ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ އެއްބަނޑު އެއްބަފާ ތިން ބެއިން، މޫސާ މުހައްމަދު ސޯލިހު (މޫސަބެ) އާއި ޝާޒްލީ އާއި ހުސައިން ޝަޔާޒް މާސްޓަރސް ޑިގްރީ ޙާޞިލް ކުރައްވައިފިއެވެ.
މި ތިން ބެއިން ޑިގްރީ ޙާޞިލްކުރައްވައި ސެޓްފިކެޓް ހޯއްދެވީ މީގެ ދެ އަހަރު ކުރިން، އޭރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ސޯލިޙްގެ އަތްޕުޅުންނެވެ.
ޤުރުއާން ހިތުދަސް މި ތިން ހާފިޒުން މާސްޓަރސް ޑިގްރީ ހާޞިލް ކުރެއްވީ އިސްލާމިކް ރިވެލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. މި ތިން ބެއިންނަށް ސަނަދު ހަވާލުކޮށް ދެއްވީ، ރޭ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
ކިޔެވުމުގެ ދަތުރު މި ތިން ބެއިން ފެއްޓެވީ އެކީގައެވެ. ހާފިޒު ކަމުގެ ކޯސް ނިންމައި ކުރިމަތިލެއްވީ، ގާރީ ކޯހާއި އިމާމު ކަމުގެ ކޯހަށެވެ. އޭގެ ފަހުން ޑިޕްލޮމާ ނިންމައި، ޑިގްރީއަށްފަހު މާސްޓަރސް ވެސް ހާޞިލް ކުރެއްވީ ތިން ބޭފުޅުން އެކީގައެވެ.
މި ތިން ބެއިންގެ ތެރެއިން މޫސަބެ އަކީ ހިންނަވަރު ބޮޑު މިސްކިތުގެ އިމާމެވެ. އެ މިސްކިތުގެ އިމާމުކަން އޭނާ ކުރައްވާތާ މިހާރު 13 އަހަރު ވަނީއެވެ.


advertisment
ހިޔާލު