ތައުލީމަށް 4.4 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް ލަފާކޮށް މިއަދު ހުށަހެޅި ބަޖެޓްގައި ތައުލީމަށް 4412 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. މިއީ އަންނަ އަހަރަށް ކަނޑައެޅި 37 ބިލިއަން ރުފިޔާގެ 12 އިންސައްތައެވެ.
އަންނަ އަހަރު ތައުލީމަށް ކަނޑައެޅި ބަޖެޓްގެ 86އިންސައްތަ އަކީ ރިކަރަންޓް ޚަރަދެވެ. އެއީ 3797 މިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ 56 އިންސައްތަ ޚަރަދުވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންނަށެވެ. 21 އިންސައްތަ ޚަރަދުވަނީ ސްކޮލަރޝިޕް އަދި ތަމްރީން ދިނުމަށެވެ. 23 އިންސައްތަ ޚަރަދު ވަނީ އެހެނިހެން ރިކަރަންޓް ޚަރަދަށެވެ.
ތައުލީމީ ދާއިރާގެ ކެޕިޓަލް ޚަރަދަކީ 617 މިލިއަން ރުފިޔާއެވެ. އެއީ ތައުލީމަށް ކަނޑައެޅި ބަޖެޓްގެ ސާދަ އިންސްތައެވެ. އުމްރާނީ ތަރައްގީގެ ގޮތުގައި އަތޮޅުތެރެއަށް ކަނޑައަޅާފައި ވަނީ 330 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލް އިމާރާތް ކުރުމަށް 65 މިލިއަން ރުފިޔާއާއި، ހުޅުމާލޭގައި އާ ސްކޫލެއް އިމާރާތް ކުރުމަށް 54 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މެޑިކަލް ސްކޫލެއް، އަންނަ އަހަރު ގާއިމް ކުރުމަށް 35 މިލިއަން ރުފިޔާ އާއި ސީއެޗްއެސްސީގެ އާ އިމާރާތަށް 22 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. މާލެއާއި ފުވައްމުލަކުގައި ޓިވެޓްގެ އިންސްޓިޓިއުޝަނެއް ގާއިމްކުރަން ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައެވެ. އެއީ 27 މިލިއަން ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ މަތީ ތައުލީމަށް ކުރާ ހޭދަ އެންމެ ބޮޑު ބަޖެޓަކީ އަންނަ އަހަރުގެ ބަޖެޓް ކަމަށާއި، އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ކްލާސްރޫމުތަކާއި ވަސީލަތްތައް ގާއިމުކުރުމަށް، ރާއްޖޭގެ 104 ރަށެއްގައި މަޝްރޫޢުތައް ހިންގޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލު ނާސްތާގެ މަޝްރޫޢު ކުރިއަށް ގެންދިއުމާއި، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި، ޓެކްނޮލޮޖީގެ އެހީގައި ތައުލީމީ ދާއިރާގެ ވަސީލަތްތައް ކުރިއެރުވުމަށް ހޭދަކުރުން މި ބަޖެޓުގައި ހިމެނިފައި ވާނެކަމަށް ވިދާޅުވިއެވެ.
advertisment
ހިޔާލު