ދަރިވަރުންގެ ދިވެހި : ކުޅިވަރުގެ ތެރެއިން ބަހަށް ލޯބި އުފައްދާނެ ފޮތެއް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔެއަށް އަންނަ ކުޅިވަރުގެ އެންމެ ބޮޑު ޢީދެވެ. މި ޢީދަށް ދިވެހީން ވެސް ތައްޔާރުވެއެވެ. ދިވެހި ކުދިބޮޑު އެންމެން މި ފޯރީގައި ބައިވެރިވެއެވެ. ސްކޫލު ދަރިވަރުން ވެސް މި ފޯރި ނަގައެވެ. ނަމަވެސް ވޯލްޑް ކަޕް ހަމަ ނިމުމާ އެކު އެއް މަސް ދުވަސް ވަންދެން އެ ކަމަށް ހުސްކުރި ވަގުތާއި އެ ކަމަށް ހޭދަކުރި ހޭދަކުރުމާއި އެ ލިބުނު މަޢުލޫމާތުތަކަށް ނިމުމެއް އާދެއެވެ. ސުވާލަކީ މި ހިސާބުން ނިންމާލަންވީތޯއެވެ؟ އެ ލިބުނު މަޢުލޫމާތުތަކުގެ ބޭނުން ހިފޭނެ އެހެން ގޮތެއް ނޯންނާނެތޯއެވެ؟ މި ސުވާލުތަކަށް ޖަވާބު ދެއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދާރިސް އަންވަރު އިބްރާހީމާއި ކުޅިވަރު ޕްރެޒެންޓަރ ޢަބްދުﷲ އަޒުމީނެވެ. "ދަރިވަރުންގެ ދިވެހި" މި ނަމުގައި އެ ދެބޭފުޅުން އެކުލަވައިލެއްވި ފޮތުންނެވެ.

" ކޮންމެ ހަތަރު އަހަރަކުން ބައްދަލުކުރާ ވޯލްޑް ކަޕްގެ މަޢުލޫމާތުތަކުން ފޮތެއް ތައްޔާރުކުރުމަކީ ވަރަށް ކުރީއްސުރެ ވެސް ދުށް ހުވަފެނެއް.  އެއީ ދަރިވަރުން މި މަޢުލޫމާތުތަކަށް ހުންނަ ޝައުގުވެރިކަން ފާހަގަކުރެވޭތީ. އެހެންވެ ހިތަށް އެރީ މި ފަހަރު މިކަން ކޮށްލެވޭތޯ ބަލާނީއޭ. އެ ނިޔަތުގައި އެކުވެރި އަޒްމީންގެ އެހީތެރިކަން ހޯދީ. އެއީ ކުޅިވަރުގެ މަޢުލޫމާތު ހިމެނޭ ފޮތަކަށްވާތީ ކޮންޓެންޓް ބައި ރަނގަޅުކުރުމަށް. އެ މަޢުލޫމާތުތަކުގެ އެހީގައި ދަރިވަރުންނަށް ބޭނުންތެރި އެހީއަކަށް މި ފޮތް ހެދޭތޯ އަޅުގަނޑު ބެލީ" ދަރިވަރުންގެ ދިވެހި ފޮތުގެ އެއް މުސަންނިފު އަންވަރު ސަރ ވިދާޅުވިއެވެ.

ފޮތަށް ދީފައިވާ ނަމަށް ބަލާއިރު މިއީ ދަރިވަރުންނަށް އަމާޒުކޮށްފައިވާ ފޮތެއްކަން ޔަގީންވެއެވެ. އަދި ދިވެހި މާއްދާއާ ގުޅުން ހުރި ކުޅިވަރުގެ ފޮތެއްކަން އެނގެއެވެ. ތަފާތަކީ ވޯލްޑް ކަޕާ ގުޅުވާލާފައިވާކަމެވެ.

" އަސްލު މި ފޮތް ފުރަތަމަ ތައްޔާރުކުރީ ދަރިވަރުންގެ ވޯލްޑްކަޕް ގައިޑެއްގެ ގޮތުގައި. ނަމަވެސް މުބާރާތް ނިމުނު އިރު ވެސް މި ފޮތް ނިންމާލެވޭ ގޮތެއް ނުވި. އެހެންވެ ދެން ބަދަލުކުރީ 2022ގައި ބޭއްވުނު ވޯލްޑް ކަޕްގެ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ހިމަނަން. ފޮތުގެ ނަންވެސް އެ ހިސާބުން ބަދަލުކުރީ. މިހާރު މި ފޮތަށް ނަން ކިޔާފައި މިވަނީ އަޅުގަނޑުމެންގެ އެދުރު ސޯދުބެގެ އިރުޝާދާ އެކު. މިއީ ސޯދުބެ ދެއްވި ނަމެއް" ފޮތަށް ކިޔާފައިވާ ނަމާ ގުޅޭ ގޮތުން އަންވަރު ވިދާޅުވިއެވެ.

"ދަރިވަރުންގެ ދިވެހި" މުޅި ފޮތް އަމާޒުކޮށްފައިވަނީ ދަރިވަރުންނަށެވެ. އަދި މުޅި ފޮތުގައި ހުރީ ވޯލްޑަކަޕާއި ފުޓްބޯޅައާ ގުޅުން ހުރި މަޢުލޫމާތުތަކެވެ. 93 ޞަފުހާގެ މައްޗަށް އެކުލަވައި ލައްވާފައިވާ މި ފޮތުގައި ވޯލްޑްކަޕް 2022 ގައި ކުޅުނު ޓީމުތަކާ ގުޅޭ މަޢުލޫމާތާއި ދަނޑުތަކާ ގުޅޭ މަޢުލޫމާތާއި ފާހަގަކޮށްލެވުނު ކުޅުންތެރިންނާ ގުޅޭ މަޢުލޫމާތުތައް ހިމަނުއްވާފައިވެއެވެ. ނަމަވެސް ތަފާތަކީ އެހެން ފޮތްތަކާ ޚިލާފަށް މި މަޢުލޫމާތުތަކުން ދޭހައިގެ ސުވާލު އުފައްދައި އެކި ޢުމުރުފުރާތަކާ ގުޅޭ މަސައްކަތްތަކެއް ހިމަނުއްވާފައިވާކަމެވެ. މި ތަފާތާ އެކު ފޮތުން ފާހަގަކޮށްލެވޭ އަނެއް ތަފާތަކީ ދަރިވަރުންނަށް ކިޔަވައިދޭ ލިޔުންތެރިކަމުގެ ވައްތަރުތަކުގެ މިސާލުތަކެއް މި ފޮތުގައި ހިމަނުއްވާފައިވާކަމެވެ.

" ފޮތް ލިޔެފައިވާނީ ލިޔުންތެރިކަމުގެ މިސާލުތަކެއް ހިމެނޭ ގޮތަށް. އެއީ ދަރިވަރުންނަށް މި ފޮތް މުހިންމުވާ އެއް ސަބަބު. މިހާތަނަށް އެއް ފޮތަކުން މި މިސާލުތަކެއް ފެންނަ ފޮތެއް އޮތެކޭ އަޅުގަނޑުގެ ހިތެއް ނުބުނޭ. އެއްކޮޅަށް ވާހަކަދައްކާ ލިޔުން، ދެކޮޅަށް ވާހަކަދައްކާ ލިޔުން، ބަހުސްކުރާ ލިޔުން، އޮޅުން ފިލުވައިދޭ ލިޔުން، އިރުޝާދު، ރިކައުންޓް، ފީޗަރ، ސިޓީ. ވާހަކަ. މިއިން ކޮންމެ ވައްތަރެއްގެ ލިޔުމެއް މި ފޮތުން ފެންނާނެ. އެ ސިފަތައް ހިމަނައިގެން ލިޔެވޭތޯ ބެލީ. އެހެންވީމާ ގްރޭޑް 8ން މަތީގެ ދަރިވަރުންނަށް މި ފޮތް މުހިންމު" ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ދިވެހި ފޮތްތައް އެކުލަވައިލެއްވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި އަންވަރު ސަރ ވިދާޅުވިއެވެ.

ދަރިވަރުންގެ ދިވެހި މި ފޮތަކީ އެކި އުމުރު ފުރާތަކުގެ ދަރިވަރުންނަށް އަމާޒު ކުރެވިފައިވާ ފޮތެކެވެ. ޚާއްޞަ ކޮށް ކިޔުންތެރިކަން އިތުރުކޮށް، ދޭހަވާ މިންވަރު އިތުރުކުރުމަށް މުހިންމު ފޮތެކެވެ. ފޮތުގައި ހިމަނާފައިވާ ދޭހައިގެ ސުވާލުތަކުގައި އެކި ފެންވަރުގެ ސުވާލުތައް ހިމަނުއްވާފައިވެއެވެ.

" ފޮތް އެކުލަވައިލުމުގައި ބެލީ އެކި ޢުމުރު ފުރާތަކަށް އަމާޒުކޮށް މި ފޮތް ތައްޔާރުކުރަން. އެއީ ފުޓްބޯޅަ ފޯރި ހުރިހާ ޢުމުރަކު ވެސް އޮންނާތީ. އެގޮތުން ދޭހައިގެ ސުވާލުތައް އުފައްދާފައިވާ ކޮންމެ މަސައްކަތެއްގައި ވެސް ފުރަތަމަ ހުންނާނީ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ވެސް ޖަވާބު ދެވޭ ފެންވަރުގެ ސުވާލުތަކެއް. އެ މަސައްކަތެއްގެ ފަހަތަށް ދާވަރަކަށް މަތީ ފެންވަރުގެ ސުވާލުތައް ހިމަނާފައި ހުންނާނެ. މަލްޓިޕްލް ޗޮއިސް، ގުޅުވުން، ހުސްތަންތަން ފުރުން، ތެދުދޮގު ޖުމުލަ ފާހަގަކުރުން ފަދަ މަސައްކަތްތައް ބޮޑަށް އަމާޒުކޮށްފައި އެ ހުރީ 6 އަދި 7 ގެ ދަރިވަރުންނަށް. މީގެ މާނައަކީ މަތީ ގުރޭޑްތަކުގެ ދަރިވަރުންނަށް މި ބައިތައް ނުހެދޭނެކޭ ނޫން. އެ ބައިތަކުގައި ވެސް ވިސްނަންޖެހޭ ސުވާލުތަކެއް ހުންނާނެ" އަންވަރު އިރުޝާދު ދެއްވާ 6 އަދި 7ގެ ދަރިވަރުންނާ އެކު ތަޖުރިބާކޮށްފައިވާ މަސައްކަތްތަކާ މެދު އަންވަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ދިވެހި މި ފޮތަށް ބަލާއިރު އުފެއްދުންތެރި ތަފާތު މަސައްކަތްތަކެއް ވެސް ފާހަގަ ކުރެވެއެވެ. އެއް ކަމަކީ ބައެއް ސްކޫލުތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކޮށްފައިވާ ދިރާސާއެވެ. 6 ސްކޫލަކުން 240 ދަރިވަރުން ބައިވެރިކޮށްގެން ވޯލްޑްކަޕާ ގުޅޭ ސުވާލުތައް ހިމަނައިގެން ކޮށްފައިވާ ދިރާސާގައި މާލޭގެ 3 ސްކޫލެއްގެ އިތުރުން އަތޮޅުތަކުން ތިން ސްކޫލެއްގެ ދަރިވަރުން ބައިވެރިވެފައި ވެއެވެ. ދިރާސާއިން ލިބުނު މަޢުލޫމާތުތައް ބޭނުންކޮށްގެން ތާވަލަކާއި ގުރާފެއް ހިމަނާފައިވާ އިރު އެކަމާ ގުޅޭ މަސައްކަތްތަކެއް ވެސް ފޮތުގައި ހިމަނާފައިވެއެވެ. މީގެ އިތުރުން ދަރިވަރަކު މެސީއަށް ލިޔެފައި އޮތް ސިޓީއަކީ ވެސް ތަފާތު އުފެއްދުމެކެވެ. މި މަސައްކަތްތަކުގެ ބޭނުމަކީ ފޮތް އުފެއްދުމުގެ މަރުހަލާގައި ވެސް ދަރިވަރުން ބައިވެރިކުރުންކަން އަންވަރު ފާހަގަ ކުރެއްވިއެވެ.

" މިއީ ދަރިވަރުންނަށް އަމާޒު ކުރާ ފޮތަކަށް ވާތީ އެ ދަރިވަރުންގެ ވާހަތަކާއި ބައިވެރިވުން އޮތުން މުހިންމު. އެހެންވެ މިފަދަ ބައިތަކެއް ހިމަނާފައި މިވަނީ" ހިމަނާފައިވާ ބައެއް މަސައްކަތްތަކާ މެދު ބަހުގެ މުދައްރިސް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މިފަދަ ކަންކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރަންޖެހޭ ޚަރަދާއި ޗާޕުގެ އަގުކަމަށެވެ.

" މި މަސައްކަތުގެ ތެރެއިން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މި ފޮތް ޗާޕުކުރުން. އެ ކަމަށް ހިނގާ ޚަރަދު. ފުރަތަމަ ބެލީ ރާއްޖެއިން މިކަން ކުރެވޭތޯ. އަދި ފުރަތަމަ ބެލީ ވެސް ކުލަކޮށް މި ކަން ކޮށްލެވޭތޯ. އެ ނިޔަތުގައި ސްޕޮންސަރުންގެ އެހީތެރިކަން ހޯދަން ވެސް މަސައްކަތް ކުރެވުނު. ނަމަވެސް ވޯލްޑް ކަޕް ނިމުމާ އެކު މާ ބޮޑު ތަރުހީބެއް މި ކަމަށް ލިބޭ ގޮތެއް ނުވި. ކޮންމެ ބަޔަކަށް ވެސް ވިސްނުނީ މިއީ ހަމައެކަނި މަޢުލޫމާތުތަކެކޭ. ދަރިވަރުންނަށް ހުރި ފައިދާތަކެއް ނުފެނުނު. ދެން ބެލީ ރާއްޖެއިން ބޭރުން މި ކަން ކުރެވޭތޯ. ޗާޕްކުރަން ދާ ޚަރަދަށް ބެލުމުން އެއީ އަމިއްލައަށް ކުރެވޭވަރުގެ ކަމަކަށް ނުވާތީ ފަހުން މުޅި ފޮތް ކަޅާއި ހުދަށް ބަދަލުކުރީ. އަދި ބޭރުން ޗާޕްކުރަންދާ ޚަރަދު ބަލައި މިކަން މި ކުރެވުނީ" އަންވަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ދިވެހި ފޮތް ވުޖޫދުވެ ދަރިވަރުންނާ ހަމައަށް ލިބިއްޖެއެވެ. އަތްފޯރާ އަގެއްގައެވެ. 100 ރުފިޔާއަށެވެ. ސުވާލަކީ މިއީ މި މަސައްކަތުގެ އަގު ހެއްޔެވެ؟

" މި މަސައްކަތުގެ އަގަށް ވުރެ ބޮޑަށް ބެލީ ދަރިވަރުންނާ ހަމައަށް މި ފޮތް ފޯރުކޮށްދިނުމަށް. އެ ނިޔަތުގައި ބުކްޝޮޕްތަކުން މި ފޮތް ގަންނަން ލިބޭ ގޮތް ހެދީ. އަސްރަފީ ބުކްޝޮޕުންނާއި އެމްސެވަންގެ ފިހާރަތަކުން މި ފޮތް ލިބޭނެ. މާނައަކީ ކޮންމެ ފޮތަކުން 20 ރުފިޔާ ބުކްޝޮޕަށް ލިބޭނެޔޭ. އެގޮތަށް ބުކްޝޮޕްތަކަށް ފޮތްތައް ދޫކޮށްފައި އެ ވަނީ. ފޮތްވިއްކައިގެން މި ފޮތް ލިޔުނު މީހުންނަށް ލިބުނު އެއްޗަކަށް ވުރެ ބޮޑު އެއްޗެއް މި ލިބެނީ އެހެން ބަޔަކަށް. ޗާޕްކުރާ މީހުންނަށާއި ފޮތް ފިހާރަތަކަށް. ދެން އޮތީ އަގުބޮޑުކޮށް ފޮތް ވިއްކުން. ނަމަވެސް އޭރުން ގިނަ ދަރިވަރުންނާ ހަމައަށް މި ފޮތެއް ނުފޯރާނެ. މިއީ ވަރަށް ބޮޑު ގޮންޖެހުމެއް" އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ ފޮތް ނެރުމުގެ މަގުޞަދު ހާޞިލުވާ ކަމަށާއި އަދި ފޮތަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.

" އެންމެ ފުރަތަމަ ބުކްޝޮޕުން ބުނީ 10 ފޮތް އެތަނަށް ފޮނުވާލާދޭށޭ. އެ މީހުންގެ ތަޖުރިބާއަށް ބަލާ އިރު އެއަށް ވުރެ ގިނަ ފޮތް ވިކޭނެއެކޭ ހިތެއް ނުބުނެއޭ. އެހެންވެ ފޮނުވީ 10 ފޮތް. ދެތިން ދުވަސް ފަހުން ބުނީ އަދި އިތުރަށް ބޭނުމޭ. މިހާރު ބައެއް ބުކްޝޮޕްތަކަށް ތިން ފަހަރެއްގެ މަތިން 50 ފޮތް ފޮނުވިއްޖެ. އެހެންވީމާ ފޮތް އެބަ ވިކޭ. ފޮތް ތައްޔާރު ކުރުމުގެ މަގުސަދު ވެސް އެބަ ހާސިލުވޭ" އަންވަރު ވިދާޅުވިއެވެ.

ތެދެކެވެ. ދަރިވަރުންގެ ދިވެހި ފޮތަކީ ދަރިވަރުންނަށް ޚާއްޞަ ފޮތެކެވެ. ތަފާތު ފޮތެކެވެ. އަންވަރާއި އަޒުމީންގެ ތަފާތު މަސައްކަތެކެވެ. ދިވެހި ބަހަށް އޮތް ލޯބި ކުޅިވަރުގެ ތެރެއިން ދިރުވުމަށް ކުރެވުނު ނަމޫނާ މަސައްކަތެކެވެ. ދަރިވަރުންގެ ނަމުގައި ދެ ބޭފުޅުންނަށް ޝުކުރިއްޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *