މުސާރައިގެ ކުރިއެރުމަށްވުރެ ފުޅާ ނަޒަރަކުން: ދައުލަތުގެ ޚިދުމަތްތެރިންގެ ޝައުޤުވެރިކަމާ މެދު އަލުން ވިސްނާލުން

އަބްދުﷲ ނަސީމް ޢަބްދުލްމަތީން

މުވައްޒަފުން ޤައުމީ ޚިދުމަތަށް ނެރުމަށްޓަކައި އެންމެ ބޮޑު ބާރަކަށްވަނީ ކޮން ކަމެއް ހެއްޔެވެ؟ އެއީ އެ މީހަކު ކުރާ މަސައްކަތަށް ލިބޭ އުޖޫރަ ހެއްޔެވެ؟ ނުވަތަ ވަޒީފާގެ މާޙައުލުން ލިބޭ އެހެނިހެން މަންފާތަކާއި ލުއިފަސޭހަތައް ހެއްޔެވެ؟ ދައުލަތުގެ މުއައްސަސާތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދޭ މައިގަނޑު ތަނބުތަކަށް ވީހިނދު، މިއީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގައި ކުރިމަތިވާ ނުހަނު މުހިންމު ސުވާލެކެވެ.

ވޭތުވެދިޔަ ޤަރުނުތަކުގައި ދުނިޔޭގެ ގިނަ ޤައުމުތަކުން މި ސުވާލަށް ދީފައިވަނީ ވަރަށް ސާދާ ޖަވާބެކެވެ. އެއީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި މުސާރަ ބޮޑުކުރުމެވެ. ހަނަފަސްވެފައިވާ ބިމަކަށް ފެން ލިބުމުން ގަސްގަހާގެހި ހެދިބޮޑުވާ ފަދައިން، މުސާރަ އިތުރުކުރުމަކީ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭނެ އެންމެ މުހިންމު ވަސީލަތް ކަމުގައި އޭރު ބެލެވުނެވެ. ނަމަވެސް، މިއަދުގެ ދުނިޔޭގައި މުވައްޒިފުން ބަރޯސާވަނީ ހަމައެކަނި މާލީ މަންފާއަކަށް ނޫނެވެ. މަސައްކަތުގެ ޝައުޤުވެރިކަން ދެމެހެއްޓުމުގައި މުސާރައަށްވުރެ މުހިންމު އެހެން ކަންތައްތަކެއް ފޮރުވިފައިވެއެވެ. އޭގެ ތެރޭގައި ކުރާ މަސައްކަތުގެ މަޤްޞަދު ސާފުވުމާއި، އަމިއްލަ މަސައްކަތާމެދު އުފެދޭ ފަޚުރުވެރިކަމުގެ އިތުރުން، މުއައްސަސާގެ ކުރިއެރުމުގައި ތިމާއަކީ މުހިންމު ބައިވެރިއެއްކަމުގެ އިޙްސާސްވުން ހިމެނެއެވެ.

ދިވެހި ސިވިލް ސާވިސްގެ 241 މުވައްޒިފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ ބިޒްނަސް އެންޑް މާކެޓިންގ ޑިޕާޓްމަންޓްގެ ހެޑް، އެސިސްޓެންޓް ޕްރޮފެސަރ ޑރ. އާމިނަތު ސުދާ އިސްވެ ހުންނަވައި ކުރެއްވި ދިރާސާއަކުން ދައްކާގޮތުގައި، ހަމައެކަނި މާލީ އިނާޔަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، މުވައްޒިފުންގެ ކިބައިގައި ހުންނަންޖެހޭ ޚިދުމަތްކުރުމުގެ އަސްލު ރޫޙު ބަލިކަށިވެގެންދެއެވެ.

އެހެންކަމުން، މިއަދު ކުރަންޖެހިފައިވާ ސުވާލަކީ މުސާރަ ބޮޑުކުރުމާއި ދޭތެރޭ ކުރެވޭ ސުވާލެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ މީހުން ޚިދުމަތް ކުރުމަށް ހިތްވަރު ލިބޭ އަސްލު ވަސީލަތްތަކަކީ ކޮބާތޯ ކުރެވޭ ސުވާލުތަކެވެ.

ދައުލަތުގެ ޚިދުމަތުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އުފެދޭ ގޮތް

ދައުލަތުގެ ޚިދުމަތުގައި މަސައްކަތްކުރުމަކީ ހަމައެކަނި އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ މަތިވެރި މަޤްޞަދެއް ހާސިލުކުރުމަށް ތިމާއަށް ވެވޭ އިޤުރާރެކެވެ. ޅަދަރިންގެ މުސްތަޤުބަލު ބައްޓަންކުރާ މުދައްރިސުންނާއި، އިންސާފުވެރި ނިޒާމެއް ކަށަވަރުކޮށްދޭ އިދާރީ މުވައްޒަފުންނާއި،  ޤައުމީ މަޝްރޫޢުތައް ވިލަރެސްކުރާ އޮފިސަރުންނަށް މަސައްކަތުގެ ހިތްވަރު ލިބެނީ މިމުވައްޒިފުންނަށް ލިބޭ މުސާރައަށްވުރެ ބޮޑަށް އެމުވައްޒިފުން ޤަބޫލުކުރާ އުސޫލުތަކާއި ހަމަތަކުގެ ސަބަބުންނެވެ. އެމީހުންގެ މަސައްކަތުގެ މަސްއޫލިއްޔަތު ގުޅިފައިވަނީ މުޖުތަމަޢުގެ ލާބަޔާއި، މުއައްސަސާތަކުގެ ހަމަޖެހުމާއި، ރައްޔިތުންގެ ކަރާމާތާއެވެ.

މިފަދަ މާޙައުލެއްގައި، މަސައްކަތް ކުރުމަށް ޝައުޤުވެރިކަން އުފެދެނީ ކިހިނަކުންތޯއެވެ؟ އެއީ މަސައްކަތާއި ދޭތެރޭ އުފެދިފައިވާ ޝައުޤުވެރިކަމުންނެވެ. އެތެރެފުށުން އުފެދޭ ޝައުޤުވެރިކަން ނުވަތަ 'އިންޓްރިންސިކް މޮޓިވޭޝަން' އަކީ، ތިމާ މަސައްކަތްކުރާ މުވައްސަސާއާއި ދޭތެރޭ ތިމާ ޤަބޫލުކުރާ ގޮތުގެ ސަބަބުން ތިމާ އެ މުވައްސަސާގައި މަސައްކަތްކުރުމަށް ހިތްޖެހުމެވެ. ބައެއް ހާލަތްތަކުގައި މިއީ ތިމާ މަސައްކަތުގައި ދެމިހުރުމަށް ބާރުއަޅައިދޭ ހަމަހިމޭން އިންޖީނެކެވެ.  މުސާރައާއި އިނާޔަތްތައް ފަދަ ބޭރުފުށުން ޝައުޤުވެރިކަން (އެކްސްޓްރިންސިކް މޮޓިވޭޝަން) އުފައްދައިދޭ ވަސީލަތްތަކަކީ މުވައްޒަފުންނަށް އިޙްތިރާމާއި ރައްކާތެރިކަން ލިއްބައިދޭ، މަސައްކަތުގައި އިންސާފުވެރިކަން ކަށަވަރުކޮށްދޭ މުހިންމު ބަހާއެކެވެ.

ނަމަވެސް، މާލީ އިނާޔަތްތަކަށް މާބޮޑަށް ބަރޯސާވެއްޖެނަމަ، މަސައްކަތުގެ އަސްލު މާނަ ބަދަލުވެގެން ދިޔުމުގެ ބިރު އެބައޮތެވެ. ޤައުމީ ޚިދުމަތެއްގެ ގޮތުގައި ދެކެމުން އައި ވަޒީފާ ވިޔަފާރިއެއްގެ ސިފައަށް ބަދަލުވެގެން ދިއުމުން ވާނީ ކިހިނެތްތޯއެވެ. މީގެ ސަބަބުން ތިމާ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި ތިމާއަށް ލިބޭ އުޖޫރައާ ދެމެދު އުފެދިފައިވާ ނާޒުކު ގުޅުން ކެނޑިގެންދެއެވެ. ޑރ. ސުދާގެ ދިރާސާ ބައްޓަންކުރެވިފައިވަނީ މާލީ އިނާޔަތްތަކާއި މަސައްކަތުގެ އަސްލު މާނައާއި ދެމެދު އުފެދިފައިވާ ގުޅުން ދެނެގަތުމުގެ މައްޗަށެވެ.

ދިރާސާ: ސިވިލް ސާވަންޓުންގެ އަޑުތައް

ވަޒީފާގެ މަސްއޫލިއްޔަތާއި އުޖޫރައާ ދެމެދު އޮންނަ މި ނާޒުކު ގުޅުން ދެނެގަތުމަށްޓަކައި، ޑރ. ސުދާއާއި ޓީމް ވަނީ ރާއްޖޭގެ 241 ސިވިލް ސާވަންޓުން ދެއްވި ޖަވާބުތަކުގެ މައްޗަށް ބިނާކޮށް ދިރާސާއެއް ކުރިއަށް ގެންގޮސްފައެވެ. މި ދިރާސާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ މާލީ އިނާޔަތްތަކުގެ ސަބަބުން މުވައްޒަފުން އަދާކުރަންޖެހޭ އަސާސީ ޒިންމާތައް އަދާކުރުމުގެ ގާބިލުކަމަށާއި، މުވައްޒިފުންނަށް އަލަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހޭނުމުގެ ގާބިލުކަމާއި ގުޅޭގޮތުންނެވެ. ހަލުވިކަމާއެކު ކުރިއަރަމުން މިދާ ދުނިޔޭގައި، ދައުލަތުގެ މުއައްސަސާތަކުގެ ފެންވަރު ވަޒަންކުރުމުގައި އާ ހާލަތްތަކަށް ހޭނުމަކީ އެންމެ މުހިންމު އެއް ގާބިލިއްޔަތެވެ.

މި ދިރާސާގެ ނަތީޖާއިން ފެނިގެންދިޔައީ ހައިރާންކުރުވަނިވި ނަތީޖާއެކެވެ. މަސައްކަތުގެ ފެންވަރަށް މާލީ އިނާޔަތްތަކުގެ ނުފޫޒު ފޯރަނީ ދެ ގޮތަކަށެވެ. އެއީ ސީދާ ގޮތުން ކުރާ ނޭދެވޭ އަސަރަކާއި، ނުސީދާ ގޮތުން ކުރާ ރަނގަޅު އަސަރެކެވެ. ބަލާބެލުމަށް މިއީ އިދިކީލި ދެ ކަމެއްގެ ގޮތުގައި ތިމާއަށް ފެނުނު ނަމަވެސް، މިއިން ދައްކުވައިދެނީ އިންސާނުންގެ ނަފްސާނީ ޝައުޤުވެރިކަމުގެ ނާޒުކުކަމެވެ.

ފައިސާގެ ސަބަބުން ޚިދުމަތުގެ ރޫޙު ބަލިކަށިވުން

ދިރާސާއިން ފާހަގަވި ފުރަތަމަ ކަމަކީ، މާލީ އިނާޔަތްތައް އިތުރުވުމާއި މަސައްކަތުގެ ފެންވަރާ ދެމެދު އޮތް ކުޑަ ނަމަވެސް ނޭދެވޭ ގުޅުމެވެ. އިލްމީ ގޮތުން މިކަމަށް ކިޔަނީ "ކްރައުޑިންގ-އައުޓް އިފެކްޓް" އެވެ.

މުޖުތަމަޢަށް ފައިދާހުރި ކަމެއްގައި އަމިއްލަ އިސްނެގުމުގެ މަތިން ހިލޭސާބަހަށް މަސައްކަތްކުރާ މީހަކަށް ވިސްނާލާށެވެ. އެމީހަކަށް އެ މަސައްކަތުން ހިތްހަމަޖެހުން ލިބެނީ އެއީ އެމީހާގެ އަމިއްލަ އުސޫލުތަކާއި ޝަޚްޞިއްޔަތު ދައްކުވައިދޭ ކަމަކަށް ވާތީއެވެ. ނަމަވެސް، ހަމަ އެ މަސައްކަތަށް އެމީހާއަށް ފައިސާ ދޭން ފެށުމުން، އެ ކުރާ ކަމުގެ މާނަ ބަދަލުވާން ފަށައެވެ. ކުރިން ހިތުގައި އޮތް އޯގާތެރިކަމުގެ އިޙްސާސް މަޑުމަޑުން އުޖޫރައަށް ކުރާ މަސައްކަތަކަށް ބަދަލުވެގެންދެއެވެ. ކުރިން އިސްކަންދިން އިޚްލާޞްތެރިކަމުގެ ބަދަލުގައި، މަޑުމަޑުން އިސްކަންދެވެނީ ފައިސާގެ ރަތް ނޫޓުތަކަށެވެ.

އިންސާނީ ޝައުޤުވެރިކަމަކީ މިފަދައިން އަބަދު ބަދަލުވާ ކަންކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން މަސައްކަތުގެ ޝައުޤުވެރިކަން މުޅިން ހުއްޓޭކަށްވެސް ނުޖެހެއެވެ. ނަމަވެސް، މިއިން އެނގިގެންދާ މުހިންމު ހަޤީޤަތަކީ، މަސައްކަތުގެ އެންމެ މުހިންމު ބަހާއަކީ ފައިސާ ކަމަށް ވެއްޖެނަމަ، ޚިދުމަތުގެ މަތިވެރި މަޤްޞަދު ފަނޑުވެގެން ހިނގައިދާނެ ކަމެވެ.

މުސާރައިގެ ސަބަބުން ވަޒީފާއަށް އޮންނަ ލޯބި އިތުރުވުން

ދިރާސާއިން ފާހަގަވި ދެވަނަ ކަމަކީ، މުސާރައާއި މަސައްކަތުގެ ފެންވަރާ ދެމެދު އުފެދިފައިވާ ނުސީދާ ރަނގަޅު ގުޅުމެވެ. ސިވިލް ސާވަންޓުންނަށް ލިބޭ މުސާރައަކީ މަސައްކަތާއި އެކަށޭނަ، އިންސާފުވެރި މާނަހުރި އުޒޫރައެއް ކަމަށް އެމުވައްޒިފުން ޤަބޫލުކުރާނަމަ ނުވަތަ އެމުވައްޒިފުން މަސައްކަތްކުރާ މުވައްސަސާއިން އެމުވައްޒިފުންގެ އަގުވަޒަންކުރާނަމަ ސިވިލް ސާވަންޓުންނާއި އެމުވައްޒިފުން މަސައްކަތްކުރާ މުވައްސަސާގެ އިސްވެރިންނާއި ދެމެދު ވަރުގަދަ ގުޅުމެއް އުފެދިގެންދާނެއެވެ.

މިފަދަ ގުޅުމެއް އުފެދުމަކީ މަސައްކަތުގެ މާހައުލަށް ވަރަށް ރަނގަޅު އަސަރެއް ކުރާނެ ކަމެކެވެ. ސަރުކާރުގެ މުވައްސަސާތަކުން އެމުވައްސަސާތަކުގެ މުވައްޒިފުންގެ އަގުވަޒަންކުރާނަމަ، އެމުވައްޒިފުންގެ ހަކަތައާއި، އުފެއްދުންތެރިކަމާއި، ވަފާތެރިކަން މަސައްކަތަށް ހުސްކޮށްލާނެއެވެ. މާލީ އިނާޔަތްތަކަކީ ދެވޭ އުޖޫރައެއްގެ ބަދަލުގައި، އެއީ އަގުވަޒަންކުރުމުގެ ރަމްޒެއްގެ ގޮތުގައި މުވައްޒިފުން ޤަބޫލުކުރާނަމަ، މިމުވައްޒިފުން ދައުލަތަށް ޚިދުމަތްކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ.

މިފަދަ މާޙައުލުތަކުގައި، އުޖޫރައަކީ މަސައްކަތްކުރުމުގެ މާނަ ކަނޑުވާލާ ވަސީލަތެއް ނޫނެވެ. އެއީ ޚިދުމަތްކުރުމުގެ މާނަ އިތުރަށް ވަރުގަދަކޮށްދޭ ބަހާއެކެވެ.

ދައުލަތުގެ މުއައްސަސާތަކަށް ދިރާސާގެ ސަބަބުން ކުރާނެ އަސަރުތައް

މި ދިރާސާއަކީ ހަމައެކަނި ދިވެހިރާއްޖެއަށް ފައިދާވާނެ ދިރާސާއެއް ނޫނެވެ. އެހެނީ ކޮންމެ ސަރުކާރަކުންވެސް ދަނީ އެ ޤައުމެއްގެ މުއައްސަސާތައް އަދާހަމަ ކުރަމުންނެވެ. އަދި ޚިދުމަތްތެރިންގެ ހިތްތަކުގައި އޮންނަ އިޚްލާޞްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. މުޖުތަމަޢުތައް ތަރައްޤީވެ، ރައްޔިތުންގެ އުންމީދުތައް ގިނަވަމުންދާ ވަރަކަށް، ދައުލަތުގެ މުވައްޒަފުން އާ ކަންކަމަށް ހޭނި، އާ އުފެއްދުންތަކާއި މެދު ވިސްނާ، އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވާންޖެހެއެވެ. މިކަމަށްޓަކައި ބޭނުންވަނީ ހަމައެކަނި ފަންނީ ހުނަރެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންވަނީ ދެމެހެއްޓެނިވި ޝައުޤުވެރިކަމެވެ.

މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މުއައްސަސާތަކަށް ކުރެވިދާނެ ބައެއް ކަންތައްތައް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ:

– މަސައްކަތާއި އެކަށޭނަ ނަތީޖާއާ ސީދާ ގުޅިފައިވާ މާލީ އިނާޔަތްތައް ދިނުން
– އިޚްލާޞްތެރިކަމާއެކު މުވައްޒަފުންގެ އަގުވަޒަންކުރުން.
– މުވައްޒަފުންނަށް މަސައްކަތުގެ މަޤްޞަދު އޮޅުންފިލުވައިދީ، މުވައްޒަފުންނަކީ އެތަނުގެ މުހިންމު ބައެއްކަން އިޙްސާސްކޮށްދޭ ފަދަ ހަރުދަނާ މެނޭޖްމަންޓް އުސޫލުތަކެއް ގެންގުޅުން.

މުވައްޒަފުންގެ ޝައުޤުވެރިކަން އުފެދޭ އަސްލު ސަބަބުތައް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް އޮޅުންނުފިލާ އޮވެއްޖެނަމަ، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ގެންނަ އިޞްލާޙުތަކުގެ ސަބަބުން މުވައްޒަފުންގެ ހިތްވަރު އެލިގެން ދިއުމުގެ ބިރު އެބައޮތެވެ. މާލީ އިނާޔަތްތަކަށް މާބޮޑަށް ބަރުދަން ދެވިއްޖެނަމަ، ދައުލަތުގެ މުއައްސަސާތަކާއި އާދައިގެ ވިޔަފާރި ކުންފުނިތަކާ ދެމެދު އޮންނަ ޚިދުމަތުގެ ތަފާތު ކެނޑިގެން ހިނގައިދާނެއެވެ. މިކަމުގެ މާނައަކީ މާލީ އިނާޔަތްތައް ދިނުން ހުއްޓާލުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ އިނާޔަތްތަކަކީ މަސައްކަތުގެ މަޤްޞަދާއި ގުޅޭ، އިންސާފުވެރިކަމާއިއެކު ދެވޭ، އަދި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ފުޅާ ސަގާފަތެއްގެ ތެރެއިން ދެވޭ އެއްޗަކަށް ހެދުމެވެ.

ދައުލަތުގެ ޚިދުމަތުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އުފެދެނީ ހަމައެކަނި މާލީ އިނާޔަތްތަކުންތޯއެވެ. ނޫނެކެވެ. މުވައްޒިފުންނަށް ލިބޭ މުސާރައަކީ އެމުވައްޒިފުންގެ ދިރިއުޅުން ބިނާކުރުމަށް ބޭނުންކުރެވޭ އެއްޗެއްކަމުގައި ވީނަމަވެސް، މަސައްކަތުގައި ދެމިހުރުމުގެ ސައުޤުވެރިކަން އުފެދެނީ އެވަޒީފާގެ މަޤްޞަދުންނެވެ. މާލީ އިނާޔަތްތަކަކީ އަގުވަޒަންކުރުމުގެ ރަމްޒަކަށް ވީނަމަވެސް، މުޖުތަމަޢަށް ޚިދުމަތް ކުރުމުން ލިބޭ ހަމަޖެހުމުގެ ބުރަދަން މާލީ އިނާޔަތްތަކަށްވުރެ ބޮޑެވެ. ޑރ. އާމިނަތު ސުދާގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދިޔަ މި ދިރާސާއަކީ، އަޅުގަނޑުމެން އާންމުކޮށް ގަބޫލުކުރަމުން އައި އުސޫލުތަކާ މެދު ފުންކޮށް ފިކުރުކޮށްލުމަށް ހުޅުވިގެންދިޔަ މުހިންމު ފުރުސަތެކެވެ. ކޮންމެ ދުވަހަކު ޚިދުމަތަށް ނުކުންނަ ސިވިލް ސާވަންޓުންނަކީ މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމުގެ މަތިވެރި އަޒުމުގައި މަސައްކަތްކުރާ ބަޔަކަށްވާއިރު، އެމީހުންގެ ވަޒީފާގެ ޝައުގުވެރިކަން ބިނާވެފައިވަނީ ހަމައެކަނި މާލީ އުޖޫރައެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެމީހުން ކުރާ މަސައްކަތުގެ މުހިންމުކަމާއި، މަސައްކަތުގެ އަގުވަޒަންކުރެވޭ ކަމުގެ އިހުސާސާއި، އަދި އެ ކުރާ ޚިދުމަތަކީ އަމިއްލަ ނަފްސަށްވުރެ ބޮޑު ގައުމީ މަގުސަދެއްގެ ބައެއްކަމަށް ގަބޫލުކުރެވުމަކީ މަސައްކަތުގެ ހަގީގީ ރޫހެވެ. ދައުލަތުގެ ޚިދުމަތުގެ ނިޒާމު ހަކަތައާއެކު ކުރިއަށްގެންދާ އަސްލު ބާރަކީ ވެސް މިއީއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *