ރާމިޒް ސަރގެ ގަލަމުން: ލިޔުންތެރިޔާގެ "ބަނޑުގައި އޮންނަ މާނަ" ދެނެގަންނާނެ ގޮތް

އިބްރާހިމް ރާމިޒު

ދޭހަކުރުމުގެ އުކުޅުތަކުގެ ތެރެއިން ފޮރުވިފައިވާ މާނަ ނުވަތަ "އިންފަރެންސް" ދެނެގަތުމުގެ ހުނަރަކީ ލިޔުމެއްގައި ސީދާ ބަހުން ބުނެފައި ނުވާ، ނަމަވެސް އެ ބުނުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަންކަން ދެނެގަތުމުގެ ހުނަރެވެ. ޅެމެއްގައި ނަމަ، މިއީ ޅެންވެރިޔާގެ ބަނޑުގައި އޮންނަ މާނައެވެ. އެހެންކަމުން ފޮރުވިފައިވާ މާނަ ދެނެގަތުމުގެ އުކުޅަކީ ލިޔުންތެރިޔާ ދޭން ބޭނުންވާ މެސެޖު ފުރިހަމައަށް ދެނެގަތުމަށް ކޮންމެހެން ވެސް ބޭނުންތެރި ހުނަރެކެވެ.

ލިޔުމެއްގެ ފޮރުވިފައިވާ މާނަ ދެނެގަތުމަށް ބޭނުންކުރެވިދާނެ އެންމެ ރަގަޅު އެއް އުކުޅަކީ ލިޔުމުގައިވާ އިޝާރާތްތަކަށް (Context Clues)  ބެލުމެވެ. މިއީ ލިޔުމުގައި ހިމެނޭ އެކި ލަފުޒުތަކާއި ބަސްކޯޅިތަކުން ދޭ އިޝާރާތްތަކަށް ބަލައިގެން، ލިޔުންތެރިޔާ ބުނަން ބޭނުންވާ އަސްލު ވާހަކަ ނުވަތަ ކިޔުންތެރިންނަށް ދޭހަކޮށްދޭން ބޭނުންވާ އަސްލު މާނަ ދެނެގަތުމެވެ. މި ހުނަރުގެ އިތުރުން، ކިޔުންތެރިޔާގެ ކުރިން އެނގިފައިވާ އެއްޗެއް (Prior Knowledge) ބޭނުންކުރުމަކީ ވެސް ފޮރުވިފައިވާ މާނަ ދެނެގަނެވޭނެ ގޮތެކެވެ. އެއީ، މައުޟޫޢަކާ ބެހޭގޮތުން ކުރިން އެނގިފައި ހުރި މަޢުލޫމާތާއި، ދިރިއުޅުމުގެ ތަޖުރިބާ ލިޔުމުގައިވާ ކަންކަމާ ގުޅުވައިގެން ނަތީޖާ ނެރުމެވެ. ލިޔުންތެރިޔާގެ ރޫޙު (Tone and Mood) ދެނެގަތުމަކީ ވެސް ބޭނުންކުރެވިދާނެ އުކުޅެކެވެ. ލިޔުންތެރިންނަކީ ވެސް އިންސާނުން ކަމަށްވާތީ، ކޮންމެ މީހަކީ އަނެކާއާ ތަފާތު މީހެކެވެ. ދިރިއުޅުމުގައި ކަނޑައްތުކޮށްފައިވާ މަރުހަލާތަކުގައި ހިނގާފައި ހުންނަ ކަންކަން ވެސް ތަފާތުވާނެއެވެ. މިޒާޖާއި އެކި ކަންކަމުގައި ދެކޭ ގޮތް ވެސް ތަފާތުވާނެއެވެ. ލިޔުންތެރިޔާގެ މޫޑަކީ ވެސް ލިޔުމަށް އަސަރުފޯރުވާ ކަމެކެވެ. އެހެންކަމުން، ކޮންމެ ލިޔުމެއް ވެސް ލިޔެފައިވާނީ ވަކި ރޫހަކަށެވެ. ލިޔުމުގައި ވަކި ރާގެއް ހުންނާނެއެވެ.

ލިޔުންތެރިޔާ ބޭނުންކޮށްފައިވާ ބަސްމަގުން އޭނާގެ އިހުސާސްތަކާއި، ކަމަކާ މެދު އެ ލިޔުންތެރިޔާ ދެކޭގޮތް ދެނެގަތުން.

ފޮރުވިފައިވާ މާނަ ދޭހަކުރުމުގެ ހުނަރު އަށަގެންނެވުމަކީ ދޭހަކުރުމަށް ނުހަނު ބޭނުންތެރި، އެހާމެ ގިނަ ފައިދާތައް އެކުލެވިގެންވާ ކަމެކެވެ. އޭގެތެރޭގައި ފުންމާނަ ދޭހަވުން ހިމެނެއެވެ. ލިޔުމުގެ ސާފު ސާދާ މާނައިގެ އިތުރުން، އޭގެ ފުންމިނާއި މުހިންމުކަން ވަޒަންކުރަން އެނގެއެވެ. ފާޑުކިޔުމުގެ ވިސްނުން ނުވަތަ ކްރިޓިކަލް ތިންކިންގ ތަރައްގީވެއެވެ. އެހެނީ ފޮރުވިފައިވާ މާނަ ދެނެގަންނަން ދަސްވުމަކީ ކަންކަމާ މެދު ފުންކޮށް ވިސްނައި، ސުވާލު އުފައްދައި، ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމަން ދަސްވެގެން މެނުވީ ނުވާނެ ކަމެކެވެ. މީގެ އިތުރުން، މުއާމަލާތްކުރުމުގެ ހުނަރު ރަގަޅުވުމަކީ ވެސް ފޮރުވިފައިވާ މާނަ ދެނެގަތުމުގެ ހުނަރުގެ ބަހާއެކެވެ. އިންފަރެންސް ސުވާލުތަކަށް ޖަވާބުދޭން ދަސްވުމަކީ އެހެން މީހުންނާ ވާހަކަދައްކާ އިރު، އެމީހުން ދައްކާ ވާހަކައިގެ އަސްލު މަޤްޞަދާއި އިހުސާސްތައް ދެނެގަތުމަށް ފަސޭހަވާ ކަމެކެވެ. މީގެ އިތުރުން، ޝައުޤުވެރިކަން އިތުރުވުމަކީ ވެސް މީގެ ފައިދާއެކެވެ. ސަބަބަކީ ލިޔުމެއް ކިޔާއިރު، އޭގެ "ގޮތް ނޭނގޭ" ބައިތައް އަމިއްލައަށް ހޯދުމަކީ ކިޔުންތެރިޔާގެ ޝައުޤުވެރިކަން ދަމަހައްޓައިދޭ ކަމެކަށް ވާތީއެވެ.

އިމްތިހާނުތަކުގައި އިންފަރެންސް ސުވާލުތަކަށް ޖަވާބުދޭއިރު ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ. އާންމުކޮށް މިފަދަ ސުވާލުތައް ހުންނާނީ "މި ލަފުޒުން/ބަސްކޯޅިން/ޖުމުލައިން ދޭހަވަނީ ކޮންކަމެއް؟" ނުވަތަ "ލިޔުންތެރިޔާ މިހެން ބުނުމުގެ މަޤްޞަދަކީ ކޮބައި؟" މިފަދަ ގޮތަކަށެވެ. މިފަދަ ސުވާލުތަކަށް ޖަވާބު ދޭ އިރު، މި 3 މަރުހަލާ ފުރިހަމަކޮށްލުން ބުއްދިވެރިއެވެ:

ހެކި ހޯދުން: ލިޔުމުގައި އެ ކަމަށް އިޝާރާތްކުރާ ލަފުޒުތައް، ބަސްކޯޅިތައް ނުވަތަ ޖުމުލަ ފާހަގަކުރުން.

ގުޅުވައިލުން: ފާހަގަކުރި ބައިތަކާއި ތިމާއަށް ކުރިން އެނގިފައިވާ މަޢުލޫމާތާ ގުޅުވައިލުން.

ނަތީޖާ ނެރުން: ސީދާ ލިޔުމުގައި ނެތް ނަމަވެސް، އެ ހެކިތަކުން ދޭހަވާ އަސްލު މާނަ ލިޔުން.

އިންފަރެންސް ސުވާލަކަށް މުދައްރިސާ އެކު ޖަވާބުދެމާ ހިނގާށެވެ. " އިމްތިހާނު ކަރުދާސް ލިބުމާ އެކު، ރައީގެ މޫނުމަތިން ހިނިތުންވުން ފިލައިގެންދިޔައެވެ. ގަލަމުގައި ބާރަށް ހިފަހައްޓައިގެން އިސްޖަހާލައިގެން އޭނާ އެތައް އިރަކު އިނެވެ."

ސުވާލު: އިމްތިހާނު ކަރުދާސް ފެނުމުން ރައީއަށް ކުރެވުނީ ކޮންކަހަލަ އިހުސާސެއްހެއްޔެވެ؟ އެއީ ކީއްވެގެން ހެއްޔެވެ؟

ޖަވާބު ދޭންވީ ގޮތް:

އިހުސާސް: ނުތަނަވަސްކަމުގެ/ބިރުވެރިކަމުގެ އިހުސާސެކެވެ.

ސަބަބު (ހެކި): ސަބަބަކީ އިމްތިހާނު ކަރުދާސް ފެނުމާ އެކު އޭނާގެ "ހިނިތުންވުން ފިލައިގެން ދިއުން" އަދި "ގަލަމުގައި ބާރަށް ހިފަހައްޓައިގެން" އިނުމެވެ. މިއީ މީހަކު ކަމަކާ ނުތަނަވަސްވެ/ބިރުގަނެ ހާސްވުމުން ކުރާނެ ކަންކަމެވެ.

ފޮރުވިފައިވާ މާނަދެނެގަތުމުގެ މި ހުނަރު އިތުރަށް ތަރައްޤީކުރުމަށް ޓަކައި، ލިޔުމެއް ކިޔައި ނިންމުމަށް ފަހު، "މިހެން މިވީ ކީއްވެ؟" ނުވަތަ "މީގެ ފަހަތުގައިވާ ސަބަބަކީ ކޮބާ؟" ފަދަ ސުވާލުތައް އަމިއްލަ ނަފްސާ ކޮށްލުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *