މި ފަސް އަހަރު ނިމޭއިރު އޭލެވެލް އެއީ ސްކޫލް ނިންމާ މަރުޙަލާކަމުގައި ކަނޑައަޅާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށާއި ފާއިތުވި އަހަރު އަތޮޅުތރޭގެ 23 ސްކޫލެއްގްއި ފެށި ޕައިލެޓް ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގައި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 38 އިންސައްތަ އިތުރުވި ކަމަށެވެ. އަދި ސަރުކާރު ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު 77 އިންސައްތަ އިތުރުވި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ ޕްރޮގްރާމް މާލޭގައި ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދަން މާލެއާއި ހުޅުމާލޭގައި ހުރި ސީއެޗްއެސްސީގައި ޖާގަ ވެސް އެބަހުރި ކަމަށެވެ.
އޭލެވެލްއަށް ކިޔެވުން މިހާރު ވެސް ގިނަ ކުދިން މަހުރޫމް ވަމުންދާކަން އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، އޭލެވެލް ކިޔަވަން ފުރުޞަތު ފަހިކޮށް، ކުދިން ބާކީ ކުރުމުގެ ސަޤާފަތް ނައްތާލައްވާނެ ކަމަށެވެ،
"ބާކީ ކުރުމުގެ ސަޤާފަތް ނައްތާލައި ރާއްޖޭގައި އޭލެވެލް އެއީ ސްއކޫލް ނިންމާ މަރުހަލާގެ ގޮތުގައި މި ފަސްއަހަރު ނިމިގެންދާއިރު ކަނޑައެޅިގެން ދިއުމަކީ ވަރަށް ބޮޑު ކަމެއް ކަމުގައި ފާހަގަކުރަން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރުވާންޖެހޭ ކަމަށާއި 2024 ވަނަ އަހަރު ޔުނިވަރސިޓީތތަކަށް ވަދެވޭ ވަރަށް އޭލެވެލްއިން ފާސްވިކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރުވެފައިވާ ކަމަށެވެ. އެއީ ލިބުނު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ހިޔާލު