ސީއެޗްއެސްއީއިން އެއްވަނަ ހޯދި ލޫޠު މި ހެދީ ރެކޯޑެއް

އޯލެވެލްއާއި އޭލެވެލްއިން އެއްވަނަ، އިސްކަންދަރު ސްކޫލާއި ސީއެޗްއެސްއީން ވެސް އެއްވަނަ

ފާއިތުވި ދިރާސީ އަހަރު ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިން އެއްވަނަ ހޯދި މުޙައްމަދު ލޫޠު އިބްރާހިމް ޒިއާއު ޤާއިމް ކުރީ ރެކޯޑެކެވެ. ލޫޠު ވަނީ އޯލެވެލްއާއި އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި އޯލެވެލް އިންތިޙާނު ހެދި އިސްކަންދަރު ސްކޫލުން އެއްވަނަ، އޭލެވެލްއަށް ކިޔެވި ސީއެޗްއެސްއީން ވެސް ހޯދީ އެއްވަނަ އެވެ.

ލޫޠަކީ އިކަންދަރު ސްކޫލް ނިންމާލި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ސީއެޗްއެސްއީގައި އޭނާ އަދާކުރީ ހެޑް ޕްރިފެކްޓްކަމެވެ.

ހެޑްޕްރިފެކްޓެއްގެ އިތުރުން އެތައް ކަމެއްގައި ލީޑަރޝިޕްގެ ނަމޫނާ އެތައް ދަރިވަރުންނަށް ދައްކައިދީފައެވެ.

ލޫޠް ބުނީ އޭނާ ކުރާ ކަމަކަށް ސައްތައިން ސައްތަ ފޯކަސް ދޭ ކަމަށާއި އެވަގުތަކު ކުރަން ޖެހޭ ކަމެއް އެ ވަގުތު ނިންމަން ސަމާލުކަން ދޭ ކަމަށެވެ.

"ކިޔަވާ ދުވަސްވަރު ކިޔަވާނީ. ހަރަކާތެއްގައި އުޅޭއިރު އެކަމެއް ކުރާނީ" ލޫޠު ބުންޏެވެ.

އެންމެ ބޮޑު އެއް ކާމިޔާބީއެއްގެ ގޮތުގައި ލޫޠު ފާހަގަކުރީ އޭލެވެލްގައި ހިސްޓްރީން ދުނިޔެއިން އެއްވަނަ ލިބުމާއި އިސްލާމިކް މިނިސްޓްރީން ބޭއްވި ދަރިވަރުންގެ އިޙްޔާ ފޯރަމް ކާމިޔާބު ކުރެވުމެވެ.

" އެއީ އަމިއްލައަށް ލިބުނު ކާމިޔާބެއް ނޫން. 30 ކުދިންގެ ޓީމެއް ގޮވައިގެން އެއް މަސް ދުވަހުގެ ތައްޔާރީތަކާއެކު ވަރަށް ބުރަކޮށް ހޯދުނު ކާމިޔާބީއެއް. އެކަން ކާމިޔާބު ވުމުން ނުނިދާ ހުރެ ކުރި  މަސައްކަތުގެ އަގު ވަޒަން ކުރެވުނު" ލޫޠު ކިޔައިދިނެވެ.

ލޫޠު ބުނީ، ސީއެޗްއެސްއީގައި ކިޔަވަން ފެށިއިރު ހިތަށް އެރީ، އޭ ސްޓަރއާ ހަމައަށް ދެވޭނީ ވެސް ކިރިޔާ ކަމަށެވެ. އޭރު ހިސްޓްރީ ކިޔަވާ ދަރިވަރުން މާ ބޮޑު ކާމިޔާބީއެއް ހޯދާ ވާހަކަ އަޑުނާހާ ކަމަށާއި  ނަމޫނާއެއްގެ ގޮތުގައި ބަލާނެ ކުދިން މަދު ކަމަށެވެ.

" ހުރިހާ ވަގުތެއް ހެން ހޭދަކުރީ ހިސްޓްރީ ކިޔަވައިދިން މާރިޔާ މިސްއާއެކު. ކިޔެވިއެއްޗެއް ހަނދާން ނެތުނަސް މާޔާ މިސް ދިން ހިތްވަރާއި އެ ކޮށްދިން މަސައްކަތް ހަނދާނުން ނުފުހެވޭނެ"

ނޫޠު ބުނީ، ކޮންމެ ކުއްޖަކު ވެސް ކުރާ ހިތްވާ ކަމެއްގެ ތެރެއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރީމާ ކާމިޔާބު ލިބޭނެ ކަމަށާއި އެއާއެކު އެންމެންނާ ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ވަރަށް މުހިންމު ކަމަށެވެ.

އޭލެވެލްއިން އެއްވަނަ ލިބުމުން ރައީސުލްޖުމްޙުރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން މަތީ ތައުލީމަށް ލޫޠު ކިޔަވަން ނިންމީ އިކޮނޮމިކްސްގެ ދާއިރާއިންނެވެ. އެކަމަކު އޭނާ ކުރާ އުއްމީދަކީ ޑިޕްލޮމެޓެއްގެ ގޮތުން ޤައުމަށް ޚިދުމަތް ކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *