ރަނގަޅު ނަތީޖާއެއް ހޯދަން ގިނަ ކުދިން ޓިއުޝަނަށް ބަރޯސާ ވިޔަސް އޯލެވެލްއާއި އޭލެވެލްއިން އެއްވަނަ ހޯދި މުޙައްމަދު އަބާން ނުކުރާ ކަމަކީ ޓިއުޝަން ނެގުމެވެ. ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އިން މަތީ ސާނަވީ ނިންމި އަބާން، ކިޔެވުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް ހުރިހާ މާއްދާއަކުން ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އޭލެވެލްގައި ކިޔެވިއިރު ހިސާބު މާއްދާ އުނދަގޫވި ނަމަވެސް ޓިއުޝަން ނަގަން ޖެހޭ ހިސާބަކަށް އޭނާގެ ވިސްނުމެއް ނުދެއެވެ.
" ބައެއްފަހަރު ޓިއުޝަން ނަގަން ބޭނުންތޯ މަންމަމެން އަހާލާނެ. އެފަދަ ކޮންމެ ފަހަރަކު ވެސް ނޫނެކޭ ބުނަނީ" ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ ޔަޤީންކަން އޮންނާތީ، ޓިއުޝަނަށް ދިއުން އަބާންއަށް މުހިންމެއް ނުވެއެވެ. ޓިއުޝަނަށްވުރެ އޭނާއަށް މުހިންމީ އަމިއްލައަށް އެކަނި އިނދެ ފިލާވަޅުތައް ދަސްކުރުމެވެ.
ހިރިޔާ ސްކޫލުން އޯލެވެލް ނިންމި އަބާންއަށް އޯލެވެލްއިން ވެސް ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުނެވެ. އަދި އޭނާއަކީ ހިރިޔާ ސްކޫލުގެ އެންމެ މޮޅު ތިން ދަރިވަރުންގެ ތެރޭގައި ވެސް ހިމެނުނު ދަރިވަރެކެވެ. އޭލެވެލްގައި ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއިރު، ކެމިސްޓްރީން ދުނިޔެއިން އެއްވަނަ ހޯދިއެވެ.

އަބާން ބުނިގޮތުގައި ފާއިތުވި 13 އަހަރުގެ ތެރޭގައި އެންމެ އުނދަގޫވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ނުދެވި ޓީޗަރުންނާ ދުރުގައި އޮންލައިންކޮށް ކިޔެވަން ޖެހުމެވެ. އެއީ ކިޔެވުމުގެ މަތިން ފޫހިކޮށްލި އުނދަގޫ ދުވަސްތަކެވެ. ސްކޫލަށް ނުދެވި ކިޔެވުން ހުއްޓުނު ވަގުތު އޭނާގެ ކިޔެވުން ވެސް ހުއްޓުނެވެ. ކިޔަވާހިތް ނުވެގެން ގޮސް ވަދެވުނީ ވީޑިއޯ ގޭމްގެ ތެރެއަށެވެ. އޭރު އަބަދުހެން ކުރި ކަމަކީ ގޭމްކުޅުމެވެ.
" އެ ދުވަސްވަރު އެއްގޮތަކަށް ވެސް ކިޔަވާ ހިތެއްނުވޭ. ކިޔެވުމުގެ މަތިން ފޫހިވީ. އެހެންވެ ގޭމްގެ ތެރެއަށް ވަދެވުނީ" އަބާން ބުންޏެވެ.
އަބާން ބުނީ، އަލުން ކިޔެވުމުގެ ތެރެއަށް ވަންނަން ވަރަށް އުނދަގޫވި ކަމަށާއި އެކަން ކުރީ ގޭމްކުޅެން ހޭދަކުރާ ވަގުތު މަޑުމަޑުން މަދުކުރަމުން ގޮހެވެ.
" އޭރު ދުވާލަކު އަށެއްކަ ގަޑިއިރު ގޭމް ކުޅެވޭނެ. ފަހުން ދެގަޑިއިރަށް މަދުކުރީ"
ފަހަކަށް އައިސް އަބާން ގޭމް ކުޅެނީ ކިޔެވުގެ "ރިވޯޑް" އަކަށް ކުރާ ޗެލެންޖަކަށެވެ.

" މިވެނި ޓޮޕިކަކުން މި ވެނި ވަރަކަށް ދަސްކުރީމައޭ މިވެނިވަރަކަށް ގޭމް ގުޅެވޭނީ. އެހެން ހެދީމާ ކިޔަވަން މޯޓިވޭޓް ވަނީ" އަބާން ބުންޏެވެ.
އަބާން ބުނީ، އޭނާއަށް ކިޔެވެނީ ޓެސްޓަކާ ކައިރިކޮށްފައެވެ. ޓެސްޓެއް ބޯމަތިވެފައި ނޯންނަނަމަ ކިޔަވަން ފަސޭހައެއް ވެސް ނޫނެވެ. ކިޔަވާހިތެއް ވެސް ނުވެއެވެ.
އަބާންއަށް ކިޔެވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ޓެސްޓް އޮންނައިރު ވެސް ނިދަނީ ދަސްކުރަން ޖެހޭ ބައި ނިންމާފައެވެ. ނިދި ހަމަކުރަނީ ޓެސްޓް ނިންމުމަށްފަހުއެވެ.
އަބާން ބުނި ގޮތުގައި، އޯލެވެލްއާ އަޅާ ބަލާއިރު އޭލެވެލްގެ ހިސާބު މާއްދާ އުނދަގުލެވެ. އެހެންވެ އެ މާއްދާއިން ކިޔަވަން އިތުރަށް ކުރި ކަމަކީ ނޭނގޭ އެއްޗެއް ޓީޗަރުންގެ ކައިރިން އިތުރަށް އޮޅުން ފިލުވައިގެން ގިނައިން ޕާސްޓް ޕޭޕަރު ހެދުމެވެ. އަދި ކޮންމެ ޕާސްޓް ޕޭޕަރެއްގެ ވޯކް ފްލޯ ޔޫޓިއުބުން ބަލައިގެން ދަސްކުރުމާއި ޗެޓްޖީޕީޓީގެ އެހީއާއި އެކި ޤައުމުތަކުގެ ދަރިވަރުންގެ ނޯޓްސްތަކުގެ ބޭނުން ވެސް ކުރި ކަމަށް އަބާން ބުންޏެވެ.
ސްކޫލުގައި އުޅޭ ވަގުތު އެކުގައި އުޅޭ ކުދިންނާއެކު ގުރޫޕްސްޓަޑީ ހެދިޔަސް އަބާންއަށް ކިޔަވަން ފަސޭހައީ އެކަނި އިނދެއެވެ.

" ފަސޭހައީ ސުވާލު ހަދައިގެން، އެކަނި ޖަވާބު ދޭން"
އިންޖިނިރިންގ ދާއިރާއިން، ސިވިލް އިންޖިނިއަރިންގ ނޫނީ މެކޭނިކަލް އިންޖިނިއަރިންގ އަށް ކިޔަވަންދާން ނިންމައި ، އަބާން މިހާރު ތައްޔާރު ވަނީ ރައީސުލްޖުމްޙޫރިއްޔާގެ ސްކޮލަރޝިޕްގައި ރާއްޖެއިން ބޭރަށް ކިޔަވަން ދާށެވެ. އިންޖިނިއަރިންގ ދާއިރާއަށް މަގުފަހިކުރަން އޭނާ ވަނީ ދާދި ފަހުން، އޭލެވެލްގެ ފަރދަރ މެތްމެޓިކްސްގެ އިމްތިހާން ލަންކާގައި ހަދާފައެވެ.
އަބާން ބުނީ، އޭނާގެ "މެންޓަރ"އަކީ ދޮންތަ ކަމަށެވެ. އޯލެވްގައި ދޮންތައަށް ލިބުނީ ހަތަރު ވަނައެވެ. އޭލެވެލްއިން އެއްވަނަ ހޯދައި، ރައީސްގެ ސޮކޮލަރޝިޕެއްގައި އިނގިރޭސި ވިލާތުގައި ދައްތަ ދަނީ އެކައުންޓިންގ ދާއިރާއިން ކިޔަވަމުންނެވެ. އަބާންގެ ވެސް މިސްރާބު ހުރީ އެދިމާލަށެވެ.

އަބާން ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕަ އާއި ދޮންތަގެ އިތުރުން އާއިލާގެ މީހުންގެ އެހީތެރިކަން ބޮޑު ކަމަށެވެ. އެ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރިއެވެ. އަދި ކިޔަވައިދެއްވި ހުރިހާ ޓީޗަރުންގެ ނަން ވެސް އެ ލިސްޓްގައި އޭނާ ހިމެނިއެވެ.
" ޕްރެޒިޑެންޓް ސްކޮލަރޝިޕް އެއީ އަބަދުވެސް ޓާގެޓް. އެކަމަށް އެދިގެން ނަމާދުކޮށް ދުޢާ ކުރިން. އެއީ ކިޔަވާ ކުއްޖަކަށް ވަރަށް މުހިންމު ކަމެއް"

އަބާން ދެކޭގޮތުގައި އޭލެވެލްއަށް ކިޔަވާ ކުއްޖަކު ދުރާލާ ޓެސްޓަށް ތައްޔާރުވާންޖެހެ އެވެ. އޯލެވެލްއަށް ކުރި މަސައްކަތުގެ ތިންގުނަ އިތުރަށް އޭލެވެލްގައި މަސައްކަތް ކުރަން ވެސް ޖެހެއެވެ. އަބަދުވެސް މަސައްކަތް ކުރަން ވާނީ ފުލް މާކްސް ހޯދާށެވެ. އޭރުން ކަމެއް ދިމާވާ ފަހަރު ފުލްމާކްސް ނުލިބުނަސް އޭ ސްޓަރއެއް ނޫނީ އޭއަކާ ހަމައަށް ދެވޭނެއެވެ.
advertisment
ހިޔާލު