ޝަރަފުއްދީން ސްކޫލުގެ އެންމެމޮޅު ތިން ދަރިވަރުން ހޮވައިފި

އައްޑޫސިޓީ ޝަރަފުއްދީން ސްކޫލުގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ.
ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. ރޭގެ ޖަލްސާގައިވަނީ މިދިޔަ އަހަރު އެސްކޫލުން އެކިވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައެވެ.
އޭގެ ތެރެއިން އެސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީއިބްރާހީމް ލޫތު ނަޒީރެވެ. ދެވަނައަށް ހޮވިފައިވަނީ މުޙައްމަދު ނިޝްވާން ބަޝީރެވެ. ތިންވަނައަށް ހޮވާފައިވަނީ، އިސްރާ މުޙައްމަދު ނަޢީމެވެ. މިދިޔައަހަރު އެސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދި ފަސް ދަރިވަރުން (ސްކޫލް ޓޮޕް ފައިވެ އެޗީވާސް) އިޢުލާންކޮށް އެ ދަރިވަރުންނަށް ވެސް އިނާމްދީފައެވެ.
ރޭގެ ޖަލްސާގައި ޝަރަފްވެރި މެހުމާން ވިދާޅުވީ ކިޔަވަން ބޭނުންވާ ކުދިންނަށް ކިޔެވޭނީ ކިޔަވަންއުޅޭ ކުދިން ރައްޓެހީންނަށް ހަދައިގެން ކަމަށެވެ. މިސާލަކަށް ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ މީހަކު ކުޅިވަރުކުޅޭ މީހުންނާއެކު އަބަދު އުޅޭކަމަށްވާނަމަ ސިޔާސީ ދާއިރާއިން ކުރިއަށްދާން އެމީހަކަށް ފަސޭހަ ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހާސިލް ކުރަން ބޭނުންވާކަންކަން ހާސިލް ވަނީ ގަދައަޅައި ރިޕީޓުކޮށް މަސައްކަތް ކޮށްގެން ކަމަށެވެ. އެހެން ކަމުން ހުރިހާ ދަރިވަރުން ވެސް ކިޔެވުމަށް އިތުރަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *