ތިނަދޫ ސްކޫލްގެ ދަރިވަރުންގެ ފަރާތުން ބެލެނިވެރިންނަށް، ލޯތްބާއެކު ކާޑެއް

ރަގަބީލުގެ އަޑާއެކު ހުރިހާ ބެލެނިވެރިންވެސް ދިޔައީ ކުލާސްތަކާ ދިމާލަށެވެ. އެމީހަކަށް ލެވުނު ބާރެއް ލާފައެވެ. ކުލާސްތަކަށް ވަންއިރުވެސް އެހެން ދުވަސްތަކާ ތަފާތު ކަމެއް އެއްވެސް ބެލެނިވެރިއަކަށް ފާހަގައެއް ނުވެއެވެ. ބެލެނިވެރިންގެ މޫނު މަތިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ޝުއޫރު ފާޅުވެގެން ދިޔައީ ކުލާސްތަކަށް ވަން ބެލެނިވެރިންނާ ބައްދާލުމަށްފަހު، ވަރަށް ލޯބިވެއޭ ބުނެ ދިއްކޮށްލި މެސެޖުންނެވެ.

މިއީ ގދ. ތިނަދޫ ސްކޫލްގެ ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރަން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތެވެ. ކޮންމެ ކުއްޖަކުވެސް ވަނީ އެކުއްޖެއްގެ މަންމަ ނޫނީ ބައްޕައަށް ނުވަތަ ބެލެނިވެރިއާއަށް އޮތް ލޯބި އެ މެސެޖުގައި ހާމަކޮށް ދީފައެވެ.

ބެލެނިވެރިންގެ ދުވަހުގެ ހަރަކާތްތައް މިއަހަރު ގެންދިޔައީ ހަފްތާއަކަށް ބަހާލައިގެންނެވެ. މިމަހުގެ އެއްވަނަ ދުވަހު ބެލެނިވެރިންގެ ދުވަސް ފާހަގަކުރަން ފެށީ ތިނަދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި ބައިސިކަލް ބުރުންނެވެ. މި ބައިސިކަލް ބުރުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ބައިވެރިވިއެވެ.

ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަޖީބު ވިދާޅުވީ ބެލެނިވެރިންގެ ދުވަސް، ދުނިޔޭގެ ސިއްޙަތު ދުވަހާވެސް ގުޅުވައިލައިގެން ، ބައިސިކަލް ބުރުން ފެށީ ސިއްޚަތާއި ވެއްޓަށް އޮތް ލޯބީ އަންގައިދި ދިނުމުގެ ގޮތުންނެވެ.

އަޖީބު ވިދާޅުވީ ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރަނީ ހުރިހާ ބެލެނިވެރިންނާ ޓީޗަރުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކޮށް، އުފާވެރި ވަގުތުކޮޅެއް ހޯދުމުގެ ބޭނުމުގައެވެ.

" މުބާރާތްތައް ކުރިއަށް ދާއިރު، ކުދިން އައިސް ތިބޭނެ ބެލެނިވެރިންނަށް ސަޕޯޓް ދޭން. މިކަމުން ދަރިވަރިންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި އެކުވެރިކަން އުފެދި ގުޅުން ބަދަހިވޭ " އަޖީބު ވިދާޅުވިއެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރަން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، އޮބްސްޓިކަލް ރޭސް ހިމެނެއެވެ. އަޖީބު ވިދާޅުވީ 250 ބެލެނިވެރިންގެ ތެރެއިން އެދުވަހުގެ ހަރަކާތްތަކުގައި 170އެންހާ ބެލެނިވެރިން ތަފާތު ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އެ ސްކޫލާ ދޭތެރޭ ބެލެނިވެރިންގެ ހިތުގައި އޮތް ލޯބި ދައްކުވައިދޭ ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *