށް އިސްކަންދިނީ ހިތުދަސްކުރުމަށާއި މުދައްރިސަށް ބިނާވެފައިވާ އުނގަންނައިދިނުމަށެވެ. ނަމަވެސް، ޒަމާނީ ތަޢުލީމު ބާރުއަޅަނީ ހަރަކާތްތެރި އުނގެނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ހޯދައިބެލުމާއި އަދި މައްސަލަ ހައްލުކުރުމަށެވެ. ބްލޫމްސް ޓެކްސޮނޮމީގެ ސަބަބުން ދަރިވަރުން ފުންކޮށް ވިސްނަންޖެހޭ ފަދަ ހަރަކާތްތައް އުފެއްދުމަށް މުދައްރިސުންނަށް ފަސޭހަވެއެވެ. ތަޢުލީމުގެ ތެރެއަށް ޓެކްނޮލޮޖީ ވެއްދުމުގައިވެސް މި އޮނިގަނޑު އެހީތެރިވެއެވެ. ޑިޖިޓަލް ވަސީލަތްތައް ކަމަށްވާ ޕްރެޒެންޓޭޝަންތަކާއި، ސިމިއުލޭޝަންތަކާއި، އޮންލައިން މަޝްވަރާތަކާއި، މަލްޓިމީޑިއާ މަޝްރޫޢުތަކާއި، ތަޢުލީމީ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ފިކުރީ ތަފާތު ދަރަޖަތަކަށް ދަރިވަރުން ގެންދެވިދާނެއެވެ. މިސާލަކަށް، މަޢުލޫމާތު ތަޙުލީލުކުރުމަށް އޮންލައިން ދިރާސާ ވަސީލަތްތައް ބޭނުންކުރުމާއި، ޚިޔާލުތައް ވަޒަންކުރުމަށް ގުޅިގެން މަސައްކަތްކުރާ ޕްލެޓްފޯމްތައް ބޭނުންކުރުމާއި، އަދި އައު މަޝްރޫޢުތައް އުފެއްދުމަށް ޑިޖިޓަލް ޑިޒައިން އެޕްލިކޭޝަންތައް ބޭނުންކުރެވިދާނެއެވެ.

ދިރާސާތަކުގެ ނަތީޖާތަކުން ދައްކާގޮތުގައި، ކިޔަވައިދިނުމާއި އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމުގައި ބްލޫމްސް ޓެކްސޮނޮމީއަކީ ވަރަށް ނަތީޖާ ނެރެދޭ އޮނިގަނޑެކެވެ. މަތީ ފަންތީގެ ފިކުރީ ހުނަރުތަކަށް ބާރުއަޅާ ކްލާސްރޫމްތަކުން ނިކުންނަ ދަރިވަރުންނަކީ މައްސަލަ ހައްލުކުރުމުގެ ހުނަރު ވަރުގަދަ، ތަޢުލީމީ ނަތީޖާ ރަނގަޅު، އަދި ފާޑުކިޔައި މުތާލިއާކުރުމުގެ ހުނަރު މާ ފުރިހަމައަށް ލިބިފައިވާ ކުދިންނެވެ. ފުންކޮށް އަދި އުފެއްދުންތެރި ގޮތެއްގައި ވިސްނަންޖެހޭ ހަރަކާތްތަކުގައި ބައިވެރިވުމުން ދަރިވަރުންގެ ޝައުޤުވެރިކަމާއި އުނގެނުމަށް އޮންނަ ލޯބި އިތުރުވާކަންވެސް ދިރާސާވެރިން ވަނީ ހޯދާފައެވެ. މީގެ އިތުރުން، ސައިންސާއި، ހިސާބާއި، ބަހާއި، ސޯޝަލް ސްޓަޑީޒް އަދި ފަންނީ ތަޢުލީމު ފަދަ ހުރިހާ ދާއިރާއެއްގައިވެސް ބްލޫމްސް ޓެކްސޮނޮމީއަކީ ކާމިޔާބު އެއްޗެއްކަން ވަނީ ސާބިތުވެފައެވެ.

މި އޮނިގަނޑުގެ ގިނަ ފައިދާތަކެއް ހުރި ނަމަވެސް، ބްލޫމްސް ޓެކްސޮނޮމީ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި މުދައްރިސުންގެ ފަރާތުން ފަރުވާތެރި ރޭވުންތަކަކާއި ފަންނީ ޤާބިލުކަން ބޭނުންވެއެވެ. ހަމައެކަނި ހިތުދަސްކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، މަތީ ފަންތީގެ ވިސްނުމަށް މަގުފަހިވާނެ ހަރަކާތްތަކާއި ވަޒަންކުރުންތައް ފަރުމާކުރަން މުދައްރިސުންނަށް އެނގެންޖެހެއެވެ. ވަގުތު މަދުވުމާއި، އިމްތިޙާނުގެ ބުރައާއި، ކްލާސްތައް ބޮޑުވުމާއި، އަދި ވަސީލަތްތައް މަދުވުމުގެ ސަބަބުން ބައެއް ފަހަރު މިކަން ތަންފީޒުކުރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. އެހެންކަމުން، މުދައްރިސުންނަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އޮނިގަނޑު ކާމިޔާބުކަމާއެކު ބޭނުންކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ސްކޫލްތަކުގެ އިސްވެރިންނަކީވެސް ކިޔަވައިދިނުމުގައި ބްލޫމްސް ޓެކްސޮނޮމީ ބޭނުންކުރުން ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ޕްރިންސިޕަލުންނާއި ތަޢުލީމީ އިސްވެރިންނަށް މުދައްރިސުން ތަމްރީނުކުރުމާއި، އީޖާދީ ގޮތްތަކަށް ކިޔަވައިދިނުމަށް ހިތްވަރުދިނުމާއި، އަދި ފާޑުކިޔައި މުތާލިއާކުރުމާއި އުފެއްދުންތެރިކަމަށް އިސްކަންދޭ ސަގާފަތެއް ސްކޫލުގައި އުފެއްދިދާނެއެވެ. ސްކޫލަކުން މަތީ ފަންތީގެ ފިކުރީ ހުނަރުތަކަށް އިސްކަންދޭނަމަ، ދަރިވަރުން ތަޢުލީމީ ގޮންޖެހުންތަކާއި، ވަޒީފާގެ މައިދާނުގެ ބޭނުންތަކާއި، އަދި ބައިނަލްއަޤްވާމީ ވާދަވެރިކަމަށް ތައްޔާރުވެފައިވާ ބަޔަކަށް ވެގެންދާނެއެވެ.

ބްލޫމްސް ޓެކްސޮނޮމީއަކީ ތަޢުލީމީ ދާއިރާގައި އަދިވެސް އެންމެ ނުފޫޒުގަދަ އަދި އަގުހުރި އެއް އޮނިގަނޑެވެ. މިއީ އަސާސީ މަޢުލޫމާތުން ފެށިގެން މަތީ ފަންތީގެ އުފެއްދުންތެރި ވިސްނުމާ ހަމައަށް ދަރިވަރުންގެ ފިކުރީ ހުނަރުތައް ތަރައްޤީކުރުމަށް މުދައްރިސުންނަށް ލިބިފައިވާ ސާފު މަގުޗާޓެކެވެ.

ހަނދާންކުރުމާއި، ދޭހަވުމާއި، އަމަލީގޮތުން ބޭނުންކުރުމާއި، ތަޙުލީލުކުރުމާއި، ވަޒަންކުރުމާއި، އަދި އުފެއްދުންތެރިކަމަށް ބާރުއެޅުމުގެ ސަބަބުން، ބްލޫމްސް ޓެކްސޮނޮމީ އެހީތެރިވެދެނީ ފާޑުކިޔައި މުތާލިއާކުރަން ދަންނަ، މައްސަލަ ހައްލުކުރާ، އީޖާދުތައް ކުރާ، އަދި މުޅި އުމުރަށް އުނގެނުމަށް ލޯބިކުރާ ދަރިވަރުންތަކެއް ބިނާކުރުމަށެވެ. ދުވަހެއް ދުވަހަކަށް އޮޅުންބޮޅުން ބޮޑުވަމުންދާ އަދި ހަލުވިކަމާއެކު ބަދަލުވަމުންދާ މި ދުނިޔޭގައި، ތަޢުލީމީ ނިޒާމުތައް ހަމައެކަނި ހިތުދަސްކުރުމުގެ އިންތަކުން ބޭރުވެ، މިނިވަންކަމާއެކު ވިސްނޭ، ހަމަޖެހޭ ނިންމުންތައް ނިންމޭ، އަދި މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނެވޭ ފަދަ ދަރިވަރުންތަކެއް ތަރުބިއްޔަތުކުރުމަށް އިސްކަންދޭންޖެހެއެވެ. މިފަދަ ތަޢުލީމީ މަޤްޞަދުތައް ހާސިލުކުރުމަށާއި، މުސްތަޤްބަލުގެ ކާމިޔާބީއަށް ދަރިވަރުން ތައްޔާރުކޮށްދިނުމުގައި ބްލޫމްސް ޓެކްސޮނޮމީއަކީ އަދިވެސް އެންމެ ބާރުގަދަ މަގުދައްކައިދޭ ވަސީލަތެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *