ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމް ޝަޠޫ މިސްއަށް

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން އާންމު ޚިދުމަތުގެ އިނާމް އަމީނިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރ ފޮރ ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް، ޝަޠުރަތު ޝާކިރަށް ލިބިއްޖެއެވެ. ތައުލީމީ ދާއިރާއިން އާންމުޚިދުމަތުގެ އިނާމް މި އަހަރު ލިބިވަޑައިގަތް އަމައެކަނި ބޭފުޅަކީ ޝަތޫއެވެ.
ދިވެހި ގައުމަށް ޚިދުމަތް ކޮށްދެއްވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ އާންމު ޚިދުމަތުގެ އިނާމް ދެއްވީ ދަރުބާރުގެގޭގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހެވެ.

އަމީނިއްޔާ ސްކޫލްގައި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ " ޑްރީމް ކުލާސް" އުފައްދަވައި، އެފަދަ ކުދިންގެ ބެލެނިވެރިންގެ އިތުބާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝަޠޫ ވަނީ ހޯއްދަވާފައެވެ.

2004 ވަނަ އަހަރު ޕްރައިމަރީ ޓީޗިންގ ނިންމަވައި، އުނގެނުމުގެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދެއްވުމަށް އެންމެ ފުރަތަމަ ކުލާހަށް ވެންނެވި ދުވަސް ޝަޠުރަތަށް ސިފަކުރެއްވުނީ، ވަރަށް އާދަޔާ ޚިލާފު ދުވަހެއްގެ ގޮތުގައެވެ. ސަބަބަކަށްވީ އެފަދަ ކުދިންނަށް އެހީތެރިވެދޭނެ އަދި އެ ކުދިންގެ ފަރާތުން ފެންނަ ތަފާތު ކަންތައްތައް ހައްލުކުރާނެ އެކިއެކި އުކުޅުތައް އެނގިވަޑައިގެންފައި ނެތުމެވެ. އެކަމަކު އޭރު ރާއްޖޭގައި ތިއްބެވި މަދު ޓީޗަރުންގެ އެހީތެރިކަމާއެކު ކުރިއަށް ވަޑައިގަތީއެވެ. އަދި މަކަމުގެ ޝައުޤުވެރިކަން ބޮޑުކަމުން މި ރޮނގުން ޑިޕޮލަމާއެއް ފުރިހަމަ ކުރެއްވުމުގެ ފުރުޞަތު ރާއްޖެއިން ބޭރުން އަމިއްލައަށް ހޯއްދެވިއެވެ. އަމިއްލަ ތަނަވަސްކަމާއި ޤާބިލުކަން ނެތުމާއެކު، އެކި ފަރާތްތަކުގެ އެހީތެރިކަމަށް އޭރު އެދުނު ނަމަވެސް، ގިނަ މީހުން ދެކެމުން ދިޔައީ އެފަދަ ކުދިންނަށް ނުކިޔެވޭނެ ކަމާއި، އެހާބޮޑު ޚަރަދެއް ކުރުމަކީ ބޭނުންތެރި ކަމެއް ނޫންކަމަށެވެ.

ޑިޕޮލަމާ ކޯސް ފުރިހަމަ ކުރައްވައި މާލެ ވަޑައިގެން، އިމާދުއްދީނު ސްކޫލްގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކުލާހާ ގުޅިވަޑައިގަތެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް މެދުކެނޑުމެއްނެތި ޝަތުރަތު ގެންދަވަނީ، ފަންނީ ލަފަޔާއި އިރުޝާދު ދެމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންގެ ބެލެނިވެރިން ހޭލުންތެރި ކުރެއްވުމަށް ތަފާތު ސެޝަންތައް ބާއްވަމުން ގެންދަވައެވެ. މިގޮތުން އެކިއެކި ރަށްރަށަށް ވަޑައިގެން، އެއްގޮތަކަށްވެސް އެހީތެރިކަން ނުލިބޭ ފަރާތްތަކުގެ އާއިލާތަކަށް ޒިޔާރަތް ކުރައްވައި، ބެލެނިވެރިންނާ ވާހަކަ ދައްކަވައި، ދަރިވަރުން ސްކޫލްތަކަށް ކިޔަވަން ފޮނުވުމަށް އެހީތެރިވެދެއްވައި، ކުރިއަށްދާންވީ މަގު ދައްކުވައިދެއްވައެވެ. އަދި މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާއި ޖަމުއިއްޔާތަކާ ބައްދަލުކުރައްވައި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދިނުމަށް އެކިއެކި ކުލާސްތަކާއި، އެ ކުލާސްތަކުގެ ސެޓަޕް ތައްޔާރު ކުރުމުގައި ލަފަޔާއި އިރުޝާދު ދެއްވައެވެ.

އުނގެނުމުގައި ތަފާތު އެހީތެރިކަން ބޭނުންވާ ދަރިވަރުންގެ ހުނަރުތައް ދެއްކުމަށް ތަފާތު ޕުލެޓްފޯމްތަކުން ފުރުޞަތު ހޯއްދަވައި ދެއްވުމާއި، މުޖުތަމައުގައި އެހެން ކުދިންނާއެކު ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރުވުމަށް ޝަޠުރަތު ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. މީގެ އިތުރުން އުނގެނުމުގައި ޚާއްޞައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައި ދިނުމަށް އެންއައިއީ އެހީތެރިކަމާއެކު، އިންޑިވިޖުއަލް އެޑިއުކޭޝަން ތަޢާރަފު ކުރައްވައި، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި، އެ ޕުލޭނާ އެއްގޮތަށް ސެޝަންތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ސްކޫލްތަކުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ.
އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގެ ދާއިރާއިން 2011 ވަނަ އަހަރު، އެންމެ ރަނގަޅު ޓީޗަރެއްގެ ގޮތުގައި ފާހަގަކުރައްވައި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ ޓީޗިންގ އެކްސަލަންސް އެވޯޑް ފޮރ ސްޕެޝަލް ނީޑްސް، ޓީޗަރ އޮފް ދަ އިޔަރ ގެ އެވޯޑް ލިބިވަޑައިގެންފައެވެ.

ޝަޠުރަތަކީ ލީޑިންގ ޓީޗަރެއްގެ އިތުރުން އިންކްލޫސިވް އެޑިއުކޭޝަން އެމްބެސެޑަރެއްގެ އަދި އިންކްލޫސިވް އެޑިއުކޭޝަން ކޯޗެއްވެސް މެއެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. މަރުޙަބާ ޝަޠޫ މިސް. ޝަޠޫ މިސްއަކީ ވަރަށް ހިތްވަރާ ޖޯޝާއެކު މަސައްކަތްކުރާ ފަރާތެއް އަދި އެންމެނާވެސް ގުޅޭ ހިތްހެޔޮ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *