އއ. ރަސްދޫގައި ހުންނަ އެއަތޮޅު ތަޢުލީމީ މަރުކަޒުގެ މިދިޔައަހަރުގެ އެންމެ މޮޅު ދަރިވަރަކީ ރަސްދޫ ލައިފްވޭ، އިބްރާހީމް މާހީން މުޙައްމަދެވެ. އޭނާއަށް މަރުހަބާ ކިޔަމެވެ.
އެތައް ކުދިންނެއްގެ ތެރެއިން ފަޚުވެރި އެއްވަނަ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަކު ގަދައި އަޅައި މަސައްކަތް ކޮށްފިނަމަ އެއީ އުނދަގޫ ކަމެއްވެސް ނޫނެވެ. މާހީން ބުނީ އޭނާ މި މަގާމް ހޯދީ މަސައްކަތުން ކަމަށެވެ. އެންމެ ކުރިން ފެށިގެން އޭނާ މަސައްކަތްކުރީ ގްރޭޑު 10 ނިންމާނީ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމް ހޯދައިގެން ކަމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. އަދި އެކަމަށް ގަދައަޅައި މަސައްކަތް ކުރިއެވެ.
އޭނާ ބުނީ ކޮންމެ ރެއަކު ތިނެއްޖަހާއިރު ތެދުވެ ކިޔަވަން ފަށާ ކަމަށެވެ. ޚާއްސަކޮށް ގްރޭޑު 10 ގައި އުޅުނުއިރުގައެވެ. "ކޮންމެ ރެއަކު ފަތިހު ތިނެއްޖަހާއިރު ތެދުވެ ކިޔަން ފަށަން. އެއީ ޚާއްސަގަޑިއަކީ. އެހެން ގަޑިތަކުގައި ވެސް ކިޔަވަން" އޭނާ ބުންޏެވެ.
މާހީން ބުނީ ހުރިހާ ގޮތަކުން އެންމެ މޮޅުދަރިވަރުގެ މަގާމް ހޯދަން މަސައްކަތްކުރީ ވަރަށް އިތުބާރާއެކީގައި ކަމަށެވެ. އޭނާއަށްވުރެ ވަކި މޮޅުދަރިވަރެއް ހުރެދާނެ ކަމަށް ހިތަށްވެސް ނާރުވާ ކަމަށް ވެސް ބުންޏެވެ.
މައިންބައިފައިންގެ އެހީތެރިކަމާއި ޓީޗަރުންގެ މަދަދާއި އަމިއްލަ ހިތްވަރުން ހޯދި ކާމިޔާބީއަކީ ތަޢުލީމީ ހަޔާތުގެ ފެށުމެއް ކަމަށް އޭނާ ދެކެއެވެ. ކުރިއަށްއޮތްތަނުގައި ވެސް މަސައްކަތް ކުރާނީ މިފަދަ އިތުރު ކާމިޔާބީތައް ހޯދަން ކަމަށް އޭނާ ބުންޏެވެ.
ކޮންމެ ދަރިވަރަކީވެސް މިފަދަ މަގާމެއް ލިބިދާނެ ނުވަތަ ހޯދިދާނެ ދަރިވަރެކެވެ. "ހަމައެކަނި ބޭނުންވަނީ މައިންބަފައިންގެ އިރުޝާދާއެކު ބުރަކޮށް މަސައްކަތްކުރުން. ދުވަހުން ދުވަހަށް ފިލާވަޅުތައް ދަސްކޮށް ފަހުން ނިންމަން އެއްވެސް ފިލާވަޅެއް ބާއްވައިގެންނުވާނެ. އޭރުން މިފަދަ މަގާމްތައް ލިބުމަށް އޮންނާނީ މަގު ހުޅުވިފައި،" މާހީން ބުންޏެވެ.
ކިޔަވާ ކުދިންނަށް އޭނާ ބުނެލަން ބޭނުންވަނީ ކިޔާވާށެވެ. ކިޔެވުމަކީ މުސްތަގުބަލަށް ކުރެވޭ އެންމެބޮޑު އިންވެސްޓްމެންޓެވެ. ކިޔެވުމަށް ފަރުވާކުޑަނުކޮށް ޢަޒުމާއެކުގައި މަސައްކަތްކުރާ ކޮންމެ ދަރިވަރަކަށް ކާމިޔާބު މިންވަރުކުރައްވާނެ ކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ.
އޯލެވެލް އިމްތިހާނުގައި އޭނާވަނީ 2 މާއްދާއިން ފާސް ހޯދައިފައެވެ. ތިން މާއްދާއިން ވަނީ ބީ ފާސް ހޯދައިފައެވެ. އަދި ތިން މާއްދާއިން ވަނީ ސީ ފާސް ހޯދައިފައެވެ.
advertisment
ހިޔާލު