ރިޔާޝް : ޤައުމީ ދުވަހުގެ ޖަލްސާ ލޮނުހެޔޮވަރު ކޮށްދިން ދަރިވަރު

ޤައުމީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ ދަރިވަރު މުޙައްމަދު ރިޔާޝް ޢަބްދުލްމަޖީދު، ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ދެއްކި ވާހަކައަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެއެވެ. އަދި އޭނާ ވީ އެ ޖަލްސާގެ ލޮނުހެޔޮވަރުކޮށްދިން ދަރިވަރުގެ ގޮތުގައެވެ.

ގްރޭޑް 12ގައި ކިޔަވަމުންދާ ރިޔާޝް ދުވަހާ ގުޅުވައި އޭނާގެ ވާހަކަ ފެށީ ސޯޅަ ވަނަ ޤަރުނުގެ ތެރޭގައި، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކޮށް މިނިވަންކަން ހޯއްދަވައި ދެއްވުމުގެ މަސައްކަތް ބޮޑުތަކުރުފާނު ފެއްޓެވިއިރު އެއީ ޒުވާން ބޭފުޅެއް ކަމަށާއި، އަޅުގަނޑުމެން ޒުވާނުން 21 ވަނަ ޤަރުނުގައި އުޅެމުން ދާއިރު، އޭރު ބޮޑުތަކުރުފާނު ދެއްކެވިފަދަ ހިތްވަރަކާ ފަންވަރެއް، ޤައުމީ ލޯތްބާއި އިސްދާނަކަމުގެ ސިފައެއް މިއަދު ހުރިތޯ ސުވާލު ކުރަމުންނެވެ.

ޤައުމީވަންތަކަމުގެ އިހުސާސް ހިތުތެރޭގައި އަށަގެންނެވުމަށް ދިވެހި ޒުވާނުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ، ޤައުމީ ބަތަލުންގެ ޒިކުރާ އާކުރުންކަން ފާހަގަކުރަމުން ރިޔާޝް މިސާލެއްގެ ގޮތުގައި ފާހަގަކުރީ އާރޖެންޓީނާ ގެ ޝޭ ގުވާރާ، ސްރީލަންކާގެ ސިރީމާވޯ ބަންޑާރަނަޔަކަ، ސިންގަޕޫރުގެ ލީ ކުވާން ޔޫއެވެ. އެ ބޭފުޅުންގެ ވާހަކަތައް އަޅުގަނޑުމެންނަށް އެނގޭއިރު، ޝޭ ގުވާރާގެ ތަސްވީރުޖެހި ޓީޝާޓާއި ދަބަސް އަޅުވައިގެން އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުން އުޅޭތަން ފެންނަމުންދާ ކަމަށެވެ. އެއީ ބަތަލެއްގެ ޒިކުރާ އާކުރުމަށް ވަރަށް އުފެއްދުންތެރި ގޮތެއް ކަމަށާއި އެފަދަ އުފެއްދުންތެރި ގޮތަކަށް އަޅުގަނޑުމެންގެ ބަޠަލުންގެ ޒިކުރާ އާ ކުރެވިދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
" އެބީދައިން އަހަރުމެންގެ ބަތަލުންގެ ރަމްޒުތައް (ކަޅުއޮށްފުންމި، ދޮންބަންޑާރައިންގެ އައްޑަނަ) ބޭނުން ނުކުރެވޭނެތޯ؟" ރިޔާޝް އޭނާގެ ޝުއޫރު ފާޅުކުރިއެވެ.

ރިޔާޝް ބުނީ ޤައުމީ ބަތަލުންގެ ވާހަކައަކީ، ހަމައެކަނި ޖަލްސާތަކުގެ ޕޯޑިއަމްތަކުން ހާލަކުން ފަހަރަކު ދައްކާލެވޭ ވާހަކައެއްގެ ބަދަލުގައި، އަބަދާއި އަބަދު، ޢާންމު ދިރިއުޅުމުގައި، އެބޭކަލުންގެ ޤުރުބާނީގެ ޒިކުރާ އާވޭވެ ހުންނަ ފަދަ ވާހަކަޔަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ބަވަނަވެފައިވާ މުޖުތަމަޢެއްގައި ދިރިއުޅެމުން އަންނަ އިރު ވަރަށް ގިނަ ފުރުސަތުތަކެއް ތައުލީމާއި ވަޒީފާގެ ގޮތުން ދަނީ ޒުވާނުންނަށް ލިބެމުން ކަމަށާއި، މަތީ ވަނަތަކާއެކީ ކިޔަވައިގެން ނުކުންނަ ޒުވާނުން، އޭގެ ފުރިހަމަ ބޭނުން ހިފައިގެން ޤައުމަށް ހިދުމަތް ކުރާތަން ފެންނަނީ މަދު ހާލަތެއްގައި ކަމަށް ފާހަގަ ކުރިއެވެ.

" އެހެން ވާން މެދުވެރިވަނީ، ތަޢުލީމާއި ތަރުބިއްޔަތުގެ އެކި ހަރުފަތްތައް ގިރާކުރި އިރު، ޤައުމިއްޔަތާއި ޤައުމީ ވަންތަކަމަށް މާ ބޮޑު އިސްކަމެއް ދެވިފައި ނެތުމުން. ތައުލީމު ހާސިލްކުރުމުގެ ހަގީގީ ލާބަ އާއި މަންފާ ލިބިގެންދާނީ އެ ތައުލީމުގެ ބޭނުންކޮށްގެން ތިމާގެ މުޖްތަމަޢަށާއި ޤައުމުގެ އަފްރާދުންނަށް ޚިދްމަތެއް ކޮށްދެވުމުން" ރިޔާޝް ވާހަކަ ދައްކަމުން ދިޔައީ ޖޯޝާއެކީގައެވެ.

ދިވެހިބަހާ ބެހޭ ގޮތުން އައްޑޫ ބަހުރުވައިން ވާހަގަ ދައްކަމުން ރިޔާޞް ފާހަގަކުރީ މި މުޖްތަމައުގައި ކަން ހިނގަމުންދާ ގޮތެވެ. އޭނާ ބުނީ ދިވެހި ބަހުގެ ބަހުރުވަތަކުން ބަހަވީ ސިންދަފާތު ފުރިހަމަ ކޮށްދިން ނަމަވެސް މިހާރު ބައެއް ޒުވާނުންނަށް އެ ޒުވާނަކު ނިސްބަތްވާ ރަށެއްގެ ބަހުރުވައިން ވާހަކަ ދައްކަން ލަދުވެތިވާ ކަމަށެވެ. އޭގެ ސަބަބުން ގެއްލި މަރުވެދަނީ ހަމައެކަނި ބަހުގެ މުހިންމު ބައެއް ނޫންކަމަށާއި، އެއާއި އެކު ޤައުމިއްޔަތުގެ ބައެއްވެސް ނެތިގެންދާ ކަމަށެވެ.

" ބަހުން ތިމާގެ އަމިއްލަ ވަންތަކަން ދައްކުވައިދޭއިރު، ފަޚުރުވެރިކަމާއި އެކީ އެބައެއްގެ ބަހުރުވަޔަކުން ވާހަކަ ދައްކަން ޖެހޭ" އައްޑޫ ބަހުރުވައިން ވާހަގަ ދައްކަން ފެށުމުން ޖަލްސާގެ ބައިވެރިންގެ މޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ.

އަޅުގަނޑުމެންގެ ދީނަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ވަރަށް މުހިންމު ބަހާއެއްކަން ފާހަގަކޮށް ދެމުން ރިޔާޞް ފާހަގަ ކުރި ގޮތުގައި ހުޅުވާލެވިފައިވާ މުޖްތަމަޢެއްގައި އުޅޭއިރު، އަޅުގަނޑުމެންގެ މިނިވަންކަމާއި، ދީނާއި ޤައުމިއްޔަތަށް ލޮޅުން އަރާފަދަ ކަންތައްތައް ކުރިމަތިވާނެ ކަމަށެވެ. އެފަދަ ހާލެތެއްގައި އަޅުގަނޑުމެން ހަދާން ކުރަންވީ ކަމެއްގެ ގޮތުގައި ރިޔާޞް ފާހަގަ ކުރީ އަހަރެމެންނަކީ ޒަމާންވީ އިސްލާމީ ހަޟާރަތެއްކަމެވެ.

ރިޔާޞްގެ ވާހަކަ ނިންމާލަމުން ފާހަގަކުރީ ޤައުމެއް ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެ ޤައުމެއްގެ ޤައުމިއްޔަތަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، ގައުމެއްގެ ރައްޔިތުން އެ ގައުމެއް ދެކެވާ ލޯތްބާއި، އެގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށްތިބި މިންވަރަކީ އެގައުމެއްގެ ކުރިއެރުމާއި ތަރައްގީއާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *