ޔުނީފޯމަށް ބަދަލުގެނައީ، އެއް މިންގަނޑެއް ހިފަހައްޓައި، ފަސޭހަކަމާ އެކު ޔުނިފޯމު ލިބުމުގެ މަގުފަހި ކޮށްދޭން

ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމު ބަހައްޓަންޖެހޭ އުޞޫލު ސްކޫލްތަކަށް ތަޢުލީމީ ވުޒާރާއިން މިއަދު ފޮނުވައިފިއެވެ.

މި އުޞޫލު އާންމުކޮށްފައިވާއިރު، މި ބަދަލު ގެނައީ، އެއް މިންގަނޑެއް ހިފަހައްޓައި، ފަސޭހަކަމާ އެކު ޔުނިފޯމު ލބުމުގެ މަގުފަހި ކޮށްދޭން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ސްކޫލްތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަޒީރު، ޑރ. އިސްމާއިލް ޝައިފީޢު ވިދާޅުވެފައިވަނީ، ސަރުކާރު ސްކޫލުތަކުގައި ދަރިވަރުން ބޭނުން ކުރާ ޔުނިފޯމަކީ، ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާ އެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ، އެއްޗަކަށް ވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން، ބެލެނިވެރިންނަށް ފަސޭހަކަމާ އެކު ޔުނިފޯމު ލބުމުގެ މަގުފަހި ކޮށްދޭން އެ ވުޒާރާއިން ނުހަނު އިސްކަންދޭ ކަމަށާއި ޔުނިފޯމުގައި އެއްމިންގަނޑެއް ހިފެހެއްޓުމަކީ އެ ވުޒާރާގެ ސިޔާސަތު ކަމަށެވެ.

ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޔުނިފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވާނީ، ތަޢުލީމީ ވުޒާރާގެ ކުލަ އާއި ޤައުމީ ދިދައިގެ ކުލަތަކަށް ނިސްބަތް ވާ ގޮތަށް ކަމަށާއި ފަޓުލޫނުގެ ކުލަތައް ގަދަ ކުލަތަކެއްގައި ބެހެއްޓުމަށް ކަމަށެވެ. މީގެ އިތުރުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންވެސް އެކްޓިވިޓީ ޔުނިފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެއް ނެތް ކަޅުކުލައިގެ ޓްރެކްސޫޓް އެކެވެ.

"ސަރުކާރު ސްކޫލުތަކުގެ ޔުނިފޯމު އުސޫލަށް މި ބަދަލުތައް ގެނައުމުގައި ސްކޫލުތަކުގެ އިސްވެރިންނާ، ވާނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައި. އަދި މި ބަދަލުތަކާއިއެކު ސަރުކާރު ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ބޭނުންވާ ރަސްމީ، ޔުނިފޯމު ބާޒާރުން ފަސޭހަކަމާއެކު ލިބުމުގެ ފުރުޞަތު ފަހިވެގެން ދާނެ" ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ވިދާޅުވެފައިވެއެވެ.

"އެހެންކަމުން މި ދެންނެވި ކަންކަމަށް މަގުފަހިވާނެ. ގޮތްތަކަށް ރިޢާޔަތް ކުރުމަށް ފަހު އެކުލަވައިލެވިފައިވާ ސަރުކާރު" ސްކޫލުތަކުގެ ދަރިވަރުންގެ ޔުނިފޯމު "އުސޫލު މި ސަރކިއުލަރ އާ އެއްކަރުދާސް ކޮށްފައި އެވަނީއެވެ، އަދި، މި އުސޫލަށް، ޢަމަލުކުރަން ފަށާނީ 2027 ގެ ދިރާސީ، އަހަރުން "ފެށިގެންނެވެ. އަދި 2027 ގެ ދިރާސީ، އަހަރު. ފެށުމުގެ ކުރިން ހުރިހާ ސްކޫލަކުންވެސް މި އުސޫލާ އެއްގޮތަށް ސްކޫލު ޔުނިފޯމު ބަދަލުކޮށް ނިންމުމަށް ދަންނަވަމެވެ."

ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، އެންމެ ބޮޑު ބަދަލެއް ގެނައީ ރަސްމީ ޔުނީފޯމަށެވެ. ރަސްމީ ޔުނީފޯމުގެ ކުލައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ހަތަރު ކުލައެކެވެ. އެއީ، ހުދާއި ސްކައި ބްލޫއާއި ޓީ ގްރީން އާއި ލައިޓް ރެޑެވެ. ރަސްމީ ޔުނީފޯމުގެ ތިރި ( ފަޓްލޫނާއި ސްކަރޓާއި ސޯޓް) ގެ ކުލައަކީ ކަޅު ނޫނީ ނޭވީ ބްލޫއެވެ. މި ގެނައި ބަދަލުގައި ކުލަތައް އިޚްތިޔާރު ކުރުން ދޫކޮށްލާފައި ވަނީ އެ ސްކޫލަކަށެވެ.

ސްކޫލްތަޖުގެ އެކްޓިވިޓީ ޔުނީފޯމުގެ މަތި އެ ސްކޫލެއްގެ ކުލައިން ލެވޭއިރު، ތިރިންލާން ބޭނުން ކުރެވެނީ ޑިޒައިނެއް ނެތް ކަޅުކުލައިގެ ޓްރެކްސޫޓެކެވެ.

ކީ ސްޓޭޖް 3ން ފެށިގެން އަންހެން ދަރިވަރުންގެ ގަމީސް ޓޮޕްގެ ޖީބުގައި ކުރިން ހަރުކުރަމުން އައި ބެޖް އަލަށް ގެނައި ބަދަލާއެކު ދެން ހަރުކޮށްފައި ހުންނާނީ އަންހެން ދަރިވަރުން އަޅާ ޓައީގައެވެ. ފައުންޑޭޝަން އަދި ކީ ސްޓޭޖް 1 އަދި 2ގެ ދަރިވަރުންގެ ބެޖު ހުންނަން ޖެހޭނީ ޔުނޯފޯމުގެ ޖީބުގައި ހަރުކޮށްފަ އެވެ. ކީ ސްޓޭޖް 3 އަދި 4ގެ ދަރިވަރުން ޔުނީފޯމާއެކު ޓައީ އަޅާނީ ސްކޫލުން ބޭނުންވާ ނަމަ އެވެ. ނަމަވެސް ކީ ސްޓޭޖް 5ގެ ދަރިވަރުންނަށް ޓައީ އަކީ ޔުނީފޯމުގެ ބައެކެވެ. ޓައީ އަޅަން ޖެހޭނީ އެ ސްކޫލަކުން ކަނޑައަޅާ ކުލައަކުންނެވެ. ޓައީގައި އެ ސްކޫލެއްގެ ބެޖު ޖަހަން ޖެހެ އެވެ. ފައުންޑޭޝަނާއި ކީ ސްޓޭޖް އެކެއްގެ ފިރިހެން ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ލާނީ ކަކުލުން ތިރިއަށް ހުންނަ ވަރުގެސޯޓެވެ. އަންހެން ކުދިން ލާން ޖެހޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަންހެން ދަރިވަރުންނަށް ސްކާޓާއެކު ބޭނުން ނަމަ ހަރުވާޅު ވެސް ލެވޭނެއެވެ.

ބުރުގާ އަޅާ ދަރިވަރުންނަށް ޔުނީފޯމު ކުލައިގެ ގަދަ ކުލައެއް ބުރުގާއަށް ބޭނުން ކުރެވޭނެއެވެ. އެއީ ނޭވީ ބްލޫ، ރޯޔަލް ގްރީން ޑާކް ރެޑް ނުވަތަ ހުދު ކުލަ ބޭނުން ކުރުމެވެ. ނޫނީ ފަޓުލޫނު ނުވަތަ ސްކާޓް ކުލައިގެ ބުރުގާ ބޭނުން ކުރެވޭނެއެވެ.

އެކްޓިވިޓީ ޔުނީފޯމާއެކު ސްކާޓްލާ ނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެއެވެ.

ޔުނީފޯމަށް ގެނައި ބަދަލާއެކު ސްކޫލްތަކުގެ ޕްރިފެކްޓަރުންނާއި އިސްވާރުންގެ ޔުނީފޯމްގެ ކުލައަށް ބަދަލެއް ނާންނާނެއެވެ. ޕްރިފެކްޓް ދަރިވަރުން ބޭނުންކުރާނީ އެކަމަށް ޚާއްޞަ ޓައީއެވެ. އިސްވާރުންގެ ތެރެއިން ސޫޓް ބޭނުން ކުރާނީ ސްކޫލް ކެޕްޓަނާއި ޑެޕިއުޓީ ކެޕްޓަނާއި އެކްޓިވިޓީ ކެޕްޓަންގެ އިތުރުން ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަނެވެ. ސޫޓްގެ ގޮތުގައި ބޭނުން ކުރެވޭނީ ފަޓްލޫނު ނުވަތަ ސްކާޓާ އެއްކުލައެއްގެ ސޫޓެކެވެ. ސޫޓާއެކު ސޭޝްއެއް ބޭނުމެއް ނުކުރެވޭނެއެވެ. ސްޓޫޑެންޓް ކައުންސިލުގައި ހިމެނޭ ދަރިވަރުންނަށް ރަސްމިއްޔާތުތަކުގައި ސްކޫލުން ކަނޑައަޅާ ގޮތެއްގެ މަތިން ސޭޝްއާއި ސޫޓް ބޭނުން ކުރެވެއެވެ.

ޔުނޯފޯމަށް ގެނައި ބަދަލު ތަންފީޒު ކުރާނީ 2027 ވަނަ ދިރާސީ އަހަރުން ފެށިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *